ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލަށް ކުރިމަތި ނުލެވޭގޮތަށް އެ އެސޯސިއޭޝަންގެ ރައީސްކަމުގެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފިއެވެ.

އެފްއޭއެމުން މިއަދު ގެޒެޓްގައި އާންމުކޮށްފައިވާ އިއުލާނުގައިވާ ގޮތުން، އަންނަ މަހުގެ 26 ވަނަ ދުވަހު އިންތިހާބު ބާއްވާނެއެވެ. އަދި އެ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު މިހާރުވަނީ ހުޅުވާލާފައެވެ.

އެގޮތުން އިންތިހާބަށް ކުރިމަތިލާން ފޯމު ހުށަހަޅަންޖެހެނީ ރައީސްކަމަށް ވާދަކުރާ ކެންޑިޑޭޓުގެ ފަރާތުންނެވެ. އަދި އޭނާގެ އެކްސްކޯގެ މެންބަރުންގެ ގޮތުގައި ދެ ނައިބު ރައީސުންނާއި އެކްސްކޯގެ އާންމު ހަތް މެންބަރުންގެ ލިސްޓް ހުށަހަޅަންޖެހެއެވެ.

އިންތިހާބަށް ކޮށްފައިވާ އިއުލާނުގައިވާ ގޮތުން، ކެނޑިޑޭޓުންގެ ޝަރުތުތަކުގެ ތެރޭގައި އިންޓެގްރިޓީއާ ގުޅުން ހުރި އެއްވެސް މައްސަލައެއްގައި ފީފާއިން ފިޔަވަޅު އަޅާފައިވާ މީހަކަށް ނުވުން ހިމެނެއެވެ. އަދި، ކުރިމަތިލާ ކެންޑިޑޭޓެއްގެ މަދަނީ އަދި ޖިނާއީ ދައުވާއެއް އުފުލިފައިވާނަމަ އެކަމުގެ ތަފްސީލް ހިއްސާ ކުރަން ޖެހޭނެކަމަށް ބުނެފައިވެއެވެ.

މި ދެ ޝަރުތަށް ބަލާއިރު ވެސް އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމަށް މި މަގާމަށް ކުރިމަތި ލުމުގެ ފުރުސަތު ވަނީ ގެއްލިފައެވެ. އެއީ މިދިޔަ ޖޫން މަހު، ފީފާއިން ކޮރަޕްޝަންގެ ތުހުމަތުތަކެއްގައި، ބައްސާމް ނުވަ މަސް ދުވަހަށް ފުޓްބޯޅައިގެ ހުރިހާ ހަރަކާތަކުން ސަސްޕެންޑްކޮށްފައިވާތީއެވެ.

އޭގެ އިތުރުން ބައްސާމްގެ މައްޗަށް ރާއްޖޭ ކޯޓުތަކުގައި ގިނަ ދައުވާތަކެއް އުފުލާފައިވާއިރު އޭގެ ތެރޭގައި، ހިޔާނާތާއި މަނީ ލޯންޑަރިންގެ މައްސަލަތައް ވެސް ހިމެނެއެވެ.

މި އިންތިހާބަށް ކުރިމަތިލުމުގެ ސުންގަޑި މި އަންނަ މަހުގެ 6 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން