ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް (ޑީބީއެމް) ގެ ބޯޑަށް ހަތަރު މެންބަރަކު އައްޔަނުކޮށްފިއެވެ.

ޕްރަވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިއަދު ބުނީ، އެ ބެންކަށް މެންބަރުން އައްޔަނުކުރީ ދައުލަތުގެ ވިޔަފާރި ތަންތަން ޕްރަވަޓައިޒްކުރުމާއި ކޯޕަރަޓައިޒްކުރުމާއި މޮނިޓާކޮށް އިވެލުއޭޓްކުރުމުގެ ގާނޫނުގައިވާ ގޮތުގެ މަތިން ކަމަށެވެ.

ޑީބީއެމްގެ ބޯޑަށް އައްޔަނުކުރި މެންބަރުންނަކީ:

މއ. މާފުނަ، ޙަސަން މިރާސް

މ. ލަންސިމޫގެ، އަޙްމަދު އަޒްޔާން ޙަމީދު

ދ. ކުޑަހުވަދޫ، ތިކުރީތު، މަޢީޝާ އިބްރާހިމް

ގދ. ރަތަފަންދޫ، ޗަނބޭލީވިލާ، އަޒްމީން ރަޝީދު

މި ސަރުކާރުން މުޅީން އަލަށް އުފެއްދި އެ ބެންކުގެ ހިންގުން މިހާތަނަށް އޮތީ ވަރަށް ބޮޑަށް މަޑުޖެހިފައެވެ. ހާއްސަކޮށް ކުރު މުއްދަތެއްގައި ބެންކުގެ ސީއީއޯ އިސްތިއުފާ ދެއްވުމާއި އޭގެ މާ ގިނަ ދުވަސްތަކެއް ނުވެ މިދިޔަ މަހުގެ 23 ވަނަ ދުވަހު, އެ ބޭންކުގެ ބޯޑު މެންބަރު ކަމުގެ މަގާމުގައި ހުންނެވި މއ. ވޭސައިޑް, 805 ފްލެޓް، އަޙްމަދު ޢަލީ އިސްތިއުފާދިނުން ވެސް ފާހަގަ ކޮށްލެވެއެވެ.

މިއަދު އައްޔަނުކުރި ހަތަރު މެންބަރުން އައްޔަނުކުރިއިރު، ޑީބީއެމްގެ ހިދުމަތް ރަސްމީކޮށް ދޭން އަދި ވަނީ ނުފެށިއެވެ. ނަމަވެސް އެ ތަނަށް ދައުލަތުން މިދިޔަ މާރިޗު 25ގެ ނިޔަލަށް 6.5 މިލިއަން ރުފިޔާ ހޭދަ ކޮށްފައިވާކަން ފިނޭންސް މިނިސްޓްރީން ވަނީ ބުނެފައެވެ.

އޭގެ އިތުރުން އެ ބެންކު ހިންގަން އެލައިޑް ބިލްޑިންގުން ދޫކޮށްފައިވާ ތަނަށް ހަތަރު މަހުގެ ކުލި ނުދައްކާ އޮތްކަން ވެސް މިފަހުން ވަނީ ހާމަވެފައެވެ.



ކިޔުންތެރިންގެ ހިޔާލު