ފައްޔާޒު އާއި ޝުޖާއު،
ފައްޔާޒު އާއި ޝުޖާއު،
ލާމަރުކަޒީ ގާނޫނަށް ބަދަލުގެންނަން ހުށަހަޅާފައިވާ ބިލަކީ ރައްޔިތުންގެ އަތުގައި އޮތް ބާރުވެރިކަން ފޭރިގަތުމަށް ހުށަހަޅާފައިވާ ބިލެއް ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު ވިދާޅުވުމުން ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު އެއަށް ރައްދުދެއްވައި އެކަން ދޮގުކުރައްވައިފިއެވެ.

މި ބިލުގައި ހުރި ކަންކަމާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރަމުން މިއަދު ފައްޔާޒު ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓުގައި ވިދާޅުވީ އެއީ ރައްޔިތުންގެ އަތުގައި އޮތް ބާރުވެރިކަން ފޭރިގަނެ، ރަށްރަށުގެ ހުރިހާ ކަމެއް ނިންމުމުގެ ބާރު މައި ސަރުކާރަށް ނެގުމަށް ހުށަހަޅާފައިވާ ބިލެއް ކަމަށެވެ.

ފައްޔާޒު ވިދާޅުވީ ކައުންސިލްތަކަށް ވިޔަފާރި ކުރެވޭނެ ދާއިރާތަކާއި، އާމްދަނީ ހޯދާނެ ގޮތް ކަނޑައަޅަން ޖެހެނީ މައި ސަރުކާރަކުން ނޫން ކަމަށާއި، ސަރުކާރަށް ބަރޯސާނުވެ ކަންކަން ނިންމުމަށް މާލީ މިނިވަންކަން ކައުންސިލްތަކަށް އޮންނަން ޖެހޭކަމަށެވެ.

ނަމަވެސް މި ބިލުގެ ސަބަބުން ލާމަރުކަޒީ ނިޒާމު ފުނޑިގެން ގޮސް، މައި ސަރުކާރަށް އަޅުވެތިވުމަށް ކައުންސިލްތަކަށް މަޖުބޫރުވާނެ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު މިހެން ވިދާޅުވުމާ ގުޅިގެން ރައްދުގައި ޝުޖާއު ވިދާޅުވީ މި ބިލަކީ ލާމަރުކަޒީ ނިޒާމުގައި ހުރި މައްސަލަތައް ހައްލުކޮށް، ނިޒާމު ހަރުދަނާ ކުރުމަށް ހުށަހަޅާފައިވާ ބިލެއް ކަމަށެެވެ.

"އޮޅުވާނުލާ! މިއުޅެނީ އިތުރަށް ރައްޔިތުން ބާރުވެރި ކުރުވަން." ޝުޖާއު ވިދާޅުވިއެވެ.



އޭނާ އިތުރަށް ވިދާޅުވީ ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރެވޭނީ ވާދަވެރި ޕާޓީން ޒިންމާދާރު ކަމާއެކު ހުރި މައްސަލަތައް ހައްލުކުރުމަށް ހިޔާލު ދެއްވައިގެން ކަމަށެވެ.

"އުފަންކުރި ދަރިއެކޭ ކިޔާ ތިއުޅެނީ ގާތުންދޭންޖެހޭ ވަގުތު ފިލައިގެން." ޝުޖާއުގެ ޕޯސްޓުގައި ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް