ގެދޮރުވެރިޔާ ސްކީމްގެ ފްލެޓްތަކުގެ މޮޑެލް
ގެދޮރުވެރިޔާ ސްކީމްގެ ފްލެޓްތަކުގެ މޮޑެލް
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭގައި ތަރައްޤީކޮށްފައިވާ 4000 ފްލެޓް ލިބުނު ފަރާތްތަކާއެކު އެއްބަސްވުންތަކުގައި ސޮއިކުރުމަށްޓަކައި ކުރަންޖެހޭ އެންމެހައި މުޢާމަލާތްތައް ކުރިއަށްގެންދާނީ ފަހި ދިރިއުޅުން ކޯޕަރޭޝަނުން ކަމަށް އިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި، ބިނާރާބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

ޢިމާރާތްކުރުމާ ބެހޭ ވުޒާރާއިން ބުނީ، އަންނަ ހަފްތާގެ ތެރޭގައި 4000 ފްލެޓްގެ އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް ރަނގަޅު އިންތިޒާމުތަކަކާއެކު ފަށާނެ ކަމަށެވެ. އަދި ފްލެޓު ލިބުނު ފަރާތްތަކުގެ މަޢުލޫމާތު ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑް (އެފް.ޑީ.ސީ) އާއި ޙިއްސާކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށްވެސް އެވުޒާރާއިން ބުނެފައިވެއެވެ.

ހަމައެއާއެކު، ފްލެޓް އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނީ މިހާރު މަސައްކަތް މުޅިން ނިމިފައިވާ ޓަވަރުތަކަށް އިސްކަންދީގެން ކަމަށްވެސް ގެދޮރުވެރިކަމާބެހޭ ވުޒާރާއިން ހާމަކޮށްފައިވެއެވެ. ހަމައެހެންމެ އެއްބަސްވުމުގައި ސޮއިކުރުމަށް އެފް.ޑީ.ސީއަށް ފޮނުވާ ފަރާތްތަކަށް “ގެދޮރުވެރިން ޕޯޓަލް” މެދުވެރިކޮށް އެކަން އެންގޭނެ ކަމަށް އެ ވުޒާރާއިން މަޢުލޫމާތު ދީފައިވެއެވެ.

ގެދޮރުވެރިޔާ ސްކީމްގެ ފްލެޓްތައް ޙަވާލު ކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާއިރު، ރައީސް ޞާލިޙްގެ ސަރުކާރުން ފެށި ގެދޮރުވެރިޔާ މަޝްރޫޢުގެ ފްލެޓްތައް ލިބޭ މީހުން ކަނޑައަޅާފައިވަނީ ގޯސްކޮށް ކަމަށް ތުހުމަތުކޮށް، އެންޓި ކޮރަޕްޝަން ކޮމިޝަނުން ކުރިއަށް ގެންދިޔަ ތަހުގީގަށް ފަހު ބުނެފައިވަނީ 4،000 ފްލެޓް ލިބުނު މީހުންގެ ތެރެއިން 60 ޕަސެންޓް މީހުންނަކީ ޝަރުތުހަމަނުވާ މީހުން ކަމަށެވެ.

އަދި ފުލެޓްތައް ދޫކުރުމުގައި ޖިނާޢީ މައްސަލައެއް ފާހަގަކުރެވޭނަމަ އެކަން ބަލައި ދައުވާ ކުރަން ފޮނުވުމަށް ޕްރޮސެކިއުޓަރ ޖެނެރަލް ވެސް އޭސީސީ އާއި ފުލުހުންގެ ޚިދުމަތަށް މީގެކުރިން ވަނީ އަމުރުކޮށްފައެވެ.

ނަމަވެސް މި ސަރުކާރުން މިހާރު ނިންމާފައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ވެރިކަމުގައި، ނޮވެމްބަރު 2023 ގައި އޭރު ނެރުނު ލިސްޓަށް ފްލެޓު ދިނުމަށެވެ.



ކިޔުންތެރިންގެ ހިޔާލު