ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވަޒީރު ޠާރިޤް އިބްރާހީމް
ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވަޒީރު ޠާރިޤް އިބްރާހީމް
ސިންގަޕޫރުގެ އިތުރު އިންވެސްޓްމަންޓްތައް ރާއްޖެއަށް ގެނެވޭނެކަމުގެ އުންމީދު ބޮޑު ކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ސިންގަޕޫރުގައި ބޭއްވި ބިޒްނަސް ފޯރަމަށްފަހު ދައުލަތުގެ މީޑިޔާއަށް ދެއްވި ބަސްދީ ގަތުމެއްގައި ވަޒީރު ވިދާޅުވީ، ސިންގަޕޫރު ފޯރަމްގައި ބޭއްވި ޕެނަލް ޑިސްކަޝަންގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި އިންވެސްޓް ކުރުމަށް ހުރި ފުރުސަތުތަކާބެހޭ މަޢުލޫމާތު ހިއްސާ ކޮށްފައިވާ ކަމަށެވެ.

އަދި މި ފޯރަމްގައި އިންވެސްޓަރުންނަށް ލިބުނު މަޢުލޫމާތުގެ އަލީގައި ރާއްޖެއަށް އިތުރު އިންވެސްޓްތައް ގެނެވޭނެ ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

“މިހާރު ރާއްޖޭގައި އިންވެސްޓްކޮށްގެން ތިބި ފަރާތްތަކުންވެސް އެމީހުންގެ އިންވެސްޓްމަންޓްތައް ފުޅާކުރާނެ ކަމަށް ޤަބޫލުކުރަން،” ޠާރިޤް ވިދާޅުވިއެވެ.

ވަޒީރު ޠާރިޤް މިހެން ވިދާޅުވެފައިވާއިރު، ސިންގަޕޫރު ބިޒްނަސް ފޯރަމްގައި، 100 މެގަވޮޓްގެ ފްލޯޓިންގ ސޯލާ މަޝްރޫޢުގެ ކޮންޓްރެކްޓަރާއެކު ރާއްޖޭން ވަނީ ސޮއިކޮށްފައެވެ. މި މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ އޭޕީއެމް އެސްޕީވީ ޕްރައިވެޓް ލިމިޓެޑާއެވެ. ސަރުކާރުން ބުނެފައިވަނީ، ގާތްގަޑަކަށް 2 އަހަރެއްހާ ދުވަހުގެ ތެރޭގައި އެ މަސައްކަތް ނިންމާލުމަށް އުންމީދުކުރާ ކަމަށެވެ.

ސޯލާ ސިޓީ މަޝްރޫޢަކީ ދިވެހިރާއްޖޭގެ ފުރަތަމަ އެސްއީޒެޑް މަޝްރޫޢުގެ ގޮތުގައި ކަނޑައަޅުއްވާ، މަޝްރޫޢު ކުރިއަށްގެންދަން ލުއިތަކެއްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފައެވެ. ސޯލާ ސިޓީގެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ، މާލެ ސަރަހައްދުގައި ކުޑަބަނޑޮހުގެ އިރުން އޮތް ސަރަހައްދުގައެވެ.

ސިންގަޕޫރުގައި ބޭއްވި އިންވެސްޓްމަންޓް ފޯރަމްގައި 200 އަށް ވުރެ ގިނަ އިންވެސްޓަރުން ވަނީ ބައިވެރިވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން