މަޖިލީހުގެ ބައެއް މެންބަރުން
މަޖިލީހުގެ ބައެއް މެންބަރުން
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ކުރީ ސަރުކާރުން ހުޅުމާލެ ފޭސް ދޭއްގައި ތަރައްޤީ ކޮށްފައިވާ 4،000 ފްލެޓު ހަވާލުކުރުން ލަސްކުރަމުންދާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަނެ ބޭރުކޮށްލައިފިއެވެ.

މިއަދުގެ ޖަލްސާއަށް ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ހުށަހެޅުއްވި ކުއްލި މައްސަލާގައި ބުނެފައިވަނީ، އެމްޑީޕީގެ ސަރުކާރުން ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުރަތަމަ އިމާރާތްކުރި 4،000 ފްލެޓު ލިބޭނެ ފަރާތްތައް ކަނޑައަޅާފައި ވިނަމަވެސް، އެ ފަރާތްތަކާ ފްލެޓު ހަވާލުކުރުން މިސަރުކާރުން ލަސްކުރަމުންދާ ކަމަށެވެ. އެހެންކަމުން އެ މައްސަލައާ މެދު މަޖިލިހުގައި ބަހުސް ކުރުމަށް ކުޑޫ ހުށައެޅުއްވިއެވެ.

ނަމަވެސް މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ މަޖިލިހުގެ ގަވާއިދުގައި، ކުއްލި މައްސަލައަކީ ވޭތުވެދިޔަ ހަތް ދުވަހުގެ ތެރޭގައި ހިނގާފައިވާ ކަމަކާ ގުޅޭ މައްސަލައަކަށް ވާން ވާނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.

"އިއްޒަތްތެރި މެމްބަރު ފޮނުއްވާފައިވާ މައްސަލައިގައި، މި ދެންނެވި ޝަރުތު ފުރިހަމަ ނުވާތީ އެ މައްސަލަ ކުއްލި މައްސަލައެއްގެ ގޮތުގައި ހުށަހެޅުއްވެން ނެތް ވާހަކަ ދަންނަވަމެވެ." އަބްދުއްރަހީމް ވިދާޅުވިއެވެ.

މަޖިލީހަށް ކުޑޫ ހުށައެޅުއްވި މައްސަލައިގައި ބުނެފައިވަނީ، ފްލެޓު ދޫކުރުމުގައި ބަލާނީ ކުރީ ސަރުކާރުން 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހު އާންމުކޮށްފައިވާ ލިސްޓަށް ކަމަށް، މިދިޔަ މެއި މަހުގެ 25 ވަނަ ދުވަހު ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބް ވިދާޅުވެފައިވާ ކަމަށެވެ.

ނަމަވެސް ފްލެޓުތައް ހަވާލުކުރުމުގެ އެއްވެސް މަސައްކަތެއް މިއަދާ ހަމައަށްވެސް ސަރުކާރުން ކުރިއަށް ގެންގޮސްފައި ނުވުމަކީ ފްލެޓުތައް ލިބޭ ފަރާތްތަކުގެ ކަންބޮޑުވުން އެކަމުގައި އިންތިހާއަށް އޮތްކަމެއް ކަމުގައި އެ މައްސަލައިގައިވެއެވެ.

އަދި މިކަމަކީ ވަރަށް ގިނަ ރައްޔިތުންގެ ދިރިއުޅުމާ ގުޅިފައިވާ މުހިންމު ކަމެއް ކަމަށާއި، ބޯހިޔާވަހިކަމުގެ ދަތިކަމަކީ ޒުވާނުން މަސްތުވާތަކެތި ބޭނުންކުރަން ފެށުމާއި ކުށުގެ މާހައުލަށް ގެނބިގެން ދިއުމާއި އަދި އެހެނިހެން ވެސް އިޖުތިމާއީ އެތައް މައްސަލަތަކެއްގެ އެންމެ ބޮޑު އަސްލުކަން މައްސަލާގައި ފާހަގަ ކޮށްފައިވެއެވެ.

އޭގެއިތުރުން ފްލެޓުތައް ހަވާލުކުރުން އިތުރަށް ލަސްކުރަމުންދާ ނަމަ، ބޯހިޔާވަހިކަމުގެ ދަތިތައް ކުރިމަތިވެފައިވާ، އާއިލާތަކުގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުވުމުގެ ބަދަލުގައި، އިޖުތިމާއީ މައްސަލަތައް އިތުރުވަމުން ދިޔުމުގެ ނުރައްކާ އޮތް ކަމަށް ކުޑޫ ހުށަހެޅުއްވި މައްސަލައިގައި ވަނީ ފާހަގަކޮށްފަ އެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ކުރީ ސަރުކާރުން ހުޅުމާލެ ފޭސް ދޭއްގައި ތަރައްޤީ ކޮށްފައިވާ 4،000 ފްލެޓު ހަވާލުކުރުން ލަސްކުރަމުންދާ ކަމަށް ބުނެ ކުއްލި މައްސަލައެއް މަޖިލީހަށް ހުށައަޅާފައިވާއިރު، ޖުލައި މަހުގެ ތެރޭގައި ފްލެޓުތަކުގެ އެގްރިމެންޓް ހެދުމުގެ މަސައްކަތާއި ހަވާލުކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވާނެ ކަމަށް މިނިސްޓަރ މުއްޠަލިބު ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން