ސަރުކާރުން ކުރާ ކަންކަމުގައި ޖަވާބުދާރީ ކުރުވަން އުފައްދާފައިވާ މުއައްސަސާތައް ވަނީ ފެއިލްވެފައިކަމަށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާޢީލް ވިދާޅުވެއްޖެއެވެ.

ފައްޔާޒް މިހެން ވިދާޅުވީ ”ރީބޫޓް“ ގެ ނަމުގައި ކުރިޔަށް ގެންދާ ޕޮޑްކާސްޓެއްގައި ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން ފައްޔާޒު ވިދާޅުވީ، ރާއްޖޭގެ ސިޔާސީ މަސްރަހާއި، މުޅި ދައުލަތުގެ ނިޒާމަށް އަންނަން ޖެހޭ ބަދަލުތައް ގެންނަން ގިނަ މަސައްކަތްތަކެއް ކުރަން ޖެހިފައިވާކަމަށެވެ. އަދި އެ މަސައްކަތްތައް ކުރުން ލަސްނުވެ ފެށުމަށް ފައްޔާޒު ވަނީ ގޮވާލައްވާފައެވެ.

ފައްޔާޒް ވިދާޅުވީ، ސަރުކާރު ޖަވާބުދާރީ ކުރުވަން ހުރި ނިޒާމްތަކުގެ ތެރޭގައި ފަނޑިޔާރުގެއާއި، މިނިވަން މުއައްސަސާތައް ހިމެނޭ ކަމަށާއި، ދައުލަތް ވަކި މީހެއްގެ ބާރުގެ ތެރޭގައި އޮތް އޮތުމަށް އެއްވެސް ނިމުމެއް ނާންނަ ކަމަށެވެ. މީގެ ސަބަބުން ދައުލަތުގެ އޮނިގަނޑުގައި ހަރުލާފައިވާ މައްސަލަތައް ހައްލުކުރުމަށް ދަތިތަކެއް ހުރިކަން އޭނާ ފާހަގަކުރެއްވިއެވެ.

ސުޕްރީމް ކޯޓާއި ގުޅޭގޮތުން ޕޮޑްކާސްޓުގައި ދެއްކެވި ވާހަކައިގައި، ފައްޔާޒް ވިދާޅުވީ މުޅި ނިޒާމު އެއްކޮށް އޮތީ ރައީސް ޑރ. މުއިއްޒުގެ ބާރުގެ ދަށުގައި ކަމަށެވެ. އަދި ގާނޫނުގައި ވަކި ގޮތަކަށް ލިޔެވިފައި ވީ ނަމަވެސް، އަމަލީ ގޮތުން ހަގީގީ އެއްވެސް ބަދަލެއް ނާންނަކަމަށް ފައްޔާޒް ވިދާޅުވިއެވެ.

އެހެންކަމުން މިހާރު ކުރަންޖެހިފައިވާ އެންމެ މުހިންމު ކަމަކީ، މިނިވަން މުވައްސަސާތަކަށް ހަގީގީ މިނިވަންކަމެއްގައި މަސައްކަތްކުރާނެ ގޮތެއް ހޯދުންކަމަށް އޭނާ ވިދާޅުވިއެވެ.

މި ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުވިދާޅުވަމުން ފައްޔާޒު ވިދާޅުވީ، އެއްވެސްކަމެއްގައި ރައްޔިތުން ބޭނުންވި ޝާމިލުވުން މިހާތަނަށް ސަރުކާރުގެ ތެރެއިން ނުފެންނަކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު