ރައީސް ޑރ. މުހައްމަދު މުއިއްޒު ނ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅު މާޅެންދޫގައި، ފޮޓޯ: ރައީސް އޮފީސް
ރައީސް ޑރ. މުހައްމަދު މުއިއްޒު ނ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅު މާޅެންދޫގައި، ފޮޓޯ: ރައީސް އޮފީސް
ނ. މާޅެންދޫގެ ގިރާ ސަރަހައްދު ހިމާޔަތްކޮށް، ޖެޓީއެއް ތަރައްގީކުރުމުގެ މަސައްކަތް އަންނަ މަހު ފައްޓަވައިދެއްވާނެ ކަމަށާއި އެ ރަށުގެ ބިން ހިއްކުމުގެ މަސައްކަތް އަންނަ އަހަރު ފައްޓަވައިދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް ނ. އަތޮޅަށް މިހާރުކުރައްވަމުން އަންނަ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު މާޅެންދުއަށް މިއަދު ވަޑައިގެން އެ ރަށުގައި ބޭއްވި ޖަލްސާގައި ވިދާޅުވީ، އެ ރަށުގެ ތަރައްގީއަށް ހުރި ގިނަ ކަންކަން ކޮށްދިނުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

އެގޮތުން މާޅެންދުއަށް އެންމެ މުހިންމު ކަމަކީ އެރަށަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލައަށް ހައްލެއް ގެނައުން ކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ ރައްޔިތުން އެދޭގޮތަށް ރަށުގެ ހުޅަނގު ފަރާތުގައި ޖެޓީއެއް ތަރައްގީކުރުމާއެކު ގިރުމުގެ މައްސަލަ ހައްލުކުރުމުގެ އަމަލީ މަސައްކަތް އަންނަ މަހު ފަށާނެ ކަމަށެވެ.

އެމަސައްކަތުގެ ޑިޒައިން ފައިނަލް ކުރެވި، މިހާރު ކުރިއަށްދަނީ އީ.އައި.އޭގެ ފަހުމަރުހަލާގެ މަސައްކަތް ކަން ފާހަގަ ކުރައްވަމުން ރައީސް ވަނީ މި މަސައްކަތް ނިމެންދެން، އެއްވެސް ހުއްޓުމެއްނެތި، ކުރިއަށްދާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.

ރައީސް ވިދާޅުވީ، ރަށަށް ބިން އިތުރުކުރުމަކީ ރައްޔިތުން ވަރަށް ބޮޑަށް އެދޭ ކަމެއް ކަމަށެވެ. އެހެންކަމުން މާޅެންދޫގައި ގުދުރަތީ ރީތި ސަރަހައްދެއް އޮތުމާއެކު އެތަން ނުގެއްލި ރަށަށް އާމްދަނީ ވަންނާނެގޮތަށް ހިމާޔަތްކުރުމާއެކު ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށްގެންދިއުމަށް ޕްލޭން ކުރައްވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މި މަޝްރޫއު އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ކުރިއަށްގެންދަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ، ނ. ތޮޅެންދޫ އަކީ މާޅެންދޫގެ ބައެއްގެ ގޮތުގައި ހަމަޖެއްސުމަށް އެ މަނިކުފާނު ނިންމަވާފައިވީނަމަވެސް ކޯޓު މަރުޙަލާގައި މައްސަލައެއް އެބައޮތްކަމަށެވެ. އެހެންކަމުން އެ މައްސަލައިގެ ޤާނޫނީ އިޖުރާޢަތްތަކުގެ ތެރެއިން މަގެއް ހޯއްދަވައި ދެއްވުމަށް އެޓާރނީ ޖެނެރަަލަށް މިހާރު ދަންނަވާފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އަދި ރަށުގެ ޞިއްޙީ ޚިދުމަތް ރަނގަޅުކުރުމަށްޓަކާ ލެބޯޓްރީގެ ޚިދުމަތް ހަރުދަނާ ކުރުމުގެ މަސައްކަތާއި ރަށުގެ މަގުހެދުމުގެ އިތުރުން ރަށަށް ބޭނުންވާ ތަރައްޤީ ހާސިލުކޮށްދިނުމަށް، ސަރުކާރުން ވަރަށް ބޮޑު ސަމާލުކަމެއް ދެއްވައިގެން މަސައްކަތްކޮށްދެއްވާނެކަމުގެ ޔަޤީންކަންވެސް ރައީސް ވަނީ ދެއްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު