ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު މައުރޫފް ޖަމީލް
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު މައުރޫފް ޖަމީލް
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ އެންގުމަށް އެންމެފަހުން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު މައުރޫފް ޖަމީލް އިސްތިއުފާ ދެއްވައިފިއެވެ.

މީގެ ކުރިން މަޢުރޫފް ނިންމަވާފައިވަނީ، އަންނަ މަހު 18 އިން ފެށިގެން ރިޓަޔާ ކުރެއްވުމަށެވެ. ނަމަވެސް މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޕީސީބީން އެންގުމުން އޭނާ މިހާރު ވަނީ މަޤާމުން އިސްތިއުފާ ދެއްވާފައެވެ.

މައުރޫފް މީގެ ކުރިން ވިދާޅުވެފައިވަނީ، މިދިޔަ އަހަރުގެ ޑިސެމްބަރު 22 ގައި އޭނާ މަޤާމާއި ހަވާލުވެ ވަޑައިގަތުމަށްފަހު އެޗްޑީސީއަށް އިސްލާހުތަކެއް ގެނައުމަށް މަސައްކަތް ކުރެއްވި ކަމަށެވެ. އެގޮތުން އެންމެ އިސްކަމެއް ދެއްވީ ހުޅުމާލޭގެ މާސްޓަރޕްލޭނަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމަށްކަމަށް މައުރޫފް ވިދާޅުވިއެވެ.

އޭގެ އިތުރުން ދެން އެންމެ ބޮޑު އިސްކަމެއް ދެއްވީ ކުންފުނީގެ ހިންގުން ހަރުދަނާކޮށް އިސްލާހީ ބަދަލުތަކެއް ގެނައުމަށްކަމަށް މައުރޫފް ވިދާޅުވިއެވެ. އަދި އެ ދެ ލަނޑުދަނޑިވެސް ހާސިލްވިކަމަށް މައުރޫފް ވިދާޅުވިއެެވެ.

މައުރޫފް ވަނީ މީގެ ކުރިން ރައީސް މައުމޫންގެ ވެރިކަމުގައި، ހުޅުމާލޭ ތަރައްގީ ކުރުމުގެ މަސައްކަތް ކުރި ހުޅުމާލޭ ތަރައްގީ ކުރުމާ ބެހޭ ޔުނިޓުގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމު އަދާކުރަށްވައިފައެވެ.

މައުރޫފް އެޗްޑީސީގެ އެމްޑީގެ މަގާމަށް އައްޔަންކޮށްފައިވަނީ އެ މަގާމުގައި ކުރިން ހުންނެވި އިބްރާހިމް ފަޒުލް ރަޝީދަށް ތުހުމަތު ކުރެވުނު ކޮރަޕްޝަންގެ މައްސަލަތަކެއްގައި މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.



ކިޔުންތެރިންގެ ހިޔާލު