އީސީގެ ކުރީގެ މެމްބަރު މުހައްމަދު އާސިފް،
އީސީގެ ކުރީގެ މެމްބަރު މުހައްމަދު އާސިފް،
އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުކަމުން މުހައްމަދު އާސިފް ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރި މައްސަލަ ކޯޓަށް ނުބެލޭނެ ކަމަށް ސިވިލް ކޯޓުން ނިންމައިފިއެވެ.

އީސީގެ މެމްބަރުކަމުން އާސިފް އާއި އީސީގެ އޭރުގެ ނައިބު ރައީސް އަލީ ނަޝާތު ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުއެވެ.

އެގޮތުން އާސިފާއި ނަޝާތު ވަކިކުރަން މަޖިލީހުން ނިންމީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ރީރެޖިސްޓްރޭޝަންގައި އޮޅުވާލުމުގެ އަމަލުތަކެއް ހިންގައި، އީސީގައި ހުރި މައުލޫމާތު ވިއްކި ކަމަށް ތުހުމަތުކޮށެވެ.

އެ މައްސަލާގައި ނަޝާތާއި އާސިފްގެ އިތުރުން އެ ކޮމިޝަންގެ މެމްބަރު ޑރ. މުހައްމަދު ޒާހިރަށް ވެސް މަޖިލީހުގެ ކޮމެޓީން އެ ތުހުމަތުތައް ކުރި އެވެ. އެކަމަކު އެ ތިން ބޭފުޅުންގެ ތެރެއިން ނަޝާތާއި އާސިފް ވަކިކުރުމަށްފަހު ޒާހިރު ވަކިނުކުރަން މަޖިލީހުން ފާސްކުރިއެވެ.

މި މައްސަލާގައި އާސިފް ވަކިކުރީ އޭނާގެ މެމްބަރުކަމުގެ މުއްދަތުން އެއް އަހަރަށް ވުރެ ގިނަ ދުވަސް ބާކީ އޮއްވައެވެ.

މެމްބަރުކަމުން ވަކިކުރުމުން އާސިފްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި އެ ކޯޓުން ކުރި ހުކުމްގައި ބުނީ ގާނޫނުއަސާސީގެ 177 ވަނަ މާއްދާގެ (ހ) ގައި ބުނާ ފަދަ ހާލަތެއް އީސީގެ މެމްބަރަކަށް މެދުވެރިވެއްޖެކަމަށް މަޖިލީހުގެ ކޮމިޓީއަކަށް ފެންނަނަމަ، މެމްބަރުކަމުން ވަކިކުރުމުގެ ބާރު މަޖިލީހަށް އޮންނަ ކަމަށެވެ.

ހުކުމުގައި ބުނީ މި މައްސަލައިގައި އާސިފްގެ ފަރާތުން އެދިފައިވަނީ ގާނޫނުއަސާސީން މަޖިލީހަށް ލިބިފައިވާ ބާރުގެ ތެެރެއަށް ވަދެ، މަޖިލީހުން ނިންމި ނިންމުމަކީ ގޯސްކޮށް ނިންމާފައިވާ ނިންމެއް ކަމަށް ކޯޓުން ކަނޑައެޅުމަށް ކަމަށެވެ.

އެހެންނަމަވެސް އެ މައްސަލާގައި އީސީގެ މެމްބަރުކަމުން އޭނާ ވަކިކުރުމުގައި ގާނޫނުއަސާސީގައިވާ އިޖުރާއަތާ ހިލާފް ކަމެއް ހިނގި ކަމަށް އޭނާގެ ފަރާތުން ފާހަގަކޮށްފައި ނުވާ ކަމަށް ހުކުމުގައިވެއެވެ.

އެެހެންވެ، ކޯޓުން އެ މައްސަލަ ބެލުމަކީ ގާނޫނުއަސާސީން މަޖިލީހަށް ލިބިދީފައިވާ ބާރުގެ ތެރެއިން މަޖިލީހުން ނިންމާފައިވާ ނިންމުމަކަށް ގާނޫނުއަސާސީގެ 88 ވަނަ މާއްދާއާ ހިލާފަށް ޗެލެންޖް ކުރުމުގެ ފުރުސަތު ދިނުން ކަމަށްވާނެ ކަމަށާއި އެހެންވެ، ކޯޓުން އެ މައްސަލަ ނުބެލޭނެ ކަމަށް އެ ހުކުމުގައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން