މަރްޔަމް ނަހްދާ ވަޙީދު   5 ޖުލައި 2025 - 10:10
ޒުވާބުތައް ގިނަވުން-
ޒުވާބުތައް ގިނަވުން-
ދިރިއުޅުމުގައި ގުޅުންތަކަކީ ވަރަށް މުހިންމު ދައުރެއް އަދާކުރާ އެއްޗެކެވެ. ޚާއްޞަކޮށް، ދިރިއުޅުމުގެ ބައިވެރިޔާއާ އޮންނަ ގުޅުމަކީ، އުފާވެރިކަމާއި ހަމަޖެހުން ލިބިދޭ ބިންގަލެކެވެ. ނަމަވެސް ބައެއް ފަހަރު މި ގުޅުންތައް ހީނަރުވެ، ދުރުވެގެންދާ މަންޒަރު ފެނެއެވެ. މިފަދަ ގުޅުންތަކަށް ލޮޅުން އަރުވާ ސަބަބުތައް ދެނެގަތުމަކީ، އެ ގުޅުން ރައްކާތެރިކޮށް، ބަދަހިކުރުމަށްޓަކައި ވަރަށް މުހިންމު ކަމެކެވެ.

ބައިވެރިޔާއާ އޮންނަ ގުޅުން ހީނަރުވާ އެންމެ މައިގަނޑު ސަބަބަކީ ރަނގަޅަށް މުއާމަލާތު ނުކުރެވުމެވެ. ހުޅުވާލެވިފައިވާ، ތެދުވެރި މުޢާމަލާތެއް ނެތުމަކީ، ދެމީހުން ދެމެދުގައި ހަމަނުޖެހުންތައް އުފައްދާ އަދި އެއްބަޔަކު އަނެއްބަޔަކަށް އިތުބާރު ކުޑަވާ ސަބަބެކެވެ. ބުނަން ބޭނުންވާ ވާހަކަތައް ނުބުނެ، ނުވަތަ އިހުސާސްތައް ފޮރުވާފައި ބެހެއްޓުމުން، ދެމީހުންގެ ދެމެދުގައި ހީނަރުކަން އުފެދެއެވެ. އެކަކު އަނެކަކުގެ ޝުޢޫރުތަކަށް ސަމާލުކަން ނުދީ، މަޝްވަރާ ނުކުރުމުން، މައްސަލަތައް ހައްލުނުވެ ދިގުދެމިގެން ގޮސް، ގުޅުމަށް ބުރޫ އަރައެވެ. ވީމާ ގުޅުން ބަދަހިކުރުމަށްޓަކައި، ކޮންމެ މައްސަލައެއްވެސް ހިއްސާކޮށް، މަޝްވަރާކުރުމަކީ މުހިންމުކަމެކެވެ.

ކޮންމެ ގުޅުމެއްގެވެސް ބިންގަލަކީ އިތުބާރެވެ. އެކަކު އަނެކަކަށް އިތުބާރު ނެތިއްޖެނަމަ، އެ ގުޅުން ދެމިއެއް ނުހުންނާނެއެވެ. ބައިވެރިޔާއާ އޮންނަ ގުޅުން ހީނަރުވާ ދެވަނަ ސަބަބަކީ އިތުބާރު ނެތިގެން ދިއުމާއި ތެދުވެރިކަން ކުޑަވުމެވެ. ދޮގު ހެދުމާއި، މަކަރުހެދުމާއި، ވައުދާ ޚިލާފުވުން ފަދަ ކަންކަމަކީ އިތުބާރު ކުޑަވާ ސަބަބުތަކެވެ. އިތުބާރު ގެއްލިއްޖެނަމަ، އެ ގުޅުމުގައި ދެމީހުންވެސް ތެދުވެރިކަމާއެކު ދިރިއުޅުމަށް ދަތިވާނެއެވެ. އަދި ކޮންމެ ކަމެއްގައިވެސް ޝައްކުތައް އުފެދި، ހިތްހަމަނުޖެހުން އުފެދޭނެއެވެ. އިތުބާރަކީ އެއްފަހަރު ގެއްލިއްޖެނަމަ އަނބުރާ ހޯދަން ވަރަށް އުނދަގޫ އެއްޗެކެވެ.

މީގެ އިތުރުން އެއްކޮށް ވަގުތު ހޭދަނުކުރުމާއި ބައިވެރިޔާއަށް ދޭ ސަމާލުކަން ކުޑަވުމަކީވެސް ގުޅުން ހީނަރުވާ ކަމެކެވެ. ދިރިއުޅުމުގެ ބުރަ މަސައްކަތްތަކުގެ ތެރޭގައި ބައިވެރިންނަށް އެކަކު އަނެކަކަށް ވަގުތު ދިނުމަށް ދަތިވެދާނެއެވެ. ނަމަވެސް، ގުޅުމެއް ބަދަހިކުރުމަށްޓަކައި، ކޮލިޓީ ޓައިމް ހޭދަކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. އެކުގައި ކަންކަން ކުރުމާއި، ހިތްހަމަޖައްސާލުމާއި، ކޮންމެ ދުވަހެއްގެ ކަންތައްތައް ހިއްސާކުރުމަކީ ގުޅުން ބަދަހިކުރާ ކަންކަމެވެ. ބައިވެރިޔާއަށް ސަމާލުކަން ނުދެވި، ނުވަތަ އެކަކު އަނެކަކަށް ބޭނުންޖެހިފައިވާ ވަގުތުތަކުގައި އެހީތެރިކަން ފޯރުނުކޮށްފިނަމަ، ގުޅުމަށް ނުތަނަވަސްކަން އަންނާނެއެވެ. މިފަދަ ހާލަތްތަކުގައި، އެކަކު އަނެކަކާ ދެމެދު ދުރުކަމެއް އުފެދި، ގުޅުން ހީނަރުވެގެންދާނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން