އަބްދުލްޣަނީ މުހައްމަދު
އަބްދުލްޣަނީ މުހައްމަދު
އުއްތަމަ ފަނޑިޔާރުގެ މަގާމަށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު، އަބްދުލްޣަނީ މުހައްމަދު އައްޔަން ކުރަން މިއަދު މަޖިލީހުން ރުހުން ދީފިއެވެ.

މި މަގާމަށް ޣަނީއަށް ރުހުން ދިނުމަށް ފެންނަ ކަމަށް މަޖިލީހުގެ 62 މެންބަރުން ވޯޓު ދެއްވާފައިވާއިރު، ރުހުން ދޭން ނުފެންނަ ކަމަށް އެއްވެސް މެމްބަރަކު ވޯޓު ދެއްވާފައެއް ނުވެއެވެ.

އުއްތަމަ ފަނޑިޔާރުގެ މަގާމު ހުސްވީ އެމަގާމުގައި ހުންނެވި އަހުމަދު މުއުތަސިމް އަދުނާން މިދިޔަ ޖުލައި މަހުގެ 21 ގައި އެ މަގާމުން ޝަރަފުވެރިކަމާއެކު ރިޓަޔާ ކުރެއްވުމުންނެވެ.

2000 ވަނަ އަހަރުން ފެށިގެން ޖުޑީޝަރީގައި މަސައްކަތް ކުރެއްވި ޣަނީ ވަނީ މަދަނީ ކޯޓުގެ ޤާޟީ ކަމަށްފަހު ހައިކޯޓުގެ އިސްފަނޑިޔާރުކަމާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަންވެސް ކުރައްވާފައެވެ. ޖޭއެސްސީގެ ރައީސްކަން ވެސް ކުރެއްވި ޣަނީ މިހާތަނަށް ހުންނެވީ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރައީސްކަމުގެ މަގާމުގައެވެ.

ޤާނޫނުއަސާސީގައިވާ ގޮތުގެ މަތިން، އުއްތަމަ ފަނޑިޔާރުކަމުގެ މަޤާމަށް ބޭފުޅަކު ޢައްޔަންކުރެއްވުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ނަންފުޅެއް ފޮނުއްވަންޖެހެއެވެ. އެމަގާމަށް ބޭފުޅަކު އައްޔަންކުރާނީ ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތުން އެ ނަންފުޅެއް ފާސްކުރެއްވުމުންނެވެ.

ކުރީގެ އުއްތަމަ ފަނޑިޔާރު މުއުތަސިމް ރިޓަޔާ ކުރެއްވުމާ ގުޅިގެން ސުޕްރީމް ކޯޓު ހިންގުން ވަގުތީ ގޮތުން އެ ކޯޓުގެ ފަނޑިޔާރު އަބްދުﷲ ހަމީދުއާ މިހާރު ވަނީ ހަވާލުކޮށްފައެވެ. ހަމީދުގެ އިތުރުން ދެން އެ ކޯޓުގައި މިހާރު ތިއްބެވި ފަނޑިޔާރުންނަކީ، އާއިޝާ ޝުޖޫން މުހައްމަދާއި، އަލީ ރަޝީދު ހުސައިނާއި، ޑރ. މުހައްމަދު އިބްރާހިމާއި، ހުސައިން ރަޝީދާއި، މުހައްމަދު ސަލީމެވެ.



ކިޔުންތެރިންގެ ހިޔާލު