އިސްލާމީ މަރުކަޒު
އިސްލާމީ މަރުކަޒު
ގްރީން ޒޯން ބަންދު ކުރިޔަސް އިސްލާމީ މަރުކަޒަށް ނަމާދަށް އެރޭނެ ކަމަށް ޤައުމީ ދިފާޢީ ބާރުން ހާމަކޮށްފިއެވެ.

ދިވެހި އަސްކަރިއްޔާއިން މިއަދު ބުނީ، ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ހެވިކަމާއި ކުޅިވަރުގެ ހަރަކާތްތަކާ ގުޅިގެން މިއަދު މެންދުރު 13:00 އިން ފެށިގެން ހަރަކާތް ނިމެންދެން، ޖުމްހޫރީ މައިދާން ސަރަހައްދުގައި ސަލާމަތީ ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ.

އެހެންކަމުން އެ ސަރަހައްދަށް އާންމު އުޅަނދުފަހަރު ވަދެނިކުތުމުގައި ދަތިތަކެއް ދިމާވެދާނެ ކަމަށާއި، ނަމަވެސް، އިސްލާމީ މަރުކަޒަށް ނަމާދަށް އަރައި ފޭބުމަށާއި އެ ސަރަހައްދުގައި ހިނގާފައި އުޅުމުގައި އެއްވެސް ބޭފުޅަކަށް އެއްވެސް ހުރަހެއް ނޯންނާނެ ކަމަށް އަސްކަރިއްޔާއިން ހާމަ ކޮށްފައިވެއެވެ.

“އެހެންކަމުން، ޖުމްހޫރީ މައިދާން ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ގެނެސްފައިވާ ބަދަލާ އެއްގޮތަށް، އާންމު އުޅަނދުފަހަރު އެ ސަރަހައްދަށް ވަދެ ނިކުތުމުގައި ދިމާވެދާނެ ދަތިތަކެއް ހުރެދާނެތީ، މިސްކިތަށް ވަޑައިގަންނަވާ ބޭފުޅުން އެ ޒޯނުން ބޭރުގައި، ވެހިކަލް ޕާކްކުރުމަށް ފަހު ހިންގަވާފައި މިސްކިތަށް ވަޑައިގަތުމަށް ސަމާލުކަން ދެއްވުން އެދެމެވެ.” އަސްކަރިއްޔާއިން އިލްތިމާސް ކޮށްފައިވެއެވެ.

ޤައުމީ ދިފާޢީ ބާރުން މިހެން ބުނެފައިވާއިރު، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ އިއްޔެ ރާއްޖެ އަށް ފެއްޓެވި ދަތުރުފުޅުގައި މޯދީ އަށް މާލެއިން މަރުހަބާ ދެންނެވުމުގެ ހަރަކާތް ކުރިއަށްދިޔަ ވަގުތު ޖުމްހޫރީ މައިދާނާއި އެތަނާއި އިންވެގެންވާ ބޮޑު ސަރަހައްދެއް ބަންދުކޮށްފައިވާއިރު، އިއްޔެގެ އަސުރު ނަމާދަށް އިސްލާމީ މަރުކަޒަށް ނަމާދަށް އެރުންވެސް މަނާކުރިކަމަށް ބައެއް މީޑިއާތަކުން ވަނީ ޚަބަރު ފަތުރާފައެވެ.

ނަމަވެސް އިސްލާމީ މަރުކަޒުގެ އިމާމް އައްޝައިޚް އިބްރާހިމް ރަޝީދު ހަސަން މިއަދު ވިދާޅުވީ، އިއްޔެ އިސްލާމީ މަރުކަޒު ސަރަޙައްދަށް ވަކި ވަގުތަކަށް، ވެހިކަލް ވަނުމާއި ޕާކުކުރުން މަނާކުރުމުން އިސްލާމީ މަރުކަޒަށް ނަމާދަށް އާއްމުކޮށް އަންނަ މީހުން، ދުރު ސަރަޙައްދުގައި ޕާކުކުރަންޖެހޭތިީ ނަމާދަށް އައީ މަދުބައެއް ކަމަށެވެ.

“ބަންގި ގޮވިއިރު ވެސް މިސްކިތުގައި ހުރީ އެންމެ މީހެކެވެ. އަދި ނަމާދުގެ ޖަމާޢަތަށް ވެސް ހާޒިރުވީ ފަންސަވީހަކަށް މީހުންނެވެ. އެއްވެސް ޙާލެއްގައި އިސްލާމީ މަރުކަޒު ނަމާދު ނުކުރެވޭ ގޮތަށް ބަންދެއް ނުކުރެއެވެ.” ޝައިޚް ވިދާޅުވެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު