ރައީސް ޑރ. މުޢިއްޒު އާއި، އުއްތަމަ ފަނޑިޔާރު މުއުތަސިމް
ރައީސް ޑރ. މުޢިއްޒު އާއި، އުއްތަމަ ފަނޑިޔާރު މުއުތަސިމް
ސަރުކާރުން ފަނޑިޔާރުންގެ ގާނޫނަށް ގިނަ އިސްލާހުތަކެއް ހުށައަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން، ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ ޕީއެންސީގެ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ އެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ފަނޑިޔާރުންގެ ގާނޫނަށް ހުށަހެޅި އިސްލާހުތަކުގެ ފުރަތަމަ ކިޔުން އިއްވާފައެވެ.

ސަރުކާރުން މިބިލު ހުށައެޅި މަޤުސަދެއް ކަމުގައި ބުނެފައިވަނީ، ފަނޑިޔާރުންނަކީ ފަނޑިޔާރުކަމުގެ މަގާމާއި ޝަރުއީ ދާއިރާގެ މުސްތަގިއްލުކަން ދެމެހެއްޓޭނެ ގޮތަށް އަދި ޝަރުއީ ދާއިރާގެ އިތުބާރު ދެމެހެއްޓޭނެ ގޮތަކަށް މަސްއޫލިއްޔަތު އަދާކުރާ ބައެއްކަން ކަށަވަރުކުރުމާއި ފަނޑިޔާރުން އަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑުތައް ގާނޫނަކުން ކަނޑައެޅުމަށް ކަމަށެވެ.

ފަނޑިޔާރުންގެ ޤާނޫނަށް ހުށައަޅާފައިވާ އިސްލާހުތަކުގެ ތެރޭގައި، ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރު ބެލުމާ ގުޅޭ އުސޫލުތައް އިތުރަށް ތަފްސީލުކުރުމާއި، ފަނޑިޔާރުން އައްޔަންކޮށްފައިވާ ކޯޓު ނޫން އެހެން ކޯޓަކަށް ބަދަލުކުރުމުގެ އުސޫލުތަކާއި ފަނޑިޔާރުން ވިޔަފާރި ކުރުމާއި މާލީ މުއާމަލާތްތައް ކުރުމާގުޅޭ އުސޫލުތައް ތަފްސީލު ކުރުމުގެ އިތުރުން ފަނޑިޔާރުން މާލީ ބަޔާން ހުށަހެޅުމުގެ އުސޫލުތައް ހިމަނާފައިވެއެވެ.

ހަމައެއާއެކު ފަނޑިޔާރަކާ މައްސަލައެއް ހަވާލުކުރާ ދުވަހުން ފެށިގެން އެއް އަހަރުގެ ތެރޭގައި އެމައްސަލާގައި ގޮތެއް ކަނޑައެޅިފައި ނުވާނަމަ، އެކަން ސަބަބާއެކު ކޯޓުގެ އިސް ފަނޑިޔާރަށާއި ޖޭއެސްސީއަށް އަންގަން ޖެހޭނެއެވެ. އަދި އެމައްސަލަ ކުރިއަށްދާ ގޮތާ ގުޅޭގޮތުން މަހަކު އެއް ފަހަރު އިސް ފަނޑިޔާރަށް މައުލޫމާތު ދޭން ޖެހޭނެ ކަމަށް އިސްލާހުގައި ބުނެފައިވެއެވެ.

ފަނޑިޔާރެއްގެ މަގާމުގައި ހުރި މީހަކު ފަނޑިޔާރުކަމުން ވަކިވެއްޖެ ނަމަ ނުވަތަ އެއްވެސް ސަބަބަކާ ހުރެ ފަނޑިޔާރުން ވަކިކޮށްފިނަމަ އެ ވަކިވި ނުވަތަ ވަކިކުރި ތާރީހުން ފެށިގެން ދެ އަހަރު ވަންދެން، އެ ފަނޑިޔާރަކު ފަނޑިޔާރުކަމުން ވަކިވާ ދުވަހާ ހަމައަށް ނުވަތަ ވަކިކުރުމާ ހަމައަށް ފާއިތުވި ތިން އަހަރު ފަނޑިޔާރުކަަން ކޮށްފައިވާ އެއްވެސް ކޯޓަކަށް އެއްވެސް މައްސަލައެއްގައި ގާނޫނީ ވަކީލެއްގެ ގޮތުގައި ހާޒިރުނުވެވޭނެ ގޮތަށްވެސް ވަނީ އިސްލާހު ހުށައަޅާފައެވެ.

މީގެއިތުރުން ފަނޑިޔާރުންނަށް މަގާމުގެ ކުރިއެރުން ދޭން ހާއްސަ ކޮމިޓީއެއް އެކުލަވާލައި ފަނޑިޔާރުންގެ ފެންވަރު ވަޒަންކުރުމަށް ފަހު، މަސައްކަތުގެ ފެންވަރު ބެލުނު ގޮތާއި ކަނޑައެޅުނު ނަތީޖާ އާއި އެ ނަތީޖާއަށް ވާސިލުވި ގޮތުގެ ރިޕޯޓެއް އެކުލަވާލައި އެ ރިޕޯޓުގެ ކޮޕީއެއް ވެސް ފަނޑިޔާރަށް ދޭންޖެހޭނެ ކަމަށް ބިލުގައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން