މުޙައްމަދު ފަޒީލް ރަޝީދު
މުޙައްމަދު ފަޒީލް ރަޝީދު
ބިންވެރިޔާ ސްކީމް މައްސަލައާ ގުޅިގެން ސަސްޕެންޑުގައި ހުރި އެމްޑަބްލިޔުއެސްސީގެ ޑެޕިއުޓީ މެނޭޖިންގް ޑިރެކްޓަރ މުޙައްމަދު ފަޒީލް ރަޝީދު އެމަގާމުން މިއަދު ވަކިކޮށްފިއެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް ގަވާއިދާ ހިލާފަށް އެޗްޑީސީން ހުޅުމާލެއިން ގޯތިތަކެއް ދިން ކަމަށް ބުނާ މައްސަލައެއް ފެންމަތިވެ، ޑޮކިއުމެންޓުތަކެއް ފޯޖުކުރި ކަމަށް ބެލެވޭ ޖިނާއީ މައްސަލައިގެ ތަހުގީގު ފުލުހުން ފެށީ މިދިޔަ ޑިސެމްބަރު މަހުގައެވެ.

މިމައްސަލައާ ގުޅިގެން ފަޒީލްގެ އިތުރުން އޭނާގެ ކޮއްކޮ އަދި އެޗްޑީސީގެ ކުރީގެ އެމްޑީ އިބްރާހިމް ފަޒުލް ރަޝީދުގެ މައްޗަށް ވެސް ވަނީ ތުހުމަތުތަކެއް ކޮށްފައެވެ. އަދި އެދެމީހުން ވެސް އަދާ ކުރަމުންދިޔަ މަގާމުތަކުން ސަސްޕެންޑު ކޮށްފައިވަނިކޮށް ފަޒުލް ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހު އެޗްޑީސީގެ އެމްޑީ ކަމުގެ މަގާމުން އަމިއްލައަށް އިސްތިއުފާ ދެއްވާފައެވެ.

ފަޒީލް ސަސްޕެންޑު ކުރިތާ 7 މަސް ވާން ކައިރިވެފައި ވަނިކޮށް، މިއަދު އެމްޑަބްލިޔުއެސްސީން ބުނީ އެ ކުންފުނީގެ ޑީއެމްޑީ ކަމުގެ މަގާމުން މިއަދުން ފެށިގެން ފަޒީލް ވަކިކުރަން އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވާ ކަމަށެވެ.

އަދި މިއީ އެމްޑަބްލިޔުއެސްސީގެ މަސްލަހަތުތައް ރައްކާތެރި ކުރުމުގެ ގޮތުން ޑިރެކްޓަރުންގެ ބޯޑުން އެޅުއްވި ފިޔަވަޅެއް ކަމުގައި ވެސް އެކުންފުނިން ވަނީ ބުނެފައެވެ.

އެމްޑަބްލިއުއެސްސީން އިތުރަށް ބުނީ ފަޒީލުގެ މައްޗަށް ކުރިއަށް ގެންދެވޭ ތަހުގީގާއެކު އިސްމަޤާމެއްގައި މުސާރަޔާއެކު ދިގު މުއްދަތަކަށް ބެހެއްޓުމަކީ ކުންފުނީގެ މަސްލަހަތު ހިމެނޭ ކަމެއްނޫން ކަމުގައި ބޯޑުން ދެކޭކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު