ޞާދިރު ޢަލީދީދީ   18 ސެޕްޓެމްބަރު 2020 - 13:46
ދިޔަރެސް
ދިޔަރެސް
އެޕިސޯޑް 01

...............

އަދިވެސް މުޢާޒުގެ ސިކުނޑީގައި އެނބުރެމުންދަނީ އެ ޚިޔާލުތަކެވެ. އޭނާއަށް ހީވާކަހަލައެވެ. ދޭތެރެ ދޭތެރެއިން އެ އަންހެން ކުއްޖާ އޭނާގެ ކުރިމަތިން ހުރަސްކުރަނީއެވެ. އެކަމަކު އޭނާއަށް ޔަޤީންވެއެވެ. އެކުއްޖާއަކީ މީގެކުރިން އޭނާ ދުވަހަކުވެސް ދުށް ކުއްޖެއް ނޫނެވެ. އެއީ ރީތި ޖާދުވީ ހަށިގަނޑެއްގެ ވެރިއެކެވެ.

މިހާރު މުޢާޒު އެގޮތަށް އެތާނގައި ހުއްޓި ހުންނަތާ އެއްގަޑިއިރަށް ވުރެންވެސް ގިނައިރު ވެދާނެއެވެ. އަދިވެސް އޭނާ ގެއަށްދާކަށް ބޭނުމެއް ނުވެއެވެ.

އޭނާ ބޭނުންވަނީ އަދި އެއްފަހަރު ނަމަވެސް، އެ ޖާދުވީ ކުއްޖާގެ ސޫރަ ދެކެލާށެވެ. ވެދާނެއެވެ. އެއީ އޭނާއަށް ލިބޭ ވަރަށްބޮޑު ހިތްހަމަޖެހުމެކެވެ.

އެންމެފަހުން ގަޑީގެ ކަށި އޭނާއަކަށް ވަގުތެއް ނުދިނެވެ. އޭނާއަކީ ނުހަނު ބުރަކޮށް ވަޒީފާއެއްގެ މަސްއޫލިއްޔަތު އުފުލަމުން އަންނަ ޒުވާނެކެވެ.

އަމިއްލަ ކޮމްޕެނީއެއް ވިޔަސް އޭނާއަކީ އެ ކޮމްޕެނީ ހިންގުމާ ޙަވާލުވެހުރި މީހާއެވެ. ގަޑިއަށް ބަލައިލުމާއެކު އޭނާ ކުރަމުން އައި އިންތިޒާރު ހުއްޓާލުމަށްފަހު އޮފީހަށް ދިޔުމަށްޓަކައި ހިނގައިގަތެވެ.

ދެވަނަފަހަރަށް އޭނާގެ ހުވަފެނީ އަންހެން ކުއްޖާ ފެނުނީ އެވަގުތުއެވެ. އެއަންހެން ކުއްޖާ އިތުރު ދެ އަންހެން ކުދިންނާއެކު އައިސް އޭނާޔާ އަރާހަމަވަނީއެވެ.

މުޢާޒު ހުއްޓުނެވެ. މިހާރު އޭނާ ހިތް ފުރެންދެން އެކުއްޖާއަށް ބަލަނީއެވެ. އެވަގުތު އޭނާއަށް ޖެއްސުންކޮށްލީ އޭނާގެ ޖީބުގައި އޮތް މޯބައިލް ފޯނެވެ. މުޢާޒު ތެޅިގެންފައި ފޯނު ނަގައިފިއެވެ.

[ހަލޯ...އާނ މިދަނީ....] މުޢާޒު މި ޖަވާބާއެކު ފޯނު އަނެއްކާވެސް ޖީބަށް ލައިފިއެވެ. ނަމަވެސް މިހާރު އެކުދިންނެއް ފެންނާކަށް ނެތެވެ.

އޭނާ މާޔޫސްވިއެވެ. ސައިކަލަށް އަރައި އޭނާ މިޞްރާބުޖެހީ ޢުބޭދުމެންގެއަށް ދިޔުމަށެވެ. ޢުބޭދަކީ އޭނާގެ ހުރިހާ ސިއްރުތަކެއް ދަންނަ، ކަންކަމުގައި ލަފާ ހޯދާ ރަޙްމަތްތެރިޔާއެވެ.

މުޢާޒަށް އެގެއަށް ދެވުނުއިރު ޢުބޭދު އުޅެނީ ގޭތެރޭގެ ކޮންމެވެސް މަސައްކަތެއްގައި އަވަދިނެތިއެވެ.

[ހާދަ މަސައްކަތް ބުރަކޮށްލައިގެން.] މުޢާޒު އެތެރެއަށް ވަންނަމުން ވާހަކަ ދެއްކިއެވެ.

[ދަރިފުޅުގެ އުފަންދުވަހަށް ދުރާލާ ތައްޔާރުވެލަނީ. މިއަދު އޮފީހަށް ނުނުކުންނަ ދުވަހަކީތަ؟] ޢުބޭދު ތެދުވެ ހިންދެމިލިއެވެ.

[ނޫނޭ އޮފީހުގައި އުޅެފައި މިއައީ.] ޖެހިގެންހުރި ގޮނޑީގައި މުޢާޒު އިށީނެވެ.

[ހާދަ ރަނގަޅޭ ވަދެލިކަން. ނަޒްމާ...ނިކަން އަވަހަށް ދެތަށި ކޮފީ ގިރައިގެން ގެނެސްދީބަލަ.] ޢުބޭދު އެއްފަހަރާ ދެމީހުނާ މުޚާޠަބު ކުރިއެވެ. ޢުބޭދުގެ އަޑަށް ނަޒްމާ ކުޑަދަރިފުޅު ޔޫޙާ އުރާލައިގެން ކޮޓަރިން ނުކުތެވެ.

[އަނހަ މުޢާޒުތަ؟] ނަޒްމާ ދަރިފުޅު ރެކުސާގައި ބޭންދިއެވެ. މުޢާޒު ތެދުވެގެން ގޮސް ދަރިފުޅު އުރާލިއެވެ.

[ކުޑަކުޑަ ޢުބޭދެއްމީ....އަޞްލުވެސް ހާދަ ވައްތަރޭ.] މުޢާޒު އަބަދުވެސް އާދަ ފަދައިން ވައްތަރު ކިޔަން ފެށިއެވެ.

[އަހަންނަކަށް އެހާ ވައްތަރެއް ނޫން. އަހަންނަށް ހަމަ ވައްތަރީ ނަޒްމާޔާ.] ޢުބޭދު މުޢާޒާ ޖެހިގެން ހުރި ގޮނޑީގައި އިށީންނަމުން ކުޑަދަރިފުޅު ޔޫޙާގެ ކޮލުގައި ހިފާލިއެވެ.

[ތުއްތު ކުދިންގެ ކޮލުގައި ހިފާކަށް ނުވާނެ.] މުޢާޒަށް މިހެން ބުނެވުނު ވަގުތު، ނަޒްމާ ދެތަށި ކޮފީ ހިފައިގެން އައިސް ހުއްޓިއްޖެއެވެ. ޢުބޭދު މުޢާޒުގެ އުނގުގައި އިން ދަރިފުޅު ނެގިއެވެ. ނަޒްމާ މުޢާޒަށް ކޮފީތަށި ދިއްކުރިއެވެ. މުޢާޒު ތަށި އަތުލިއެވެ.

އެއީ ޢުބޭދުގެ މަންމަ ޒުހުރާ ގެޔަށް އައިސް ވަން ވަގުތެވެ.

[މުޢާޒު....މިހާރަކަށް އައިސް ހާދަ ނުފެނެޔޭ. އަނެއްކާ ރަށުގައި ނޫޅެނީތަ؟] ޒުހުރާ އެތެރެއަށް ވަންނަމުން މުޢާޒާ މުޚާޠަބު ކުރިއެވެ.

[އަހަރެން ހީކުރީ ދައްތަ ރަށުގައި ނޫޅެނީ ކަމަށް...އަހަރެން މިގެއަށް ނާންނަ އެންމެ ދުވަހެއްވެސް ނުދާނެ....] މުޢާޒު ހީގަތެވެ.

ޢުބޭދުގެ މަންމަ ޒުހުރާއަކީ މީހުންނާ ގުޅޭ ހިތްހެޔޮ މިޒާޖެއްގެ އަންހެނެކެވެ. އެހެންކަމުން، ޢުބޭދުގެ ދެމަފިރިންގެ ރަޙްމަތްތެރި ކަމުގައި އެގެޔަށް އައިސް އުޅޭ އެންމެންވެސް އޭނައާ ގާތް ގުޅުމެއް އޮވެއެވެ. އެ އެންމެނަށްވެސް ޢުބޭދަށް ކުރާ ޤަދަރާއި އިޙްތިރާމް ޒުހުރާ ކުރެއެވެ. އެކަން ޢުބޭދުގެ ހުރިހާ ރައްޓެހިންވެސް ދަނެއެވެ.

[އެހެންނުވާނީ...ދައްތަ ނޫޅޭ ގަޑި ބަލާފައި އަންނަންޏާ.] ޒުހުރާ އެތެރެއަށް ވަދެގެން ހިނގައިގަތެވެ.

[މިވަގުތު އިހަށް އަހަރެން ދަނީ....ޢުބޭދު މިރޭ އަހަރެންގެ ގެޔަށް ޖައްސާލައްޗޭ. ވަރަށްބޮޑު މަޝްވަރާއެއް ކުރަންވެފައި އެބައޮތް.] މުޢާޒު ކޮފީތަށީގެ އެންމެފަހު ކޯވަރު ބޮއިލުމަށްފަހު، ސޯފާ ކުރިމަތީގައި ހުރި ކުޑަ މޭޒުމަތީގައި ތަށި ބެހެއްޓިއެވެ.

[އާނ ދާނަން. ކޮބާ މިހާރު ބޭރު ދަތުރުކުރަންދާ ޚިޔާލު ބަދަލުވީތަ؟] ޢުބޭދުވެސް ކޮފީތަށީގެ ފަހު ކޯވަރު ބޯލިއެވެ.

[ނޫނޭ އަހަރެންގެ ޚިޔާލު، ތިޔަ ހީކުރާހާ ފަސޭހައިން ބަދަލެއް ނުވާނެ. މިހާރު މިހުންނަނީ އެޖެންސީއަކަށް އެއްޗެތިވެސް ލައިގެން.] މުޢާޒު އެގެއިން ނުކުތެވެ.

ދެވަނަފަހަރަށް މުޢާޒުގެ ފޯނު ރިންގުވީ، އެގެއިން ނުކުމެ ސައިކަލަށް އަރާ ދުއްވާލިތަނާއެވެ. މުޢާޒު އަވަސް އަވަހަށް ސައިކަލް މަޑުކޮށް ފޯނު ނެގިއެވެ.

މުޢާޒު ފަހަތަށްތަ ތި އަންނަނީ؟] މިފަހަރުވެސް ގުޅީ އޮފީހުންނެވެ.

[ފަހަތަކަށް ނޫން ކުރިއަށް. މިހާރުވެސް މިދުއްވަނީ ޤަވާޢިދާ ޚިލާފަށް، ތިރީސް ކިލޯ މީޓަރަށް.] މުޢާޒު ވާހަކަ ދެއްކީ ސަމާސާ ރާގަކަށެވެ.

[އޭތް މުޢާޒު...ސަމާސާނުކޮށް ތަންކޮޅެއް އަވަހަށް އައިސްބަލަ.] އޮފީހުން ވާހަކަ ދެއްކީ އޭނާގެ ދަށުން ހުންނަ މަދީހެވެ.

[އަވަސްކުރަން ބޭނުމިއްޔާ އަވަހަށް ފޯނު ބާއްވާ.] މުޢާޒު ހީގަންނަމުން ސައިކަލް ދުއްވާލިއެވެ. މަދީހު ފޯނު ބޭއްވިއެވެ.

އޭރު ގަޑިން މެންދުރުން އަނބުރާ ދޭއްޖަހާ ބޮޑުވެއްޖެއެވެ. އެއީ މަދީހު އޭނާގެ އަންހެނުން ބަލާ އޮފީސްދޮށަށް ދާންޖެހޭ ގަޑިއެވެ. މުޢާޒަށް އާދެވުނުއިރު ލަސްވެގެން މަދީހު ނުކުންނަނީއެވެ.

[މިއަދުވެސް އެމަންޖެގެ ފަހަތުން އަޅުވާލީދޯ؟ ދިމާކުރަން ހުރެވޭކަށް ނެތް. އަންހެނުން މިހާރު އިންނާނެ އަހަރެން ލަސްވެގެން ކުދި ކިޔާލަ ކިޔާލަ.] މަދީހު ނުކުމެގެން ހިނގައިގަތެވެ. މުޢާޒު އެތެރެއަށް ވަނެވެ.

އެރޭ ޢުބޭދު މުޢާޒު އެދުނު އެދުމުގެ މަތިން މުޢާޒުގެ ގެޔަށް އައިސް މުޢާޒާ ބައްދަލުކުރިއެވެ.

[ދެން ތި ދައްކަން އުޅޭ ވާހަކައެއް ދައްކަބަލަ.] ޢުބޭދު ގެޔަށް ވަންނަމުން މުޢާޒާ މުޚާޠަބު ކުރިއެވެ.

[އެއްވެސް ވާހަކައެއް ދައްކާކަށް ނޫން...ޚިޔާލެއް ހޯދާލަންވެގެން. ވަދެ އިށީނދެބަލަ.] މުޢާޒާއި ޢުބޭދު އެކުއެކީގައިހެން ސޯފާގައި އިށީނެވެ.

[މިގެ ހާދަ ފަޅުހެން ހީވެޔޭ. މުޢާޒު މަންމަވެސް ގޭގައި ނޫޅެނީތަ؟] ޢުބޭދު އެހިއެވެ.

[މަންމަވީ ބޮޑުދައްތަމެން ގެޔަށް ގޮސް. ދެން ތިވާހަކަ ހުއްޓާލަބަލަ. އަހަންނަށް ކަންކަމުގައި ޖެހިލުމެއްނެތި ކުރިމަތިލާން ދަސްކޮށްދީބަލަ.] މުޢާޒު ޢުބޭދުގެ ސުވާލަށް ޖަވާބު ދިނުމަށްފަހު އެދުނެވެ.

[ކޮންކަމަކާތަ ކުރިމަތިނުލެވިގެން ތިއުޅެނީ؟ އަނެއްކާ މަޖިލިސްގެ ގޮނޑިއަކަށްތަ؟] ޢުބޭދުގެ ވާހަކަ ސަމާސާއާ ގުޅުނެވެ.

[އަހަންނަކީ ސިޔާސީ މީހެއް ނޫން. ތިއީ އަހަރެން ޚިޔާލުވެސް ނުކުރާ ދާއިރާއެއް. އަހަރެން މިއުޅެނީ އުޅެއުޅެ އަންހެން ކުއްޖަކާ ކުރިމަތިނުލެވިގެން. ކުރިމަތިލާނެ ފުރްޞަތުވެސް ލިބޭ. އެކަމަކު ކީއްކުރާނީ...އެކުއްޖާއާ ވަކިހިސާބަކަށް ގާތަށް ދެވޭއިރަށް އަތްފައި ފިނިވަނީ.] މުޢާޒުގެ ވާހަކައިން އޭނާގެ އަމިއްލަ ނަފްސަށް މަލާމާތް ރައްދުވިއެވެ.

[ފިނޑި....ފިރިހެނަކަށް ނުވަނީ. މިހާރުވެސް ތިބުނާ ކުއްޖަކު އަހަންނަށް ދައްކަބަލަ.] ޢުބޭދު މޭ ފުއްޕާލިއެވެ.

[އެނގިދާނެތާ ޢުބޭދުގެ ފެންވަރެއްވެސް. އިރާދަކުރެއްވިއްޔާ މާދަމާ އެމަންޖެ ދައްކާލާނަން....އަހަންނަށް ފެނުނީމާ ޢުބޭދަށް ގުޅާނަން....] އެވަގުތު މުޢާޒުގެ ބައްޕަ ޒަކީ ގެޔަށް ވަނެވެ. އޭނާ އައިގޮތަށް އައިސް ޢުބޭދާއި މުޢާޒުމެން ތިބި ސޯފާއާ ޖެހިގެން ހުރި ސޯފާގައި އިށީނެވެ. ބައްޕަގެ ސަބަބުން މުޢާޒަށް ޖެހުނީ މަޥްޟޫޢުވެސް ބަދަލުކުރާށެވެ. އެކަން ޒަކީއަށް އެނގުނީ ކަމަށްވެސް ވެދާނެއެވެ. ޒަކީ ތެދުވިއެވެ.

[މަންމަ ގޭގައި ނުޅެނީތަ؟] ޒަކީ ތެދުވެމުން އެހިއެވެ.

[އާނ މަންމަ ދިޔައީ ބޮޑުދައްތަގެ ގެޔަށޭ ކިޔާފައި.] މުޢާޒުގެ ޖަވާބު ވަރަށް އަވަހެވެ. ޒަކީ ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ. ޒަކީ ދިޔުމުން މުޢާޒު އަނެއްކާވެސް ކުރީގެ މަޥްޟޫޢަށް ދިޔައެވެ.

[އެނގޭތަ ތިބުނާ އަންހެން ކުއްޖާ އުޅޭ ގެއެއް؟] ޢުބޭދު އެހިއެވެ.

[ނޭނގޭތީއެއްނު މައްސަލައަކީ.] މުޢާޒު ކަރުއެލުވާލިއެވެ.

[ކޮންމެހެންވެސް ދެން އެމަންޖެ ފެނިއްޖިއްޔާ އަހަންނަށް ގުޅާތި.] ޢުބޭދު ބުންޏެވެ.

[ޢުބޭދުވާނެ ކޮންމެހެންވެސް އަހަންނަށް މިކަން ކޮށްލަދޭން.] މުޢާޒު ހީވަނީ އެކަމަށް ފެންބޮވައިގެންފައިވާހެނެވެ.

ޖެހިގެން އައި ދުވަހު މުޢާޒު އޮފީހުން ނުކުމެ، ކުރީ ދުވަހު އެ އަންހެން ކުއްޖާ ފެނުނު ދިމާއަށް ހިނގައިގަތްތަނާހެން، ކުރީ ދުވަހުވެސް އެކުއްޖާއާއެކު ދިޔަ ދެއަންހެން ކުދިންނާއެކު އަންނަނިކޮށް މުޢާޒަށް ފެނުނެވެ. މުޢާޒު ވަގުތުން ޢުބޭދަށް ގުޅިއެވެ.

[ޢުބޭދު އަވަހަށް އާދޭ އަހަރެމެން އޮފީސް ކައިރިއަށް. ވަރަށް އަވަސްކުރާތި.] މުޢާޒު އިތުރަށް މާގިނަ ވާހަކައެއް ނުދައްކާ ފޯނު ބޭއްވިއެވެ. އޭރު އެކުދިން ގޮސް އެދިމާލުގައި ހުރި ފިނި އެއްޗެތި ވިއްކާ ތަނެއް ކަމަށްވާ އައިސް ބޮކްސްއަށް ވަންނަނީއެވެ. މުޢާޒު ގަޑިއަށް ބަލައިލިއެވެ. އޭރު ގާތްގަނޑަކަށް ގަޑިން ދިހައެއް ޖަހަނީއެވެ. މުޢާޒު އަނެއްކާވެސް ޢުބޭދަށް ގުޅިއެވެ.

[ކޮބައިތަ ޢުބޭދު؟] އެކޮޅުން ފޯނު ނެގީ ޢުބޭދުގެ އަންހެނުން ނަޒްމާއެވެ.

[ގޮއްސި.] ނަޒްމާ ޖަވާބުދިނެވެ. މުޢާޒު ފޯނު ކަނޑާލިއެވެ. އިސާހިތު ޢުބޭދު ބާރު ދުވެލީގައި ސައިކަލްގައި އައިސް މުޢާޒުގެ ކުރިމައްޗަށް މަޑުކުރިއެވެ.

[ކޮބާ އެމަންޖެ؟] ޢުބޭދު ސައިކަލް ޕާކް ކުރުމަށްފަހު އެއްސެވެ.

[އައިސް ބޮކްސްއަށް ވަދެއްޖެ. ހިނގާ އަހަރެމެންވެސް ވަންނަމާ.] އައިސް ބޮކްސްއާ ދިމާއަށް މުޢާޒު ހިނގައިގަތެވެ. ފަހަތުން ޢުބޭދުވެސް ހިނގައިގަތެވެ.

[ނަޞީބެއްނު....ސައިފޮދެއްވެސް ލިބޭގޮތްވީނުން.] ޢުބޭދު ލާނެތް ފާޑަކަށް ބުނެލިއެވެ. ޢުބޭދު ކީ އެއްޗަކަށް މުޢާޒު މާބޮޑު އަޅާލުމެއް ނެތި، އައިސް ބޮކްސް ތެރެއަށް ވަނެވެ. ޢުބޭދުވެސް ފަހަތުން ވަދެއްޖެއެވެ.

[ޢުބޭ އޯޑަރުދީ. އަހަރެން ހިތް ފުރެންދެން އޭނައަށް ބަލަން އިންނާނަން.] މުޢާޒު އިށީންނަމުން، ވައި އަޑުން ޢުބޭދަށް ހަމައެކަނި އިވޭވަރަށް ބުންޏެވެ.

[ކޯއްޗެއް ގެންނަންވީ؟] ޢުބޭދު ކައުންޓަރާ ދިމާއަށް ހިނގައިގަންނަމުން އެހިއެވެ.

[ޢުބޭދަށް ފެންނަ އެއްޗެއް ގެނޭ. ދޮގެއް، އެ މޭޒުގައި ހުރި ވައްތަރަކުން އެއްޗެއް ގެނޭ.] މުޢާޒު މަޑުމަޑުން ބުންޏެވެ. ޢުބޭދު ގާތަށް ހިނިއައެވެ.

[ފިރާ.....] އެވަގުތު އެތަނުން އެއްކުއްޖަކު މުޢާޒުގެ ހިތުގެ މަލިކާއަށް ގޮވާލިއެވެ. ފިރާޝާ ބަލައިލީ މުޢާޒަށެވެ. ހީވެއެވެ. އެކުދިންނަށް ޢުބޭދު އޯޑަރު ދިން އަޑު އިވުނީއެވެ.

[ކީއްވެބާ...މި މޭޒުގައި ހުރި ވައްތަރަކުން އެއްޗަކަށް އެމީހުން އޯޑަރު ދިނީ؟] މުޢާޒު އިން މޭޒާ ދިމާއަށް ފިރާޝާ ވައްކަޅިން ބަލައިލިއެވެ. މުޢާޒު ކަޅިޖަހާވެސް ނުލައެވެ. އޭނާ އިނީ ފިރާޝާގެ މޫނަށް ބަލާށެވެ. މި މަންޒަރު ފިރާޝާއަށް ފެނުމުން ކޮންމެވެސްވަރަކަށް އޭނާ ރަކިވާގޮތްވިއެވެ.

[އަސްމާ...ބަލާބަލަ އެދިމާއަށް.] ޖެހިގެން އިން އަސްމާގެ ގައިގައި ފިރާޝާ ކޮއްޓާލިއެވެ.

[އަނެއްކާ ފިރާގެ މޫނުގައި އެއްޗެއް ލިޔެފައި އޮތީތަ؟] އަސްމާ އެންމެނަށް އިވޭވަރަށް ބުންޏެވެ. އޭނާ ބޭނުންވީ މުޢާޒު ރަކިކޮށްލާށެވެ. އެކަން އޭނާ ކާމިޔާބު ކުރިވެސް މެއެވެ. މުޢާޒު ލަދުން އިސްޖަހާލިއެވެ. ޢުބޭދު ހިނިއައިސްފައި ހުރެ ސައިތަބައް ހިފައިގެން އައިސް އިށީނެވެ.

[ކޮބައިތަ އަޞްލު މުޢާޒު ތިބުނާ ކުއްޖަކީ؟] ޢުބޭދު މަޑުމަޑުން އެއްސެވެ. މުޢާޒު އިނގިލީގެ އިޝާރާތުން ފިރާޝާ ދައްކާލިއެވެ. އެއީ ފިރާޝާމެން ސައިބޯން ތިބި މޭޒަށް ވެއިޓަރު ބިލް ގެނެސްދިން ވަގުތެވެ. ތެދުވެގެން ގޮސް ބިލް ދެއްކީ ފިރާޝާއެވެ.

[އަހަރެން ތި ބިލް ދައްކަފާނަން...] ފިރާޝާ ބިލަށް ފައިސާ ދެއްކުމުގެ ކުރިން ޢުބޭދު ކުރިމަތިލިއެވެ.

[އަހަރެމެން ސައިބޯން ވަނީ ފައިސާ ނެތިއެއް ނޫން. ވަރަށް ބޮޑަށް ތޭންކްސް.] ފިރާޝާ ފައިސާ ދެއްކިއެވެ. ޢުބޭދު ރަކިވިއެވެ. މުޢާޒުގެ ގާތަށް އައީ ނުލަފާ ހިންޏެކެވެ.

[ތިހެންވީއިރު އަހަރެމެންގެ ބިލަށް ފައިސާ ދައްކަފާނަންތަ؟] ޢުބޭދު ދެރަވާކަށް ބޭނުމެއް ނުވިއެވެ. އޭރު ފިރާޝާމެން އެތަނުން ނުކުންނަނީއެވެ.

[މިތަނަށް ވަންނަހާ މީހުނަށް ފައިސާ ދައްކާކަށް، އަހަރެމެންނަކީ މިލިއަނަރުންނެއް ނޫން.] މިފަހަރު ޢުބޭދަށް ޖަވާބުދިނީ އަސްމާއެވެ. މި ޖަވާބާއެކު ފިރާޝާމެން އެތަނުން ނުކުތެވެ.

[އަދިވެސް ފޮނި ކަނޑާތި. ދެންމެވެސް ފަށައިގަންނަން ނޭނގުނީއޭ.] މުޢާޒު ދިމާކުރިއެވެ.

[ތިބުނީ؟] ޢުބޭދު އެހިއެވެ.

[މިބުނީ އެކުދިންނާ ކުރިމަތިލީގޮތް ކަމުނުދާ ވާހަކަ. ދެންވެސް އަވަސްކޮށްލައިގެން، އެމީހުންގެ ފަސް ފެނޭތޯ ނުކުންނަން އުޅެބަލަ.] މުޢާޒު ކޮފީތަށީގެ ބާކީހުރި ބައި، އެއްކޯވަރުން ބޮއި ހުސްކުރިއެވެ.

އެމީހުން އެތަނުން ނުކުތްއިރު ފިރާޝާމެން ފެންނާކަށް ނެތެވެ.

[މިއަދުވެސް މިވީ މުޅިން ނާކާމިޔާބު ދުވަހަކަށް.] މުޢާޒު ކަރުއެލުވާލިއެވެ.

[އެއީ ކޮން އޮފީހެއްގައި އުޅޭ ބައެއް ކަމެއްވެސް ނޭނގޭދޯ؟] ކުރިމަތީގައި ހުރި ޖަސްޓިސް ބިލްޑިންގއާ ދިމާއަށް ބަލަންހުރެ ޢުބޭދު ވާހަކަ ދެއްކިއެވެ.

[އާނ....ކީއްކުރާނީ...ދެންވެސް އެކަހަލަ ފެނިލުމަކަށް އިންތިޒާރު ކުރާނީ.] މުޢާޒު އުންމީދު ގެއްލުވައެއް ނުލައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން