އިސްލާމީ ކުތުބުޚާނާ
އިސްލާމީ ކުތުބުޚާނާ
މާލޭ ސަލްމާން މިސްކިތުގައި ތަރައްޤީ ކުރަމުންދާ އިސްލާމީ ކުތުބުޚާނާ މި މަހުގެ 12 ވަނަ ދުވަހު ރަސްމީކޮށް ހުޅުވުމަށް ހަމަޖެހިފައިވާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ޑރ. ޝަހީމް މިއަދު ވިދާޅުވީ، އިސްލާމީ ކުތުބުޚާނާ ހުޅުވިގެންދާއިރު އެތަނުގައި 15 ހާސް ފޮތް ހުންނާނެ ކަމަށެވެ.

އިސްލާމިކް މިނިސްޓްރީން މީގެކުރިން ބުނެފައިވަނީ، މާލޭގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤާއިމްކޮށްފައިހުރި އަދި އިމާރާތް ކުރަމުންދާ އިސްލާމީ މަރުކަޒު ތަކުގައިވެސް އިސްލާމީ ކުތުބުޚާނާތައް ޤާއިމް ކުރާނެ ކަމަށެވެ.

އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު އިތުރަށް ވިދާޅުވީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤާއިމްކުރެވޭ އިސްލާމީ ލައިބްރަރީތަކަށް ބޭނުންވާ ފޮތްތައް ހޯދުމަށް އެކުވެރި ޤައުމެއްގެ ޔުނިވަރސިޓީއަކާއެކު އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށެވެ. މިގޮތުން ޖުމްލަ 60 ހާސް ފޮތް ލިބޭނެކަމަށް އެ ޔުނިވަރސިޓީން އަންގާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މި ފޮތްތައް ހއ. ދިއްދޫ، ރ. އުނގޫފާރު، ގދ. ތިނަދޫ އަދި އައްޑޫ ސިޓީގައި ޤާއިމްކުރެވޭ އިސްލާމިކް ސެންޓަރ ލައިބްރަރީތަކާއި އެހެނިހެން އަތޮޅުތަކުގައި ޤާއިމްކުރެވޭ އިސްލާމީ ލައިބްރަރީތަކަށް ފޮނުވާނެ ކަމަށް ވަޒީރު ވިދާޅުވެފައިވެއެވެ.

ޑރ. ޝަހީމް މިހެން ވިދާޅުވެފައިވާއިރު، ރާއްޖޭގެ ރަށްރަށުގައި އިސްލާމިކް ލައިބްރަރީތައް ޤާއިމު ކުރުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދެކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން