"ފަޒީސް ހިޖާމާ" ކްލިނިކު ހިންގާ ފަޒީލާ
"ފަޒީސް ހިޖާމާ" ކްލިނިކު ހިންގާ ފަޒީލާ
ހިޖާމާ ޖެހުމުން ބަރުދަން ލުއިވާނެ ކަމަށް "ފަޒީސް ހިޖާމާ" ގެ ނަމުގައި ހިންގާ ޕޭޖުން ބުނުމާ ގުޅިގެން އެ މައްސަލަ ހެލްތު މިނިސްޓްރީން ބަލަން ފަށަައިފިއެވެ.

މީގެ ކުރިން ވެސް ފަޒީސް ހިޖާމާއާ ގުޅޭ ގިނަ މައްސަލަތަކެއް ފެންމަތިވިއެވެ. އޭގެ ތެރޭގައި އެކިއެކި ބަލިތަކަށް ފަރުވާ ދޭ ކަމަށް ބުނެ ދައްކާފައިވާ ވާހަކަތަކާއި ހުއްދަ ނުނަގައި ހިޖާމާ ޖެހުންފަދަ ކަންކަން ހިމެނެއެވެ. ނަމަވެސް ފަހުން މިނިސްޓްރީން ވަނީ ހިޖާމާ ޖެހުމުގެ ހުއްދަ އެ ކްލިނިކަށް ދީފައެވެ.

"ފަޒީސް ހިޖާމާ" ކްލިނިކުގެ ސޯޝަލް މީޑިއާގައި މިއަދު ހިއްސާކުރި ޕޯސްޓެއްގައި ބުނީ ހިޖާމާގެ އެންމެ ސެޝަނަކުން 3-4 ކިލޯ ލުއިކޮށްލެވޭނެ ކަމަށެވެ. އަދި ބަރުދަން ލުއިކުރަން ޑައިޓް ކުރުމާއި ކަސްރަތުކޮށް އަދި ދުވަން ދާކަށް ނުޖެހޭނެ ކަމަށްވެސް ޕޯސްޓުގައި ވެއެވެ.

މީގެ ކުރިން ހިޖާމާ ޖަހައިދެނީ 1000ރ. އަށް ކަމަށާއި، އެހެންނަމަވެސް އެ އަގު މިހާރު 500ރ. އަށް ކުޑަކޮށްފައިވާ ކަމަށްވެސް އެ ޕޯސްޓުގައި ވެއެވެ.

"ހިޖާމާ ޖަހާނީ މަހަކު އެއް ފަހަރު. ﷲގެ ރަހުމަތްފުޅާއެކު އެތައް ސިއްހީ ފައިދާއެއް ލިބޭ." އެ ޕޯސްޓުގައި ބުންޏެވެ.

އަދި ހިޖާމާ ޖަހައިގެން އެއްކިލޯވެސް ލުއި ނުވެއްޖެނަމަ ހިޖާމާ ޖަހަން ހޭދަކުރި ފައިސާގެ އިތުރަށް 1000ރ. ދޭނެ ކަމަށްވެސް އެ ޕޯސްޓުގައި ވެއެވެ.



އޭގެ ފަހުން ވެސް އެ ޕޭޖުން ވަނީ ހިޖާމާ ޕްރޮމޯޓު ކުރުމަށް ޕޯސްޓުތަކެއް ކޮށްފައެވެ. އެގޮތުން ހިޖާމާއަކީ ފަރުވާތަކުގެ ތެރެއިން އެންމެ ހެޔޮ ފަރުވާ ކަމަށް ހަދީސުން ސާބިތުވާ ކަމަށާއި، ހިޖާމާގެ އެންމެ ސެޝަނަކުން ވެސް ބަރުދަން ލުއިވާ ކަމަށް ގަބޫލު ނުކުރާނަމަ އެއީ އީމާންކަން ބަލިކަށިވުން ކަމަށްވެސް ޕޯސްޓެއްގައި ވެއެވެ.

މި ޕޯސްޓުތަކާ ގުޅިގެން ގިނަ ޝަކުވާތަކެއް ލިބިފައިވާ ކަމަށް ހެލްތު މިނިސްޓްރީން ވަނީ މީޑިއާތަކަށް މައުލޫމާތު ދެމުން ބުނެފައެވެ.

އެގޮތުން މިނިސްޓްރީން ބުނީ ހިޖާމާ ޖެހުމުގެ ހުއްދަ ފަޒީސް ހިޖާމާ ކްލިނިކަށް ދީފައިވީނަމަވެސް، ބަރުދަން ލުއިކުރުމާ ގުޅޭގޮތުން ކުރި ޕޯސްޓާ ގުޅިގެން ލިބުނު ޝަކުވާތަކުގެ ސަބަބުން މިހާރު އެ މައްސަލަ ބަލަމުންދާ ކަމަށެވެ.



މި މައްސަަލައާ ގުޅިގެން މިއަދު ހަވީރު ސޯޝަލް މީޑިއާގައި ހިއްސާ ކުރި ޕޯސްޓެއްގައި އެ ކްލިނިކުން ވަނީ ހެލްތު މިނިސްޓްރީން އެ ކްލިނިކާ ގުޅޭ އެއްވެސް މައްސަލައެއް ބަލަމުން ނުދާ ކަމަށާއި، މައްސަލަ ބަލަންޖެހޭ ފަދަ ކަމެއް ކޮށްފައި ނުވާނެ ކަމަށްވެސް ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު