ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުއްލަޠީފް މުޙައްމަދު
ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުއްލަޠީފް މުޙައްމަދު
2027 ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ޚިދުމަތް ގާއިމު ކުރުމަށް ރައްޔިތުންގެ މަޖިލީހަށް އިސްލާހެއް ހުށައަޅައިފިއެވެ.

މި އިސްލާޙް މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށައެޅުއްވީ ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުއްލަޠީފް މުޙައްމަދެވެ.

އެގޮތުން ފެނާއި ނަރުދަމާގެ ނިޒާމުގެ ގާނޫނަށް އަބްދުއްލަތީފް ހުށައެޅުއްވި އިސްލާޙުގައި ބުނެފައިވަނީ، މީހުން ދިރިއުޅޭ ހުރިިހާ ރަށެއްގައި ލަސްވެގެން 2027 ވަނަ އަހަރު ނިމުމުގެ ކުރިން އެ ރަށަކާ އެކަށޭނަ ފެނާއި ނަރުދަމާގެ ނިޒާމެއް ގާއިމްކޮށް ހިންގޭނެ އިންތިޒާމުތައް ދައުލަތުގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން ހަމަޖައްސަން ޖެހޭނެ ކަމަށެވެ.

ގާނޫނުގައި މިހާރު އޮތް ގޮތުން، ފެނާއި ނަރުދަމާގެ ގާނޫނު އެކުލަވާލާ ތާރީހުން ފެށިގެން ފަސް އަހަރު ދުވަހުގެތެރޭ ފެނާއި ނަރުދަމާގެ ނިޒާމު މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ގާއިމްކޮށް ހިންގޭނެ އެންމެހާ އިންތިޒާމުތައް ހަމަޖައްސަން ޖެހެއެވެ. އެ ފަސް އަހަރު ހަަމަވަނީ މިއަހަރަށެވެ.

އަބްދުއްލަތީފް މިއަދު ހުށައެޅުއްވި އިސްލާޙުގައި ފެނާއި ނަރުދަމާގެ ނިޒާމު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ އަމަލެއް ކޮށްފިނަމަ އެއް މިލިއަން ރުފިޔާއަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުމަށް ވަނީ ހިމަނާފައެވެ. އަދި ބިމުގެ ފެން ފަށަލަ ތަޣައްޔަރުވާފަދަ ކަމެއް ކޮށްފިނަމަ އެއްލައްކަ ރުފިޔާއަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުމަށްވެސް ކަނޑައަޅާފައިވެއެވެ.

މިއަދުގެ ޖަލްސާގައި ވަނީ މި ބިލު ހުށަހަޅާ ބިލުގެ ބަހުސް ކުރިއަށް ގެންގޮސްފައެވެ. ބަހުސް މަރުޙަލާގައި އަބްދުއްލަތީފް ވިދާޅުވީ ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ އަސާސީ ހިދުމަތްތައް ފޯރުކޮށް ދިނުމުގައި މިއަދުގެ ސަރުކާރުން އެންމެ ތަންފުކެއްވެސް ފަހަތައް ނުޖޭހެނެ ކަމަށެވެ. އަދި މީގެ ކުރީ ސަރުކާރުތަކުން ވެސް އެ މަސައްކަތް ފެށި ކަމަށާއި ނަމަވެސް އެ ހިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށް ނުދެވުނު ކަމަށް އަބްދުއްލަތީފް ވިދާޅުވިއެވެ.

އޭގެއިތުރުން އަބްދުއްލަތީފް ވިދާޅުވީ މިސަރުކާރުން އަމާޒު ހިފާފައިވަނީ 2027 ނިމުމުގެ ކުރިން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމު ކުރުމަށް ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު