ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް
ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް
އައު ޓާރމިނަލާއި ގުޅޭގޮތުން މިސަރުކާރުން ދައްކަމުން ގެންދަނީ ތެދު ވާހަކަތަކެއް ނޫން ކަމަށް ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ މީޑިއާއަކަށް ދެއްވި ބަސްދީގަތުމެއްގައި ރައީސް ޞާލިޙް މިއަދު ވިދާޅުވީ، ވީއައިއޭ ޓާމިނަލާއި ގުޅޭގޮތުން ސަރުކާރުން ރައްޔިތުންނަށް ވަރަށް ބޮޑަށް އޮޅުވާލަމުން ގެންދާ ކަމަށެވެ. އެގޮތުން މިދިޔަ ސަރުކާރުގައި އައު ޓަރމިނަލްގެ ބޭރުގެ ފަސާޑަށް ބަދަލު ގެނެސް، އިންޓީރިއާއަށް ބަދަލު ގެނެސްފައިވާ ކަމަށާއި، އެކަން ލިޔެކިއުންތަކުން އެނގޭނެ ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.

އަދި މިއީ ކްރެޑިޓް ނަގަން ދައްކާ ވާހަކަ ނޫން ކަމަށާއި، އެހެންނަމަވެސް ރައްޔިތުންނަށް އެކަން ސާފުވާންޖެހޭނެ ކަމަށް ޞާލިޙް ވިދާޅުވިއެވެ.

“އިންޓީރިއާގައި އޭރު އޮތީ ފްލެޓް ސީލިންގެއް. އެސީލިން ރާއްޖޭގެ މާހައުލާ ގުޅޭގޮތަށް ގެނައި ބަދަލުތަކާއި މިހެން ގޮސް ފްލޯރ އަށް މިގެނެވުނު ބަދަލުތަކާ މިހާރު އެ ފެންނަ ގިނަ ކަންތައްތަކަކީ ގާތްގަަނޑަކަށް ގެނެވުނު ހުރިހާ ބަދަލުތަކަކީ އައިސްފައި ހުރި ބަދަލުތައް. ދެން ބޭރުގައި ހުންނަ ފަސާޑުގެ ކުރެހުމަކީ ވެސް ހިރިގަލު ކުރެހުމުގެ ޑިޒައިނަކުން ނަގައިގެން އެއަށް ބަދަލުތަކެއް ގެނެސްގެން ކުރެވިފައި ހުރި މަސައްކަތް.” ރައީސް ޞާލިޙް ވިދާޅުވިއެވެ.

ހަމައެއާއެކު ރައީސް ޞާލިޙް ވިދާޅުވީ، އެއަރޕޯޓުގެ އައު ޓާރމިނަލްގެ މަގުތައްވެސް މިދިޔަ ސަރުކާރުން ޑިޒައިން ކޮށްފައިވާނެ ކަމަށެވެ. އަދި ޓާމިނަލްގެ ޑިއުޓީ ފްރީ ފިހާރަތަކާއި، ރެސްޓޯރެންޓުތައް ބިޑަކާ ނުލާ ބަހާލާކަމުގެ އަޑުތައް ފެތުރިފައިވާ ކަމަށާއި، އެކަން އެގޮތަށް ނުކުރުމަށް އިލްތިމާސް ކުރަށްވާ ކަމަށްވެސް ރައީސް ޞާލިޙް ވިދާޅުވިއެވެ.

އޭގެ އިތުރުން ރައީސް ޞާލިޙް ވަނީ ޑިއުޓީ ފްރީ ފިހާރަތަކާއި، ރެސްޓޯރެންޓުތަކުގެ ބިޑިން ޕްރޮސެސް ކުރިއަށް ގެންދިޔަގޮތް ބަލައި ތަހުގީގު ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނަށާއި އޮޑިޓް އޮފީހަށް ގޮވާލައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު