ޞާދިރު ޢަލީދީދީ   17 ސެޕްޓެމްބަރު 2020 - 12:25
ސަންޑޭ
ސަންޑޭ
އެޕިސޯޑް 25

...............

[އެކަމަކު.....މަންމާ އެއީ އަހަރެންގެ އުޞޫލެއް ނޫން. އެކެއްގެ އުފަލަށްޓަކައި އަނެކާގެ އުފާތަކުން މަޙްރޫމްކޮށްލުމަކީ ކޮށްގެންވާނޭ ކަމެއް ނޫން.....ޒިލާއާއި ނަވާލް ވަކިން އުޅެން ޖެހުމުން، އެމަޢްޞޫމް ދަރިފުޅުގެ ދިރިއުޅުމަށްވާނީ ކިހިނެއް......] ނަދުހާ ބުއްދިވެރި ބަސްތަކުން މަރީނާގެ ހިތުގައި ނަދުހާގެ މައްޗަށް އިތުރު ލޯތްބާއި ހަމްދަރުދީ އަށަގަންނުވަމުން ދިޔައެވެ.

އެފަދަ ވިސްނުން ތޫނު އަންބަކު އޭނާގެ ދަރިފުޅަށް ލިބުނު ކަމަށްޓަކައި އޭނާއަށް ފަޚްރުވެރިވެވުނެވެ.

[ދަރިފުޅުތީ ވަރަށް ދުރުވިސްނޭ ކުއްޖެއް. މަންމަ ވަރަށް ފަޚްރުވެރިވަން، ތިކަހަލަ ތޫނުފިލި އަންބަކު އަހަރެންގެ ދަރިފުޅަށް ލިބުނީތީ.] މަރީނާ ތަށިތައް ދޮވެ ނިމުމަށްފަހު އައިސް ނަދުހާގެ ބޮލުގައި ފިރުމާލިއެވެ.

[ނަވާލް ދެވަނަ އަންބެއްގެ ގޮތުގައި ޒިލާ ޚިޔާރުކޮށް، މިގޭގައި ޒިލާގެ ދެމަފިރިން އުޅުނަސް، އަހަރެންގެ އެއްވެސް ޝަކުވާއެއް ނެތް.......އެކަމަކު.....ނަވާލްވާނެ ދެއަނބިންނަށާއި ދަރިންނަށްވެސް ހަމަހަމަވާނޭ ގޮތަކަށް ލޯބި ޙިއްޞާ ކުރަން. އޭރުން ހިއެއްނުވޭ، ދެއަނބިންގެ ދޭތެރޭވެސް އެއްވެސް މައްސަލައެއް ޖެހިދާނެހެނެއް......] އެއީ އޭނާ ނަވާލްގެ ކިބައިން އެދޭ އެދުމެކެވެ. ޒިލާއެކޭ އެއްފަދައިން އޭނާއަށްވެސް ލޯބި ދިނުމަށެވެ. ކުޑަކުޑަ ޒާހިނެކޭ އެއްފަދައިން އޭނާގެ ބަނޑުން ނަވާލަށް ކުއްޖަކު އުފަންވެއްޖެނަމަ، އެކުއްޖަކަށްވެސް ލޯބި ދިނުމަށެވެ.

[ދަރިފުޅު ފަދައިން ނަވާލަކީވެސް ނިކަން ބުއްދިވެރި ކުއްޖެއް. އެސޮރަށް މިހާރު ދިރިއުޅުމުގެ ވައްޓަފާޅި ނިކަން ރަނގަޅަށް އެނގޭނެ. ޒިލާއާއި ނަދުހާއާ ދޭތެރޭ މައްސަލައެއް ޖެހޭނެ ގޮތަކަށް އެސޮރު އެންމެ ފިޔަވަޅެއްވެސް ނާޅާނެ.] މަރީނާ އަމިއްލަ ދަރިފުޅަށް ތަޢްރީފު ކުރަމުން ނާސްތާކޮށްގެން އަންނާށޭ ބުނެފައި ކާގެއިން ނުކުތެވެ.

ނަދުހާގެ ސިކުނޑީގެ އޮއިވަރު އަނެއްކާވެސް ބަދަލުވިއެވެ. މިހާރު އޭނާ ބޭނުންވަނީ މަންމައާ ބައްދަލުކުރަން އެގެއަށްދާށެވެ. މަންމަގެ މޭގައި ބޯއަޅައިގެން އޮވެ ހިތް ފުރެންދެން ރޯލުމަށް އޭނާ ބޭނުންވަނީއެވެ. އޭރުން މަންމަވެސް އޭނާގެ އެހިތާމައިގައި ބައިވެރިވާނެތީއެވެ. ނިކަން ކުޑަގޮތަކަށް ނާސްތާ ކޮށްލައިގެން ނަދުހާ ދިޔައީ އެގެއަށެވެ. އޭރު ގޭގައި އުޅެނީ ދަލޭކަ (ނަދުހާގެ ޙަޤީޤީ މަންމަ) އެކަންޏެވެ. ޒުހުރާއާއި ޝަކީބްވީ އަވަށްޓެރި ރައްޓެއްސަކު ބަލިވެ އުޅޭތީ އެގެއަށް ގޮހެވެ.

[މަންމާ....ގޮތްހުސްވެ.......އަހަރެން މާޔޫސްވެއްޖެ.] ނަދުހާއަށް ދަލޭކަގެ ހަށިގަނޑުގައި އޮޅުލައިގަނެވުމާއެކު ރޮއިގަނެވުނެވެ.

[ނުރޮއި ހުއްޓާލާ....ދަރިފުޅާ......ދަރިފުޅަށް ތިގޮތް މެދުވެރިވާން ޖެހުނީ މިމަންމަގެ ސަބަބުން.] ދަލޭކައަށްވެސް ރޮވިއްޖެއެވެ. އެއީ ޒުހުރާއާއި ޝަކީބް އައިސް ގެއަށް ވަން ވަގުތުކަމުން، އެދެމީހުންނަށް ދަލޭކަގެ އަޑު ރަނގަޅަށް އިވުނެވެ. އެހެންކަމުން އެވެރިން މަޑުޖެހިލިއެވެ. ނަދުހާމެނަށް އެމީހުން ނުފެނި، އެމީހުންނަށް ނަދުހާމެން ފެންނަފަށުގައެވެ.

[މަންމާ.....މަންމަ ކީއްކުރަންތަ އަހަރެންގެ އަޞްލު އޮޅުވާލީ.....] ނަދުހާ ރޮއިރޮއިފައި ޝަކުވާ ކުރަމުން ދިޔައެވެ.

[ދަރިފުޅާ، އެދުވަސްވަރު މަންމައަށް މަޖްބޫރުވީ....މިހާރު މަންމަގެ ހިތަށްވެސް ނިކަން ތުރާވޭ....ދަރިފުޅުގެ ތި ހިތްދަތި ދިރިއުޅުން ފެނުނީމާ.....ހިތަށްއަރާ، މިމަންމަގެ ލޯބިދީގެން މަންމަގެ ޙިމާޔަތުގައި ދަރިފުޅު ގެންގުޅެވުނުނަމައޭ.....] ދަލޭކަވެސް ނަދުހާގެ ހަށިގަނޑުގައި އޮޅުލަ އޮޅުލާފައި ރޮމުންދިޔައެވެ. އެމަންޒަރު ބަލަން ތިބި ޒުހުރާއާއި ޝަކީބް ބަސް ހުއްޓިފައި ތިއްބެވެ. ފެންނަމުންދާ މަންޒަރާއި އިވެމުންދާ އަޑާ ދޭތެރޭ ޔަޤީން ނުވެފައެވެ.

[މަންމާ.....އަހަރެން ވަރުބަލިވެއްޖެ. ހަމަގައިމުވެސް މާގިނަ ދުވަސްތަކެއްނުވެ ނަވާލްމެނަށްވެސް އަހަރެންގެ އަޞްލު ހާމަވާނެ. އެދުވަހަކުން އަހަރެން މުޅިން ނިކަމެތިވެދާނެ. ދިފާޢުގައި އެއްވެސް ދޮގެއް އަހަންނަކަށް ނެހެދޭނެ.] ނަދުހާމެންގެ އަޑުއަހަން ދުރުގައި ތިބި ޒުހުރާއާއި ޝަކީބް، ނަދުހާއަށް ފެނުނީ އެވަގުތުއެވެ. ނަދުހާއަށް ވަގުތުން ތެޅިގެންފައި ދަލޭކައާ ދުރަށް ޖެހިލެވުނެވެ. ޒުހުރާއާއި ޝަކީބް އައިސް ނަދުހާމެންގެ ގާތަށް ހުއްޓުނެވެ.

[ދަރިފުޅާ!....ދަލޭކަތީ ދަރިފުޅުގެ....މަންމަތަ؟] ޒުހުރާ ޙައިރާންވެހުރެ އެއްސެވެ.

އާނ....ޒުހުރާ.....ނަދުހާގެ އަޞްލު މަންމައަކީ އަހަރެން.] ޖަވާބުދިނީ ދަލޭކައެވެ. ޤަބޫލުކުރަން ދަތިވެފައި ޝަކީބަށް ހުރެވުނީއެވެ.

[ކިހިނެއްވީ ކަމެއް....؟] ޒުހުރާއަށް ބޭއިޚްތިޔާރުގައި ބުނެވުނެވެ. އެއަށްފަހު، ދަލޭކަ ނަދުހާއަށް ޙަޤީޤަތް ކިޔައިދިން ފަދައިން ޒުހުރާއާއި ޝަކީބަށްވެސް ހުރިހާ ވާހަކައެއް ކިޔައިދިނެވެ.

[ތިބުނީ.....ދަލޭކައާއި ނަދުހާތީ އިންސާނުންނެއް ނޫނޭތަ؟ ތިކަން ކިހިނެއް ޤަބޫލުކުރާނީ....] ޒުހުރާގެ ހިތަށް ކުޑަނަމަވެސް ބިރުވެރިކަމުގެ އަސަރެއް ވެރިއެއްނުކުރެއެވެ. އޭނާއަށް ދަލޭކަގެ ވާހަކަ ޤަބޫލު ނުކުރެވުނީއެވެ. ސާބިތު ހެއްކެއްނެތި، މީހަކު އެހެން ބުނެލާހާ ވާހަކައެއް ޤަބޫލު ކުރުމަކީ ޒުހުރާގެ ޠަބީޢަތެއް ނޫނެވެ.

[ޤަބޫލުކުރޭ މަންމާ....އަހަރެންގެ ޙަޤީޤީ މަންމައަކީ މީ....އަހަންނަކީ އިންސާނެއް ނޫން. އަހަންނަކީ ސަންޑޭ (ހަންޑި) އެއް.] ނަދުހާއަށް މިހެން ބުނެވުމާއެކު، ދަލޭކަގެ ސިފަ ބަދަލުވެއްޖެއެވެ. ޒުހުރާއާއި ޝަކީބް ބިރުގަތީ ދެނެވެ. ޒުހުރާއަށް ބިރުން ޝަކީބްގެ ގައިގައި ހިފަހައްޓާލެވުނެވެ.

[ބިރުނުގަނޭ ޒުހުރާ.....އަހަންނަކީ އިންސާނުންގެ ލޯބި ލިބިގެން ބޮޑުވި އަވައްޓެއްސެއް. އެއްވެސް އިންސާނަކު އަހަރެންދެކެ ބިރުގަންނަފަދަ ކަމެއް ދުވަހަކުވެސް އަހަންނެއް ނުކުރަން....އަހަރެން އުއްމީދު ކުރަން، ޒުހުރާމެން މިކަން ސިއްރުކޮށްދޭނެ ކަމަށް.....] ދަލޭކަ ބުންޏެވެ. ޒުހުރާ ބަލައިލީ ދަރިއެއްގެ ގޮތުގައި ލޯބިދީގެން އޭނާ ބަލައި ބޮޑުކޮށްފައިވާ އޭނާގެ ދަރިފުޅުގެ މޫނަށެވެ. އެމޫނުމަތީގައި ވަނީ ހިތާމައާއި ހިތްދަތިކަމުގެ އަސަރެވެ. ހިނިތުންވުމާއި އުފާވެރިކަމުގެ ކުޑަވެސް އަސަރެއް، އެމޫނުމައްޗަކުން ފާޅެއްނުވެއެވެ.

[ދަރިފުޅާ....ދަރިފުޅު.....މިމަންމައާއި ބައްޕަ ދޫކޮށްފަ ދާނީތަ؟] ޒުހުރާގެ ބިރުވެރިކަން ފިލަމުންދިޔައެވެ. އޭނާ ކުޑަކޮށް ކުރިއަށްޖެހިލާ ނަދުހާގެ އަތުގައި ހިފަހައްޓާލައިފިއެވެ.

[ނޫން...މަންމާ.....މަންމައާއި ބައްޕަ ދޫކޮށްފަ އަހަންނެއް ނުދާނަން. ނުވެސް ދެވޭނެ އަހަންނަކަށް....ގޮސް އަހަރެންގެ ނަސްލު މީހުނާއެކު ނުވެސް އުޅެވޭނެ....] ނަދުހާ ރޮމުން ޒުހުރާގެ ކޮނޑުގައި ބޯއަޅާލިއެވެ. ޝަކީބްވެސް ނަދުހާގެ ބުރަކަށީގައި ފިރުމާލިއެވެ. އެވަގުތު ނަދުހާއާއި ދަލޭކަ، އެމީހުންގެ ޙަޤީޤަތް ކިޔައިދންއިރުވެސް ޒުހުރާމެންނަށް ބައެއް ކަންތައްތައް ސިއްރު ކުރިއެވެ. ސަބަބުތަކަށްޓަކައެވެ. ރަނާއާއި މުނާޒާބެހޭ އެއްވެސް ވާހަކައެއް، އެމީހުން ޒުހުރާމެނަކަށް ކިޔައެއްނުދެއެވެ. ޒުހުރާމެން ނަދުހާއަކީ ވިޔާނުދާ އަންހެން ކުއްޖެއްގެ ގޮތުގައި ސިފަކޮށްފާނެތީއެވެ.

ޒުހުރާމެން އެކަންޏެއް ނޫނެވެ. ނަދުހާގެ ޙަޤީޤަތް އެނގޭ ބަޔަކު ވެއްޖެއްޔާ، ކޮންމެވެސްވަރަކަށް ނަދުހާވެސް ކުށްވެރި ކުރާނެއެވެ. ނަވާލާ އިނދެގެންހުރެ، މުނާޒާ ގުޅުން ބޭއްވުމަކީ ނަދުހާއަށް ކުރެވުނު ކުށެކެވެ. ނަވާލަކީ ތެދުވެރި ފިރިއެކެވެ. އޭނާ ކޮންމެ ކަމެއް ކުރުމުގެ ކުރިންވެސް އެއިރެއްގެ ބައިވެރިޔާގެ ލަފާ ހޯދައެވެ. މިހާރު ނަދުހާ، އޭނާގެ އަމިއްލަ ނަފްސު ކުށްވެރިކޮށް އެކަމާ ހިތާމަ ކުރެއެވެ. ނަމަވެސް އޭނާއަށް ކުރެވިފައިވާނަމަ ކުރެވިފައިވާ ކުށުގެ ޒިންމާ، އޭނާ އަޅުވަން ބޭނުންވަނީ މުނާޒްގެ ބޮލުގައެވެ.

ކޮންމެ ފަހަރަކުވެސް އޭނާގެ މަގު އޮޅުވަނީ މުނާޒެވެ. ހެޔޮމަގު ޚިޔާރުކޮށް، އޭނާ ދަތުރުކުރަމުން ދަނިކޮށެވެ. މުނާޒަށް އޭނާގެ އިޙްސާސްތައް އެނގޭތީ، އޭނާގެ އިޙްސާސްތަކާ ކުޅެލަނީއެވެ. އަމިއްލަ އިޚްތިޔާރުގައި އޭނާ އެއްވެސް ގޯސް ޢަމަލެއް ހިންގާފައެއް ނޯންނާނެއެވެ. މިފަހަރު އޭނާގެ ބަނޑުގައި އެވާ މުނާޒްގެ ދަރިފުޅު، އޭނާގެ ބަނޑުގައި އަށަގަތީ އޭނާއަށް ނޭނގިއެވެ. އެއީވެސް މުނާޒް، އޭނާގެ ބާރުގެ ބޭނުންކޮށްގެން ލިބިގެންފައިވާ ހިތްހަމަޖެހުމެކެވެ. ހޯދި އުފާތަކެއްގެ ނަތީޖާއެވެ. ކާސިމްބެ ފަންޑިތަ ހަދަން އުޅޭ ވާހަކަ، ޒުހުރާމެން ގާތު ނުބުނީވެސް އިތުރަށް އޮޅުންފިލުވަން ޒުހުރާމެން ބޭނުންވެދާނެތީއެވެ. އެހެންވެއްޖެނަމަ، މުނާޒާއި ރަނާގެ ޙަޤީޤަތްވެސް އެވެރިންނަށް ކިޔައިދޭން ނަދުހާއަށް މަޖުބޫރު ވެދާނެތީއެވެ.

އެދުވަހު މެންދުރު ވަގުތު ނިމި ހަވީރު ވަގުތަށް ފެށުނުއިރުވެސް ނަދުހާ ގެއަށްދާކަށް ޚިޔާލެއް ނުކުރިއެވެ.

[ދަރިފުޅާ....މިހާރު ނަވާލް ދަރިފުޅު ލަސްވެގެން ހޯދާނެއެއްނު. ގެއަށްދާކަށް ނުވޭތަ؟] އަތުކުރީގައި އޮތް ގަޑިއަށް ބަލައިލުމަށްފަހު، ޝަކީބް ބުންޏެވެ. ނަދުހާއަށްވެސް ސިހިފައި ބަލައިލެވުނީ ގަޑިއަށެވެ.

[މިހާ ދުވަސްކޮށްފައި އާދެވުނުފަހަރު ދާހިތެއްނެތް. މިރޭ ދާނީ.....އަނެއްކާ އަހަރެން ހުރިއްޔާ މަންމަމެނަށް މިހާރު އުނދަގޫވަނީތަ؟] ނަދުހާ ބުންޏެވެ. އޭނާ ހީކުރީ އޭނާއަކީ އިންސާނެއް ނޫންކަން އެނގުނީމާ، މަންމައާއި ބައްޕަ އޭނާދެކެ ފޫހިވީ ކަމަށެވެ. ނަމަވެސް އަދިވެސް އެމީހުންގެ ހިތުން ނަދުހާއަށްޓަކައިވާ ލޯބީގެ ޒައްރެއްވެސް އުންޏެއް ނުވެއެވެ. މިހާރުވެސް ކުރިއެކޭ އެއްފަދައިން އެމީހުން ނަދުހާދެކެ ލޯބިވެއެވެ. އުފަން ދަރިއެއް ފަދައިންނެވެ.

[ދެރަވެއްޖެ. ދަރިފުޅަކަށް އިޙްސާސެއްވެސް ނުކުރެވޭނެ މަންމަމެން ދަރިފުޅުދެކެ ލޯބިވާ މިންވަރެއް. މިމަންމައާއި ބައްޕަގެ ހުރިހާވެސް އުފަލަކީ ތީ....މަންމަ ދަރިފުޅު ގެއަށް ނުދަންހޭ އެހީ ދަރިފުޅުތީ މީހެއްގެ އަންބަކަށްވާތީ....ފިރިމީހާއަށް ކާން ހަދަންވެސް ޖެހޭނެއެއްނު.] ޒުހުރާ ބުންޏެވެ. ނަދުހާ ނުހަނު އުފަލާއެކު މަންމަގެ ކޮނޑުގައި ބޯއަޅާލިއެވެ.

[މަންމާ، ނަވާލްގެ ޚިދްމަތަށް އިތުރު އަންހެނަކު މިހާރު އެގޭގައި އިންނާނެ. ޒިލާވެސް މިހާރު އިންނަނީ އެގޭގައޭ.] ނަދުހާ މިހެން ބުނީމާ، ޒުހުރާއާއި ޝަކީބްގެ ދެލޯ ބޮޑުވިއެވެ.

[ފިސާރި ތެދެއް؟ ދެއަންބަށް އިނީތަ؟] ޒުހުރާއަށް އަހާލެވުނެވެ.

[ހަފްތާއެއްހާ ދުވަސްތެރޭ އިންނާނެ.] ނަދުހާ ޖަވާބު ދިނެވެ.

[އޭރުންނޯ؟ ދަރިފުޅު އެކަމަށް އެއްބަސްވީތަ؟ ގައިމުވެސް ދަރިފުޅުގެ ނުރުހުމަކު އެކައިވެންޏެއް ނުކުރެވޭނެ.] ޒުހުރާ ބުންޏެވެ.

[އަހަރެންގެ ރުހުމުގައޭ. ނަވާލްގެ ދަރިފުޅަށް ރަނގަޅު މުސްތަޤްބަލެއް ލިބޭނީ، އެދެމީހުން އިނދެގެން ކަމަށް ފެންނާތީ، އަހަރެން އެކަމަށް އެއްބަސްވީ....] ނަދުހާގެ ވިސްނުން، ޒުހުރާމެންގެ ޚިޔާލާ ތަފާތެވެ.

[އަމިއްލަ ދިރިއުޅުން ނަގާލާފަ، އެހެން ބައެއްގެ އުފަލަށްތަ ދަރިފުޅު ވިސްނަންވީ...ދަރިފުޅަށް އެނގޭތަ، ނަވާލް އަލުން އެކައިވެނި ކޮށްފިއްޔާ، އެގޭތެރޭގަ ދަރިފުޅު ވަރަށް ބޮޑަށް ބާކީވާނެ. ދަރިއަކު އޮތީމާ، އެގެއަށް ހުރިހާ ބާރެއް ހިންގާނީ އެ ޒިލާ....] ފަހުން ކަންތައްތައް ވެގެންދާނެ ގޮތާ ދޭތެރޭ ނިކަން ފުންކޮށް ވިސްނާލަމުން ޒުހުރާ ބުންޏެވެ.

[މަންމާ، އެކަންތަކާ ދެން މާބޮޑަށް ވިސްނާނެ ކަމެއް ނެތް....އަހަރެން އިސްކަންދިނީ އެމަޢްޞޫމް ކުއްޖާގެ މުސްތަޤްބަލަށް.] ނަދުހާ ބުންޏެވެ.

[ދަރިފުޅާ.....ހިނގާ ސައިބޯން....ދަލޭކަވެސް އާދޭ. ދަރިފުޅުގެ ޙަޤީޤަތް އެނގުނީމާ، މަންމަ މިހުންނަނީ ވަރަށް ކަންބޮޑުވެފައި.....] ބަދިގެއާވީ ފަރާތަށް ހިނގައިގަންނަމުން ޒުހުރާ ބުނެލިއެވެ.

[އެއީ! އިންސާނެއް ނޫންކަން އެނގުނީމާ ބިރުގަންނަނީތަ؟] ނަދުހާ އެއްސެވެ.

[ދަރިފުޅު މިމަންމައާއި ބައްޕަ ދޫކޮށްފައި ހިނގައިދާނެތީ ކަންބޮޑުވަނީ.] ޒުހުރާ މަޑުޖެހިލިއެވެ.

[މަންމާ....އަހަންނަކީ އިންސާނަކަށް ނުވިޔަސް، ރޫޙާނީ އެއްވެސް ބާރެއް މިހާރަކު އަހަރެންގެ ކިބަޔަކު ނެތް. މިހިރަ މަންމަ ވަނީ އެބާރު އަހަރެންގެ ކިބައިން ނިގުޅައިގެންފައި.] ނަދުހާވެސް މަންމަގެ ފަހަތުން ބަދިގެ ފަރާތަށް ހިނގައިގެންފިއެވެ.

ޑޮކްޓަރ ފާތިނާ ނަމްބަރު ތަރުތީބުން ބަލިމީހުންނަށް ފަރުވާދެމުން ދިޔައެވެ. އޭނާއަކީ ޢާއްމުކޮށް އަންހެނުންގެ ޚާއްޞަ ބަލިތަކަށް ފަރުވާދޭ ޑޮކްޓަރެއް ކަމުގައިވިޔަސް، ބައެއް ފިރިހެނުންވެސް އޭނާއަށް ދައްކައެވެ. އޭނާއަކީ އެހެނިހެން ބަލިތަކަށްވެސް ފަރުވާދިނުމަށް އުނގެނިގެން އައިސް އިން ޑޮކްޓަރެއް ކަމަށް ނޫސްތަކުގައި ލިޔެ މަޝްހޫރުވެފައިވާތީ ކަމަށް ވެދާނެއެވެ. ޙަޤީޤަތުގައިވެސް އޭނާއަކީ ނިކަން މޮޅު ޑޮކްޓަރެކެވެ. ޓޯކަން ނަމްބަރު ވިއްސާއެކު ދޮރު ހުޅުވާފައި ވަން ސުހޭލު ފެނުމުން، ފާތިނާގެ ލޯ ބޮޑުވިއެވެ. ހަދާނެގޮތް ހުސްވި ކަހަލައެވެ. ޙަޤީޤަތުގައި ސުހޭލަކީ މިހާރު ހަތަރުކަޅި ހަމަކޮށް އޭނާ ކުރިމަތިލާން ބޭނުން މީހެއް ނޫނެވެ. ނަމަވެސް ކޮންމެފަދަ މީހަކު ފަރުވާއަށް އެދިގެން އަޔަސް ފަރުވާ ދިނުމަކީ މިއަދު އޭނާގެ ވާޖިބެކެވެ. އެއީ އޭނާގެ ވަޒީފާއެވެ.

ސުހޭލު ފެނުމާއެކު ފާތިނާ އިސްޖަހާލިއެވެ. ސުހޭލު އައިސް ފާތިނާގެ ކައިރީގައި ހުރި ބަލިމީހުންނަށް ޚާއްޞަ ކުރެވިފައިވާ ގޮނޑީގައި އިށީނެވެ.

[ކީއްކުރަން ތިއައީ...؟] ފާތިނާ އިސްޖަހައިގެން އިނދެ ވާހަކަ ދެއްކިއެވެ.

[އަހަރެންގެ ހިތަށް ފަރުވާއެއް ލިބޭތޯ.] ސުހޭލު ފާތިނާއަށް ބަލަން އިނދެފައި ބުންޏެވެ. ފާތިނާ އިސްއުފުލައި ސުހޭލުގެ މޫނަށް ބަލައިލިއެވެ.

[އަހަންނަކީ ހިތުގެ ބަލީގެ ޑޮކްޓަރެއް ނޫން...ހިތުގެ ބައްޔަށް ޚާއްޞަ ޑޮކްޓަރެއް އުޅޭނެ. އެއިން ޑޮކްޓަރަކަށް ދައްކަންދޭ....] ފާތިނާއަށް ދެލޯ މަރާލެވުނެވެ. ސުހޭލާ ހަތަރުކަޅި ހަމަކުރަން ބޭނުން ނުވާތީއެވެ.

[އަހަރެންގެ ހިތުގެ ފަރުވާ ފާތިނާ ނޫން އެހެން ޑޮކްޓަރަކަށް ނޭނގޭނެ. ފާތިނާ އަހަންނަށް ބޭހެއް ލިޔެދީ....] ސުހޭލު ކުޑަކޮށް ގޮނޑި ފާތިނާއާ ކައިރިއަށް ޖައްސާލިއެވެ.

[ކީއްވެތަ އަހަންނަށް އެނގެންވީ، މިތަނުންދޭ. އަހަރެންގެ މަސައްކަތަށް އުނދަގޫ ނުކޮށް މިތަނުން ނުކުމޭ....] ފުރަތަމަފަހަރަށް ފާތިނާ ސުހޭލުގެ ލޮލަށް ބަލައިލިއެވެ. ސުހޭލު ހިނިތުންވެލިއެވެ.

[އަހަރެން ހަމަ ދާންވީތަ؟ އަހަރެންވެސް ހަތްދިހަފަސް ރުފިޔާ ޚަރަދުކޮށްފައޭ މިތަނަށް މިއައީ....ފަރުވާ ލިބެންވާނެއެއްނު....] ސުހޭލް އެތަނުން ނުކުތެވެ.

އެކާވީސް ނަމްބަރު މެމޯ ހިފައިގެންވެސް ވަނީ ސުހޭލެވެ. ފާތިނާއަށް ބޯހޫރާލެވުނެވެ. ސުހޭލު އަނެއްކާވެސް އެގޮނޑީގައި އިށީނެވެ.

[ސުހޭލު ތިއުޅެނީ އަހަންނަށް ޖެއްސުން ކުރަންތަ؟] ފާތިނާ ފެންކަޅިވިއެވެ.

[ޖެއްސުން ކުރަނީކީ ނޫން. އަލުން ލޯބި ލިބޭތޯ މަސައްކަތް ކުރަނީ.] ސުހޭލް ކުރިމަތިލިއެވެ.

[ލޯތްބޭ! ސުހޭލް ލޯބި ދަންނަންތަ؟ ސުހޭލަކަށް ލޯތްބަކީ ކޯއްޗެއް ކަމެއް ނޭނގޭނެ. ތިމަޥްޟޫޢަކީ އަހަރެން މާޝައުޤުވެރިވާ މަޥްޟޫޢެއް ނޫން.] ފާތިނާ އިސްޖަހާލިއެވެ.

[ދޮގެއް ތީ....އެންމެ ރަނގަޅު ފާތިނާ އަހަރެންދެކެ ލޯތްބެއް ނުވަންތަ؟] ސުހޭލްގެ މިޖުމްލައިން ހީވީ ފާތިނާގެ ދޫ ތަޅުލެވުނުހެންނެވެ. އޭނާއަށް ތެޅިގަނެވުނެވެ. ދެލޯ މަރާލެވުނެވެ. ހަމައެއާއެކު އޭނާގެ ލޯމަތިން ތަޞްވީރު ވެގެންދިޔައީ ސުހޭލާއި އޭނާގެ އުފާވެރި ދުވަސްތަކުގެ ހަނދާންތަކެވެ.

[ޖަވާބު ދީބަލަ ފާތިނާ.] މާޒީގެ ތެރެއިން ފާތިނާ ނެރެލީވެސް ސުހޭލެވެ.

[ލޯބިވޭ....ވަރަށް ބޮޑަށް ލޯބިވިން. އެކަމަކު އެއީ މާޒީއެއް....ހިރަފުހުން އެލޯބިވަނީ ފޮރުވިފައި. އަލުން ހިރަފުސްފޮޅާ ސާފުކުރުމުގެ ބޭނުމެއް ނެތް....އަލުން ސުހޭލުގެ ދަލުގައިޖެހޭކަށް އަހަރެން ބޭނުމެއް ނޫން....] ފެންކަޅިވުމުން ފާތިނާ ކަރުނަތައް އަތުގެ ނުފުށުން ފޮހެލައިފިއެވެ.

[ކުށް ޤަބޫލުކޮށް އަހަރެން މަޢާފަށް އެދެފިއްޔާޔޯ.....؟] ސުހޭލް އެހިއެވެ.

[މަޢާފަށް އެދުނަސް ސުހޭލްވާނެތަ ތެދުވެރިއަކަށް.....ނުވާނެ....ދެން އަހަރެން ދުވަހަކުވެސް ސުހޭލަކަށް އިތުބާރެއް ނުކުރާނަން. އަހަރެން ފުރި ދުވަހު ދެއްކި ވާހަކަތައް، ސުހޭލް ހަނދާން ނައްތާލީ އެންމެ ތިންމަސް ދުވަސްވެސް ނުވަނީސް.....] ފާތިނާގެ ލޮލުން ކަރުނަ ހިލުނެވެ.

[ތިހެން ނުބުނޭ ފާތިނާ. އަހަރެން އެންމެ ހިނދުކޮޅަކަށްވެސް ފާތިނާގެ މަތިން ހަނދާންނައްތައެއް ނުލަން. ފާތިނާއަށް އެނގޭތަ، ހާދަވަރަކަށް މަންމައާއި ބައްޕަ އާދޭސްކޮށްގެނޭ، އަހަރެން ޙަފްޞާއާ ކައިވެނި ކުރަންޖެހުނީ.... ކައިވެނިކުރިތާ ދެވަނައަށްވީ ދުވަހު އިއްތިފާޤުން އޮފީސް ދަތުރެއްގައި ތިންމަސް ދުވަހަށް އަހަރެން ޖެހުނީ ރާއްޖެތެރެއަށް ދާން....އޭނާ ވަރިކުރީވެސް މާލެ ނައިސްހުރެ.....] ސުހޭލްވެސް ފެންކަޅިވިއެވެ. އޭރު ފާތިނާ ހުރީ ސީދާ ސުހޭލުގެ ލޮލަށް ބަލަހައްޓައިގެންނެވެ. ސުހޭލުގެ ކުށެއް ނެތްކަން ހާމަވުމުން، ބޭއިޚްތިޔާރުގައި ފާތިނާއަށް ސުހޭލުގެ އަތުގައި ހިފަހައްޓާލެވުނެވެ.

[އަހަރެން ފާތިނާ ނިމެންދެން ބޭރުގައި މަޑުކުރާނަން....] ސުހޭލް މިހެން ބުނެފައި ހިނގައިގަތެވެ. ފާތިނާ ބޯޖަހާލިއެވެ. ސުހޭލު އެހެދީ ތެދުކަން ސާބިތު ވެއްޖެއްޔާ، އަލުން ސުހޭލާ ގުޅޭކަށް އޭނާ ފަހެއް ނުޖެހޭނެއެވެ.

މަސައްކަތުގެ ފުރިހަމަ ތައްޔާރީއާއެކު ކާސިމްބެ ނަވާލްމެންގެ ގެއަށް އައިސް ވަންއިރު، ފާއިޒްމެންވެސް ތިބީ ކާސިމްބެގެ ލަފަޔާއެކު ކިޔެވެލި ކިޔަވާނެ އިތުރު ދެމީހަކާއެކު، ނިކަން ރަނގަޅަށް މަސައްކަތަށް ތައްޔާރުވެގެންނެވެ.

[ހޯދަން ބުނި ހުރިހާ އެއްޗެއް ހޯދާ ހަމަކުރިންތަ؟ ހާދަވަރަކުންނޭ އަހަންނަށް މިގެއާ ހަމައަށް މިއާދެވުނީ....] އެތެރެއަށް ވަންނަމުން ކާސިމްބެ ވާހަކަ ދެއްކިއެވެ.

[ހުރިހާ އެއްޗެއްވެސް ހަމަކޮށްފައި ހުންނާނީ.......އަނެއްކާ މާމަސައްކަތް ބުރައީތަ ގޭގަ؟] ކާސިމްބެއަށް ޖަވާބު ދިނުމަށްފަހު، ފާއިޒް އެއްސެވެ.

[ގޭގެ މަސައްކަތް ބުރައީކީ ނޫން. ތަފާތު ގޮތްގޮތަށް އޭތި އަހަންނަށް ހުރަސްއަޅަން މަސައްކަތްކުރީ....ފާއިޒަށް އެނގޭތަ، ރޭގަވެސް މިގެއަށް އަންނަން އަހަރެން ގެއިން ނުކުތީމޭ.....އެކަމަކު އޭތީގެ ދުއްތުރާލާހެދި ނާދެވުނީ......އެއްފަހަރު ބޮޑު ފާރެއް ކުރިމައްޗަށް ހުރަސްކޮށްފާނެ. އަނެއްބައިފަހަރު ބޮޑު ގެރިއެއް.....އެހެންވީ އޭރު އެންމެ ރަނގަޅަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅިފައި ނެތީމާ. އެކަމަކު މިރޭ ލާހިކެއް ނޫން އިރާދަކުރެއްވިއްޔާ، އެއްވެސް ބާރެއް ދައްކާކަށް.....] ކާސިމްބެ އިށީނދެ ހަމަޖެހިލުމަށްފަހު ފޮތް ހުޅުވާލިއެވެ.

[އަހަރެން މަސައްކަތް ކުރާނީ ސީދާ އޭތި މިތަނަށް ގެނެސް، އަހަރެމެންގެ ލޯމައްޗަށް ފާޅުކުރުމަށް. އޭރުން އޭއްޗާ ސުވާލު ކުރުމުގެ ފުރްޞަތު ފާއިޒާ ނަވާލަށްވެސް ލިބޭނެ.] މަސައްކަތަށް ފެށުމުގެ ކުރިން ކާސިމްބެ، އޭނާގެ މަސައްކަތް ރޭވިފައިވާ ގޮތުގެ ތަފްޞީލު ދިނެވެ. ފާއިޒާއި ނަވާލަށް ހިތްހަމަޖެހުން ލިބުނެވެ.

[ފުރަތަމަ އެސޮރު މިތަނަށް ގެނޭ.] ކާސިމްބެ އެދުނެވެ. ނަވާލް، ދަރިފުޅު އުރާލައިގެން އައިސް ކާސިމްބެގެ ކުރިމަތީގައި އިށީނެވެ. ކާސިމްބެގެ އިޝާރަތާއެކު ފާއިޒް ދުންމުށިގަނޑު ގެނެސް ދެލިއަޅާ އަލިފާން ރޯކުރިއެވެ. ކާސިމްބެގެ ދެއެހީތެރިންވެސް އޭރު ކާސިމްބެގެ އިޝާރަތާއެކު ކިޔަވަން ފަށައިފިއެވެ. މަރީނާއާއި ޒިލާވެސް އެމަންޒަރު ފެންނަފަށުގައި ތިއްބެވެ.

[އެއޮއް ހަތެއްޖެހީ. އަދިވެސް ނަދުހާއެއް ނާދޭ.....] ނަދުހާގެ މަތިން މަރީނާ ކުއްލިއަކަށް ހަނދާންވިއެވެ.

[އަހަރެން މިގެއަށް އައީތީ ހިތްހަމަނުޖެހުނީކަންނޭނގެ....އެކަމަކު ނަދުހާ ހިތްހަމަނުޖެހެންޏާ، މިގޭގަ އުޅޭކަށް އަހަރެން ބޭނުމެއް ނޫން.] ޒިލާ ބުންޏެވެ. އެއްވެސް މީހެއްގެ އުފާތަކަށް އަރައިގަތުމަކީ ނަދުހާ ފަދައިން ޒިލާގެވެސް ޠަބީޢަތެއް ނޫނެވެ.

[ނޫނޭ....ނަދުހާއަކީ ވަރަށް ދުރުވިސްނޭ ކުއްޖެއް. އޭނަ ޒާހިންގެ މުސްތަޤްބަލާ ދޭތެރޭ ވަރަށް ވިސްނާ....ގެއަށް ނުދާތާ މާގިނަ ދުވަސްކޮށްފައި ދެވުނީމާ، މިރޭ އަންނަން މަޑުކޮށްލީ ކަމަށްވާނީ.....] މަރީނާ ނަދުހާ ދިފާޢު ކުރިއެވެ. އޭރުވެސް ހުއްޓާނުލާ ކާސިމްބެމެން ކިޔެވެލި ކިޔަވަމުން ދަނީއެވެ.

[އޭތި މިތަނަށް ފާޅުވާން މާގިނައިރެއް ނުނަގާނެ. އެކަކުވެސް ބިރުނުގަންނާތި......ބިރުގަނެ ކިޔެވުން ހުއްޓާލާ މީހަކަށް އޭތީގެ ޙަމަލާއެއްވެސް އަތުވެދާނެ. އެންމެންވެސް އެވަރު ދަނެގެން ތިބެންވާނީ.] ކިޔެވުން މެދަށް ހުއްޓާލުމަށްފަހު، ކިޔަވަން ތިބި މީހުންނާ މުޚާޠަބުކޮށް ކާސިމްބެ ބުންޏެވެ. އެއަށްފަހު، އަނެއްކާވެސް ކިޔަވަން ފެށުމަށް ކާސިމްބެ އިޝާރާތް ކުރުމުން، ކިޔެވެލީގެ އަޑު ގޭތެރޭގައި ގުގުމާލިއެވެ. އިސާހިތު ނަވާލްގެ އުނގުގައި އޮތް ކުޑަކުޑަ ޒާހިންގެ ލޯ މެރެން ފެށިއެވެ. އެމަންޒަރު ބަލަން ހުރެފައި ކާސިމްބެ ވަށައިގެން ހޯދާލުމަށްފަހު، ކުރިމަތީގައި ހުރި ފެން އެއްޗަށް ފުމެލިއެވެ. އޭރު ކުޑަކުޑަ ޒާހިންގެ ވަރު އެއްކޮށް ހުސްވެ ދެލޯ މެރިއްޖެއެވެ. ކާސިމްބެ ހިތްހަމަޖެހުމުގެ ނޭވާއެއްލިއެވެ. ނަމަވެސް، ދެންވެސް އޭނާ ކިޔެވުން ހުއްޓައެއްނުލިއެވެ. ކިޔެވެލީގެ އަޑު ކުރިއަށްވުރެންވެސް ގަދަވުމުންނެވެ. އެއީ ނަދުހާވެސް ގެއަށް އައުމަށްޓަކައި ނުކުތް ވަގުތެވެ. ނަދުހާގެ ފަހަތުން ތިމަންނަމެންވެސް ދާނަމޭ ބުނެފައި، ދަލޭކައާއި ޒުހުރާވެސް ނުކުތެވެ. ޒުހުރާ ބަލާ އަންނާނެމޭ ބުނެ ޝަކީބް އިހަށް މަޑުކުރިއެވެ.

[މިހާރަކު ހިއެއްނުވޭ އަހަރެން ހޯދާނެހެނެއް....] މަންމަގެ މޫނަށް ބަލައިލަމުން ނަދުހާ ބުންޏެވެ.

[ޒިލާ އެގެއަށް ބަދަލުވީތީ، ދަރިފުޅު ތިއުޅެނީ އަމިއްލައަށް ބާކީވެގަންނަންތަ؟] ޒުހުރާ ނަދުހާގެ އަތުގައި ހިފަހައްޓާލިއެވެ.

[މަންމާ....އަހަރެން އަމިއްލައަށް ބާކީނުވިޔަސް، އެމީހުން އަހަރެން ބާކީކުރާނެ.] ނަދުހާގެ ދެލޯ ފެންކަޅިވިއެވެ. ކުރިމަގުގައި އޭނާގެ ޙާލަތު ބަދަލުވެގެންދާނެ ގޮތާ ދޭތެރޭ ވިސްނައި ފިކުރު ކުރެވެނީއެވެ.

[ތިހެނެއް ނުވާނެ ދަރިފުޅާ.......ނަވާލްގެ ޙަޔާތުން ދަރިފުޅު ބާކީވިޔަކަ ނުދޭނަން.] ޒުހުރާ ނަދުހާއަށް ހިތްވަރުދިނެވެ.

[މަންމާ.....އެއްވެސް އިންސާނަކު ބޭނުންވާނެތަ، ހަންޑިއަކާ ކައިވެނިކޮށްގެން އުޅެން.....] ލޮލުން ކަރުނަ ފޭދިގަތުމާއެކު، ނަދުހާއަށް މަޑުޖެހިލެވުނެވެ. ޒުހުރާ ދަރިފުޅުގެ ދެލޯ ފޮހެދިނެވެ.

އޭރުވެސް ކާސިމްބެމެންގެ މަސައްކަތަކަށް ހުއްޓުމެއް ނާދެއެވެ. ކާސިމްބެ ދަނީ އޭނާގެ ބާރުގެ ދަށަށް ޖިންނި ގެނައުމަށްޓަކައި ކުރެވެން އޮތްހާ މަސައްކަތެއް ކުރަމުންނެވެ. ޒާހިންގެ ވަރުހުސްވެ ލޯމެރުނުތާ މާގިނައިރުތަކެއްނުވެ ކާސިމްބެ ކުޑަކުޑަ ޒާހިންއާ ސުވާލު ކުރަން ފެށިއެވެ.

[ކާކު ތީ؟] ކާސިމްބެ އެހިއެވެ. އޭރުވެސް ކިޔަވާ މީހުންގެ ކިޔެވުން ކުރިއަށް ގެންދިޔައެވެ.

[މުނާޒް އަހަންނަކީ.] އަޑު އައީ އެ ތުއްތު ކުއްޖާގެ އަނގަތެރެއިންނެވެ.

ނަވާލާއި ފާއިޒްގެ ދެލޯ ބޮޑުވިއެވެ.

[ކޮން މުނާޒެއް.....ކަލޭ ނުބުންޏަސް އަހަންނަށް އެނގޭ ކަލޭތީ އިންސާނެއް ނޫންކަން. އިތުރަށް ކަލޭގެ އަސްލާ ބެހޭގޮތުން އަހަންނަށް އެއްވެސް މަޢްލޫމާތެއް ބޭނުމެއް ނޫން.....ކަލޭ ޖަވާބުދޭންވީ، އަހަރެން ކުރާ ސުވާލުތަކަށް ތެދުބަހުން....] ކާސިމްބެ ހަރުކަށި ރާގުގައި އިންޒާރު ދިނެވެ.

[އެއްވެސް ކުށެއްނެތް ކުޑަކުޑަ ކުއްޖަކާ އަޅައިގަނެގެން ތިއުޅެނީ، އެކުއްޖާ ކަލެއަށް ކޮން ގޯނާއެއް ކޮށްގެންތަ؟] ކާސިމްބެގެ އަޑު ކުރިއަށްވުރެންވެސް ބާރުވިއެވެ.

[ރަނގަޅަށް ތިބުނީ. ކުއްޖާގެ އެއްވެސް ކުށެއް ނޫން. ކުށްކުރީ ނަވާލް....ނަވާލް އަހަރެންގެ ދަރިފުޅަށް މިގޭގެ ޙިމާޔަތް ދިންނަމަ މިހެނެއްނުވީސް.....] ޖިންނި ޖަވާބުދިނެވެ.

[ކަލޭގެ ދަރިއޭ....ކޮބައިތަ ކަލޭގެ ދަރިފުޅަކީ؟] އެއީ ނަދުހާމެން ރަނާވެސް ގޮވައިގެން އައިސް އެތަނަށް ވަންނަން ދިމާކުރި ވަގުތެވެ. ޒުހުރާއަށް އެތެރެއަށް ވަދެވުނު ނަމަވެސް، ދަލޭކައާއި ނަދުހާ އަދި ރަނާއަށް މަޖުބޫރުވީ ދޮރުމަތީގައި މަޑުކުރާށެވެ.

[ރަނާ.....އެހެރީ ދޮރުމަތީގައި....އޭނަގެ މަންމަގެ އިނގިލިކުރީގައި ހިފަހައްޓައިގެން.] ޖިންނީގެ މިޖުމްލައިން އެންމެންގެ ލޯ ދޮރާ ދިމާއަށް އަމާޒުވިއެވެ. އޭރު ނަދުހާ ނިކަން ދެރަވެފައި އިސްޖަހައިގެން ހުއްޓެވެ.

[ދެން އަހަރެން އިތުރަށް ކަލެއާ ސުވާލުކުރަން ބޭނުންވަނީ، މިއެންމެންގެ ލޯތަކަށް ކަލޭ ފާޅުކުރުވުމަށްފަހު. ހަމަ މިހާރު މިއެންމެންގެ ލޯތަކަށް ކަލޭ ފާޅުވޭ.....] އޭރުވެސް ކިޔެވެލި ކިޔަވާ މީހުން ކިޔަވަމުންދެއެވެ. އިސާހިތު ވަރުގަދަ އައްޔަކާއެކު ނަވާލާ ދާދި ގާތުން މުނާޒް (ޖިންނި) ފާޅުވެއްޖެއެވެ. އޭތި ހުރީ ނިކަން ބިރުގަނެ ދެރަވެފައެވެ. ނަވާލަށް ބިރުން ފަހަތަށް ޖެހިލެވެން އުޅުނެވެ. ނަމަވެސް ކާސިމްބެ، އަތުގެ އިޝާރާތުން ބިރުނުގަތުމަށް ބުނުމުން، އޭނާވެސް އަދި އެތާ ދެންތިބި އެންމެންވެސް ހަމަޖެހުނެވެ.

އެއަށްފަހު ކާސިމްބެ އިތުރު ސުވާލު ކުރުމުގެ ފަހުން، ޖިންނި އޭއްޗާއި ނަދުހާގެ ގުޅުމާއި އަދި ނަދުހާގެވެސް ހުރިހާ ޙަޤީޤަތެއް، އެ އެންމެންގެ ކުރިމަތީގައި ވަރަށް ތަފްޞީލުކޮށް ކިޔައިދިނެވެ. ކާސިމްބެ އޭތި މިނިވަންކޮށްދޭނެ ކަމަށް ހީކޮށްފައެވެ. އޭރު ނަދުހާއަށްވެސް ރޮވެނީއެވެ. ނަވާލްމެން ތިބީ ޤަބޫލުކުރަން ދަތިވެފައި ނަދުހާއަށް ބަލަހައްޓައިގެންނެވެ. އެމީހުންނަށް ޖިންނީގެ ވާހަކަ ޔަޤީންކޮށްދިނީ ދަލޭކައެވެ.

[ތެދެއް، ނަދުހާއަކީ އިންސާނެއް ނޫން (ސަންޑޭ) އެއް.] ދަލޭކަ ޔަޤީންކަން ދިނެވެ. އޭގެފަހުން ދަލޭކަގެ ދުލުން ހުރިހާ ޙަޤީޤަތެއް ކިޔައިދިނެވެ.

އެރޭ ކާސިމްބެގެ ކިބައިން ސަލާމަތްވީ ނަދުހާއާއި ދަލޭކަގެ އިތުރުން ރަނާއެވެ. މުނާޒަކަށް ސަލާމަތެއް ނުވެވުނެވެ. މުނާޒަކީ އިންސާނުންނަށް ބިރެއް ކަމަށް ނިންމުމަށްފަހު، އެކަހެރި މާޙައުލެއްގައި ކާސިމްބެ މުނާޒް އަންދާލީ ނަދުހާމެންގެވެސް ކުރިމަތީގައެވެ.

އެރެއަށްފަހު ނަދުހާއާއި އޭނާގެ ދަރިފުޅު މުޅި ދުނިޔޭން ބާކީވެ އެކަނިވެރިވީއެވެ. ނަވާލާއި ޒިލާ އަލުން ގުޅިގެން ދިރިއުޅުން ކުރިއަށް ގެންދަން ފުރްޞަތު ލިބުނީއެވެ. ނަދުހާއަކީ އިންސާނެއް ނޫންކަން އެނގުމުން، ނަވާލްވެސް ނަދުހާގެ މަތިން ހަނދާން ނައްތާލީއެވެ. ނަދުހާއަކީ އޭނާއަށްޓަކައި ބޭވަފާތެރިއަކަށްވުމުގެ އިތުރަށް ސަންޑޭއަކަށްވީތީއެވެ. ނަމަވެސް، އަދިވެސް އޭނާގެ ހިތުން ނަދުހާއަށްޓަކައިވާ ލޯތްބަކަށް ބަދަލެއް ނާދެއެވެ. އެއީ ހަންޑިއަކަށްވިޔަސްވެހެއެވެ. އަދިވެސް އޭނާ ނަދުހާދެކެ ލޯބިވެއެވެ. ނަމަވެސް، ނަދުހާއާއެކު އިތުރަށް ދިރިއުޅުމުގެ މައިދާނުގައި ކުރިއަށްދާކަށް ފުރްޞަތެއް ނެތެވެ. އޭނާ އަބަދުގެ އަބަދަށް ނަދުހާއާ ވަކިވީ އެހެންވެގެންނެވެ. މިހާރު އޭނާގެ ހުރިހާ އުއްމީދަކީ، އޭނާގެ ދަރިފުޅުގެ މަންމައެވެ. އެއީ އޭނާދެކެ އިންތިހާއަށް ލޯބިވާ ބައިވެރިއެކެވެ. މިހާރު ނަދުހާގެ މަންޒިލަކީ އިންސާނުންނާވެސް އެކަހެރި އަދި ޖިންނީންނާވެސް އެކަހެރި މާޙައުލެކެވެ. އިންސާނަކަށް ނުވީތީ އިންސާނުންގެ ސަފުން ބާކީވީއެވެ. ރޫޙާނީ ބާރު ލިބިފައިނުވާތީ، ޖިންނީންގެ ސަފުންވެސް ބާކީވީއެވެ. އޭނާއަކީ [ސަންޑޭ] (ހަންޑި) އަކަށްވިޔަސްވެހެވެ.

ނިމުނީ


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން