މާލޭގެ މަގެއްގައި އުޅަނދު ދުއްވަނީ-
މާލޭގެ މަގެއްގައި އުޅަނދު ދުއްވަނީ-
މިނިވަންދުވަސް ފާހަގަ ކުރުމުގެ ގޮތުން މާލެ ސަރައްދުގައި ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާތީ، ހޮނިހިރު ދުވަހު 15:00 އިން ފެށިގެން އިރުއޮއްސި 6:00 ޖެހުމާ ހަމައަށް ގްރޭޓާ މާލެ ސަރަހައްދު (މާލެ، ވިލިމާލެ، ހުޅުމާލެ) ގައި ވެހިކަލް ދުއްވުން މަނާ ކޮށްފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ 60 ވަނަ މިނިވަން ދުވަސް ފާހަގަކުރުމަށް މާދަމާ އާއި އަންނަ ހޮނިހިރު ދުވަހު އަދި އާދިއްތަ ދުވަހު ގިނަ ހަރަކާތްތަކެއް މާލެ ސަރަހައްދުގައި ބޭއްވުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

ވެހިކަލް ދުއްވުން މަނާ ކޮށްފައިވަނީ މިނިވަންދުވަހުގެ ހަރަކާތްތައް ކުލަގަދަ ގޮތެއްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވާތީ، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި މަގުމަތީގެ ތޮއްޖެހުން ކުޑަކުރުމަށް އަދި ސެކިއުރިޓީ މަސައްކަތްތަކަށް ފަސޭހަކުރުމަށް ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

މިނިވަން ދުވަހާއި ގުޅިގެން މާލެ ސަރަހައްދުގައި މާދަމާ މެންދުރު 13:00 އިން އިރުއޮއްސި 18:00 އަށް އަދި އާދީއްތަ ދުވަހު އިރުއޮއްސި 18:00 އިން ފެށިގެން މެންދަމު 00:00 އަށް ބަރު އުޅަނދު ދުއްވުން ވެސް މިނިސްޓްރީން ވަނީ މަނާކޮށްފައެވެ.

ނަމަވެސް ސަލާމަތީ ބާރުތަކުން ބޭނުންކުރާ އިންޖީނުލީ އެއްގަމު އުޅަނދު، އެމްބިއުލާންސް، ޕަބްލިކް ޓްރާންސްޕޯޓްގެ ގޮތުގައި ދެމުންގެންދާ ބަހުގެ ހިދުމަތް ކުރިއަށް ގެންދެވޭނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

މިނިސްޓްރީގެ އެންގުމާ ހިލާފުވާ އެންމެންނަށް ގާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް ކަމާ ބެހޭ ފަރާތްތަކުން އަޅާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު