ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު އިބްރާހިމް (ކުޑޫ)
ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު އިބްރާހިމް (ކުޑޫ)
ކޭޕާކް މައްސަލާގައި އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް ހުށައެޅި ޕެޓިޝަން 61 މެމްބަރުންގެ އިއްތިފާގުން ބަލައިގެންފިއެވެ.

މި ޕެޓިޝަން އެމްޑީޕީގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު އިބްރާހިމް (ކުޑޫ) މަޖިލީހަށް ހުށައެޅުއްވީ، ހުޅުމާލޭގައި އިމާރާތްކުރާ ކޭޕާކް ރެޒިޑެންސްގެ ފްލެޓުތައް އޮޅުވާލައިގެން ވިއްކައި ގިނަ ބައެއްގެ އަތުން ފައިސާ ނެގި މައްސަލައަށް އިންސާފު ނުލިބި ދިގުލާތީ، 50 ފަރާތެއްގެ ސޮޔާއެކުގައެވެ.

މި ޕެޓިޝަނުގައި ވަނީ، ކޭޕާކް މައްސަލައިގައި އެޗްޑީސީން ހައްލެއް ހޯދައިދިނުން ލަސްކުރަމުން ދާތީ އެކަން ތަހުގީގު ކުރުމަށާއި، ޒިންމާވާން ޖެހޭ ފަރާތްތައް ޒިންމާދާރު ކުރުމަށާއި، ކޭޕާކް ރެޒިޑެންސްގެ ފްލެޓުތައް ލިބުން ލަސްވުމުގެ ސަބަބުން އަސަރުކޮށްފައިވާ އާއިލާތަކަށް އަދުލުވެރި އަދި އަވަސް ހައްލެއް ހޯދައިދިނުމަށް އެދިފައިވެއެވެ.

ހަމައެއާއެކު ކޭޕާކް މައްސަލަ ހައްލުކުރުމަށްޓަކައި އެތެރޭގެ ރިވިއުތަކެއް ހަދާނެ ކަމަށް އެޗްޑީސީން ބުނި ނަމަވެސް މި މައްސަލައަށް އެއްވެސް ކުރިއެރުމެއް ލިބިފައިނުވާ ކަމަށާއި، މިކަމުގެ ސަބަބުން މާލީ، ގާނޫނީ އަދި ނަފުސާނީ ގެއްލުންތައް އާއިލާތަކަށް ކުރިމަތިލާން ޖެހިފައިވާ ކަމަށް ޕެޓިޝަންގައިވެއެވެ.

މި މައްސަލަ މަޖިލީހަށް ބަލައިގަތުމާމެދު މިއަދުގެ މަޖިލީހުގައި ވޯޓަށް އަހާފައިވާއިރު، މައްސަލަ ބަލައިގެންފައިވަނީ ވޯޓުގައި ބައިވެރިވަޑައިގެންނެވި 61 މެމްބަރުންގެ އިއްތުފާގުންނެވެ. އަދި މި ޕެޓިޝަން އިތުރަށް ދިރާސާ ކުރުމަށް ފޮނުވާފައިވަނީ، ގެދޮރުވެރިކަމާބެހޭ ކޮމެޓީއަށެވެ. މި ޕެޓިޝަން މަޖިލީހަށް ބަލައިގެންފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީންވެސް ދަނީ ކޭޕާކް މައްސަލަ ބަލަމުންނެވެ.

ކޭ-ޕާކް ކޮންޑެމީނިއަމްގެ މަސައްކަތް ފެށީ 2017 ވަނަ އަހަރުއެވެ. ހުޅުމާލޭގެ ސެންޓްރަލް ޕާކުގެ ހުޅަނގު ފަރާތުގައި 14 ބުރިއަށް އިމާރާތް ކޮށްފައިވާ ކޭ ޕާކް ރެޒިޑެންސް އަކީ 110 އެޕާޓްމަންޓްގެ އިމާރާތެކެވެ. މީގެތެރޭގައި ހިމެނެނީ ދެ ކޮޓަރި އާއި ތިން ކޮޓަރީގެ އެޕާޓްމެންޓްތަކެވެ.

ކޭޕާކް ރެސިޑެންސް ބިލްޑިން ހިމެނޭ ބިމަކީ 21،000 އަކަފޫޓްގެ ބިމެކެވެ. އެ ބިލްޑިންގުގައި މީހުން ދިރިއުޅޭ އެޕާޓްމެންޓްތައް ހުންނާނީ 11 ބުރިއެއްގަ އެވެ. އިމާރާތުގެ ބޭސްމަންޓް ޕާކިންއަށް ހާއްސަ ކޮށްފައިވާއިރު ފުރަތަމަ ދެ ބުރި ހާއްސަކޮށްފައި އޮންނާނީ ކޮމާޝަލް ބޭނުން ތަކަށެވެ.



ކިޔުންތެރިންގެ ހިޔާލު