އައްޑޫ ނޭޗަރ ޕާކް
އައްޑޫ ނޭޗަރ ޕާކް
ހިންގުމުގެ ހުއްދަ ލިބިގެން ނޫނީ ފަތުރުވެރިކަން އިޝްތިހާރު ނުކުރެވޭ ގަވައިދެއް ފަތުރުވެރިކަމާބެހޭ ވުޒާރާއިން ޢާއްމު ކޮށްފިއެވެ.

ފަތުރުވެރިކަމާބެހޭ ވުޒާރާއިން އިއްޔެ އާންމުކޮށް އަމަލު ކުރަން ފަށާފައިވާ ފަތުރުވެރިންނަށް ހިދުމަތް ދޭ ތަންތަން އިޝްތިހާރު ކުރުމުގެ ގަވައިދު ގައި ބުނެފައިވަނީ، ފަތުރުވެރިކަން އިޝްތިހާރު ކުރެވޭނީ ފަތުރުވެރިންނަށް ހިދުމަތް ދިނުމަށް ފަތުރުވެރިކަމާބެހޭ ވުޒާރާގައި ރަޖިސްޓްރީ ކޮށްފައިވާ ތަންތަނަށް އެކަނި ކަމަށެވެ.

އެގޮތުން ފަތުރުވެރިކަމުގެ ބޭނުމަށް އިޝްތިހާރު ކުރެވޭނީ ޓޫރިސްޓު ރިސޯޓުތަކާއި، އިންޓަގްރޭޓޭޓު ޓޫރިސްޓު ރިސޯޓުތަކާއި، ޕްރައިވެޓް އައިލެންޑާއި، ޓޫރިސްޓު ހޮޓަލާއި، ގެސްޓްހައުސް އާއި، ޓޫރިސްޓު އުޅަނދާއި، ޔޮޓު ބަނދަރާއި، ޑައިވިން ސެންޓަރުތަކާއި، އެކްސްކާޝަން ނުވަތަ ވޯޓާ ސްޕޯޓްސްގެ ހިދުމަތް ދޭ ތަންތަން ކަމަށް ޤަވާއިދުގައި ވެއެވެ.

މީގެ އިތުރުން ވެސް ފަތުރުވެރިކަމާބެހޭ ވުޒާރާއިން ހުއްދަ ދޫކޮށްފައިވާ ތަންތަނަށް މި ގަވައިދުގެ ދަށުން ފަތުރުވެރިކަން އިޝްތިހާރު ކުރެވޭނެ ކަމަށް ގަވައިދުގައި ބުނެފައިވެއެވެ. އަދި ފަތުރުވެރިކަމަށް ތަރައްގީ ކުރަމުން އަންނަ ތަންތަނަށް އިޝްތިހާރު ކުރުމުގެ ހުއްދަ ދިނުމުގެ އިހުތިޔާރުވެސް އެ ގަވައިދުން އެވުޒާރާއަށް ލިބިދެއެވެ.

މި ޤަވާއިދު އެކުލަވާލުމުގެ މަޤްސަދެއްކަމަށް ބުނެފައިވަނީ، ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ބޭނުންކުރާ މައުލޫމާތުގެ ތެދުކަން ކަށަވަރުކުރުމަށާއި، ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް އާންމު ކުރާ މައުލޫމާތަކީ ރާއްޖެއަށް ގެއްލުން ނުވާނެހެން އާންމު ކުރާ މައުލޫމާތަށް ހެދުމަށާއި، ފަތުރުވެރިކަމުގެ މިންގަނޑުތަކާ އެއްގޮތަށް، ޒިންމާދާރުކަމާ އެކު އިޝްތިހާރު ކުރުމަށާއި، ފަތުރުވެރިންނަށް އޮޅުވާލައި ނަހަމަ ގޮތުގައި ފައިސާ ހޯދަން ކުރާ މަސައްކަތްތަކުން ފަތުރުވެރިންނާއި ސިނާއަތް ރައްކާތެރި ކުރުމަށެވެ.

ހަމައެއާއެކު ފަތުރުވެރިކަމުގެ ހިދުމަތް ދޭ ތަންތަން އިޝްތިހާރު ކުރަންވާނީ ރަޖިސްޓްރީ އާއި އޮޕަރޭޓިން ލައިސަންސްގައި ބަޔާންކޮށްފައިވާ ދަރަޖައަށް ކަމަށާއި، ސޯޝަލް މީޑިއާގައި އިޝްތިހާރު ކުރާއިރު ހަގީގަތާ ހިލާފު ފޮޓޯ އާއި ވީޑިއޯ ބޭނުން ކުރުން އެ ގަވައިދުގެ ދަށުން ވަނީ މަނާކޮށްފައެވެ.

މީގެއިތުރުން ހަގީގަތާ ހިލާފު އޮންލައިން ރިވިއު، ކޮމެންޓު އަދި ރޭޓިންތައް ނުހެދުމާއި، އޭއައި ކޮންޓެންޓު ބޭނުން ކުރާނަމަ އެކަން ސާފުކޮށް ހާމަކުރަން ޖެހޭނެ ކަމަށްވެސް ޤަވާއިދުގައި ވަނީ ބުނެފައެވެ.

މި ޤަވާއިދާ ޚިލާފުވާ ފަރާތްތައް ފުރަތަމަ ފަހަރު ނަމަ 10،000 ރުފިޔާއަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށާއި، ދެވަނަ ފަހަރު 50،000 ރުފިޔާއަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުމަށް ކަނޑައަޅާފައިވާއިރު، ތިންވަނަ ފަހަރު ނަމަ 100،000 ރުފިޔާއަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުމަށް ޤަވާއިދުގައި ވަނީ ކަނޑައަޅާފައެވެ.

އޭގެއިތުރުން ތިން ފަހަރަށް ވުރެ ގިނަ ފަހަރު ގަވައިދާ ހިލާފުވެއްޖެ ނަމަ ލިޔުމުން އެންގުމަކާ ނުލާ ގަވައިދާ ހިލާފުވާ ކޮންމެ ފަހަރަކު 100،000 ރުފިޔާއަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް މި ޤަވާއިދުގައި ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް