ބޮޑުކަންނެލި މަސްވެރިންގެ އިޙްތިޖާޖެއްގެ ތެރެއިން
ބޮޑުކަންނެލި މަސްވެރިންގެ އިޙްތިޖާޖެއްގެ ތެރެއިން
ބޮޑު ކަންނެލި މަސްވެރިން ބާނާ މަސް ނުކިރޭތީ މަޖިލީހަށް ހުށައެޅި ކުއްލި މައްސަލަ ބަލައިގެންފިއެވެ.

ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީއަށް ނިސްބަތްވާ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު މިއަދުގެ ޖަލްސާއަށް ހުށައެޅުއްވި މި ކުއްލި މައްސަލަ ބަލައިގެންފައިވަނީ 40 މެންބަރުން ވޯޓު ދެއްވައިގެންނެވެ.

އެގޮތުން ޒިޔާދު މި ކުއްލި މައްސަލަ ހުށައެޅުއްވި ސަބަބެއްކަމަށް ވިދާޅުވީ، ބޮޑު ކަންނެލި މަސްވެރިން ބާނާ މަސް ކިރޭނެ ގޮތެއް ނެތި، 120 ޓަނަށްވުރެ ގިނަ މަސް މިހާރު ވެސް ހަލާކުވާތީ އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ކަމަށެވެ.

އަދި ކަންނެލި ކިލޯއެއްގެ އަގު 80 ރުފިޔާ އާއި 100 ރުފިޔާއާ ދެމެދު ބެހެއްޓުމާއި، މިފްކޯގެ ހިއްސާ މަސްވެރިންނަށް ދިނުމާއި، މި އަހަރު ތެރޭ ހުޅުމާލޭގައި ކަންނެލި މަސް ޕްރޮސެސް ކުރާ ފެކްޓަރީއެއް އެޅުމަކީ ރައީސްގެ ވައުދުތަކެއް ކަމަށާއި، އެކަންކަން އަދިވެސް ނުފެށޭ ކަމަށް ޒިޔާދު ހުށަހެޅުއްވި މައްސަލާގައި ބުނެފައިވެއެވެ.

އަދި ރައީސްގެ މި ވައުދުތަކާ ގުޅިގެން ރައީސް މުއިއްޒަށް ގިނަ އަދަދެއްގެ މަސްވެރިން ވޯޓުދިން ކަމަށާއި މިއަދު އެމީހުން ތިބީ މާޔޫސްވެފައި ކަމަށް ޒިޔާދު ވިދާޅުވިއެވެ.

އޭގެ އިތުރުން މެމްބަރު ޒިޔާދު ވިދާޅުވީ، މަސްވެރިކަން ރަނގަޅުވާ ކޮންމެ ފަހަރަކުވެސް މަސްކިރޭނެ ގޮތެއް ނެތި މަސްވެރިންނަށް އެތަކެއް ތަކުލީފެއް އުފުލަން ޖެހޭކަމަށެވެ. އަދި މަހުގެ ޑިމާންޑު މައްޗަށްދާ ދަނޑިވަޅު ތަކުގައިވެސް ރަނގަޅު އަގުގައި މަސް ނުކިރުމުގެ ކަންބޮޑުވުން މަސްވެރިން ފާޅުކުރަމުންދާކަން މައްސަލާގައި ވަނީ ފާހަގަ ކޮށްފައެވެ.

މި މައްސަލައަށް ކަނޑައަޅާފައިވާ 1 ގަޑިއިރުގެ ބަހުސް ކުރުމުގެ ވަގުތު ހަމަވުމުގެ ކުރިން މަޖިލީހުގެ ރިޔާސަތުން ވަނީ މިއަދުގެ މަޖިލީހުގެ ޖަލްސާ ނިންމަވާ ލައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން