ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު
ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު
ރަށްރަށުގެ ވިޔަފާރިތަކުގެ ފެނާއި ކަރަންޓުން އަގުނަގަނީ ތަފާތުނުކުރުމުގެ ހައްގާ ޚިލާފަށް ކަމަށް ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.

ޑރ. ޝަމްހީދު މިހެން ވިދާޅުވީ، ރަށްރަށުގެ ވިޔަފާރިތަކުގެ ކަރަންޓާއި ފެނުގެ އަގު ކުޑަކުރުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށައެޅުއްވި ޤަރާރުގައެވެ.

ޑރ. ޝަމްހީދު މަޖިލީހަށް ހުށައެޅުއްވި ގަރާރުގައި ބުނެފައި ވަނީ، ސަރުކާރުގެ ޔުޓިލިޓީ ކުންފުނިތަކުން ރަށްރަށަށްދޭ ކަރަންޓާއި ފެނުގެ ހިދުމަތްތަކަށް ކަނޑައަޅާފައިވާ ކޮމާޝަލް ރޭޓުތައް ނިސްބަތުން ބޮޑު ކަމަށެވެ. އަދި އެކަމުގެ ސަބަބުން މާލެ ސަރަހައްދު ފިޔަވައި އެހެން ސަރަހައްދުތަކުގައި ހަރަކާތްތެރިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން ކަރަންޓާއި ފެނުގެ ހިދުމަތަށް ކުރަންޖެހޭ ހޭދަ އިންތިހާއަށް ބޮޑު ކަމަށް އެ ޤަރާރުގައިވެއެވެ.

އެގޮތުން ފެނުގެ ހިދުމަތް ގުޅައިދޭ އަގު މާލެ ސަރަހައްދުގައި 3،187.84 ރުފިޔާގައި ހުރި ނަމަވެސް އަތޮޅުތަކުގައި އެ އަގު ހުރީ، 5،000 ރުފިޔާއަށް ކަމަށް ޤަރާރުގައިވެއެވެ. ހަމައެއާއެކު ފެން މީޓަރެއް ރިލޮކޭޓްކޮށްދޭ އަގު މާލެ ސަރަހައްދުގައި 850 ރުފިޔާގައި ހުރިއިރު، އަތޮޅުތަކުގައި އެ ޚިދުމަތް ދެނީ 2،200 ރުފިޔާއަށްކަން ޤަރާރުގައި ވަނީ ފާހަގަ ކޮށްފައެވެ.

އޭގެއިތުރުން ދުވާލެއްގެ މައްޗަށް 201 ލީޓަރަށް ވުރެ މަތިން ފެން ބޭނުންކޮށްފިނަމަ ނަގާ ފީ މާލެ ސަރަހައްދުގައި 101.26 ރުފިޔާގައި ހުރިއިރު އަތޮޅުތަކުގައި އެއަގު ހުރީ 135 ރުފިޔާއަށް ކަމަށް ގަރާރުގައިވެއެވެ. އަދި ކަރަންޓު ބޭނުންކުރާ މިންވަރު 301-500 އާ ހަމައަށް މާލެ ސަރަހައްދުން 3.65ރުފިޔާ ނަގާއިރު އަތޮޅުތަކުގައި 6 ރުފިޔާ ޗާޖް ކުރާކަމަށް ޑރ. ޝަމްހީދުގެ ޤަރާރުގައި ވަނީ ބުނެފައެވެ.

ހަމައެއާއެކު ގަރާރުގައި ބުނީ މި ތަފާތުކުރުންތަކުގެ ސަބަބުން ރަށްރަށުގެ ކުދި ވިޔަފާރިތަކުން ކަރަންޓަށް ކުރަންޖެހޭ ހޭދަ 40 އިންސައްތަ އާއި 70 އިންސައްތަ އާއި ދެމެދުގެ އަދަދަކުން އިތުރުވާ ކަމަށާއި، ފެނުގެ ހިދުމަތަށް މާލެ ސަރަހައްދާ އަޅާބަލާއިރު 35 އިންސައްތަ އިތުރަށް ޚަރަދު ކުރަންޖެހޭ ކަމަށެވެ.

އަދި މިއީ ގާނޫނުއަސާސީގެ 17 ވަނަ މާއްދާއިން ކަށަވަރު ކޮށްދީފައިވާ ތަފާތުނުކުރުމުގެ ހައްގާ ތައާރުޒުވާ ކަމަކަށްވާތީ، މިކަމާމެދު ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ދެކެވަޑައިގަންނަވާ ގޮތެއް ހާމަކުރެއްވުމަށް ޝަމްހީދުގެ ޤަރާރުގައި ވަނީ އެދިވަޑައިގެންފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް