ފޮޓޯ: ރައިސް އޮފީސް
ފޮޓޯ: ރައިސް އޮފީސް
ރާއްޖޭގެ މައި ވައިގެބަނދަރުގެ އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތަށް ރާއްޖޭގައި ވެރިކަން ކުރައްވާފައިވާ ހުރިހާ ރައީސުންނަށް ދައުވަތު އަރުވާނެކަމަށް ރާއްޖޭގެ އެއާރޕޯރޓް ހިންގާ ކުންފުނި، އެމްއޭސީއެލުން ބުނެފިއެވެ.

އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު ވިދާޅުވީ، ޓާމިނަލް ހުޅުވުމުގެ ކުލަގަދަ ރަސްމިއްޔާތަށް ރާއްޖޭގައި ރައީސްކަން ކުރައްވާފައިވާ ހުރިހާ ރައީސުންނަށް ދައުވަތު އަރުވަން އެ ކުންފުނިން ނިންމާފައިވާކަމަށާއި އެ ބޭފުޅުންނަށް ވަކިވަކިން ދައުވަތު ފޮނުވާނެކަމަށެވެ.

އޭގެ އިތުރުން އެ ކުންފުނީގައި ވެރީންގެ ގޮތުގައި މަސައްކަތް ކުރެއްވި ބޭފުޅުންނަށާއި ފަތުރުވެރިކަމުގެ ދާއިރާގެ އިސް ފަރާތްތަކަށް ވެސް ރަސްމިއްޔާތަށް ދައުވަތު އަރުވާނެ ކަމަށް ވިދާޅުވިއެވެ.

އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތު އޮންނާނީ ރާއްޖޭގެ މިނިވަން ދުވަހާއި ގުޅުވައި މި މަހުގެ 26 ވަނަ ދުވަހުއެވެ. ޓާމިނަލް ހުޅުވައިދެއްވާނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.

މި ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތަށް ކުރީގެ ރައީސުންނަށް ދައުވަތު އަރުވާގޮތަށް ނިންމާފައި މިވަނީ، އެކި ފަރާތްތަކުން ޓާމިނަލްގެ އަސްލު ކުރެޑިޓު ދޭންވާނީ ކުރީގެ އެކި ވެރިންނަށް ކަމަށް ބުނެ ބަހުސްތައް ކުރަމުން ދަނިކޮށެވެ. އެއާއި ގުޅިގެން ރައީސް މުއިއްޒު މިއަދު ވިދާޅުވެފައިވަނީ، ޓާމިނަލްގެ ކުރެޑިޓު އެ މަސައްކަތް ކުރިއިރު ވެރިކަން ކުރެއްވި ހުރިހާ ރައީސުންނަށް ވެސް ލިބިވަޑައިގަންނަވާނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް