ސްރީލަންކާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނަށާއި އަދި ސްރީލަންކާ ރައްޔިތުންނާ ކައިވެނިކޮށްގެން އުޅޭ ދިވެހިންނަށް، ސްޕައުސް ވިސާ 1 އޮގަސްޓް 2025 އިން ފެށިގެން، އެއް އަހަރު ދުވަހުގެ މުއްދަތަށް ވިސާ ޖަހައިދޭން ސްރީލަންކާ ސަރުކާރުން ނިންމައިފިއެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ސްރީލަންކާއަކީ ގިނަ ދިވެހިން ދިރިއުޅެމުންދާ އަދި ޞިއްޙީ ފަރުވާއަށް ދަތުރުކުރާ ޤައުމަކަށްވާތީ، މި ނިންމުމުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ވިސާއާ ގުޅޭ ކަންކަމުގައި ދިމާވާ ގޮންޖެހުންތަކަށް ޙައްލެއް ލިބިގެންދާނެކަމަށެވެ.

އެހެންކަމުން ވިސާއަށް އެދޭ ފަރާތްތަކުން އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފުރިހަމަކުރުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށާއި ވަކިން ޚާއްޞަކޮށް، ސެކިއުރިޓީ ކްލިއަރެންސްއަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފުރިހަމަކުރުމަށް މިނިސްޓްރީން ވަނީ އިލްތިމާސް ކޮށްފައެވެ.

އަދި ވިސާއަށް އެދޭ ފަރާތުގެ ސެކިއުރިޓީ ކްލިއަރެންސްގެ ރެކޯޑުގައި އެއްވެސް މައްސަލައެއް ފާހަގަކުރެވިއްޖެނަމަ، އޭގެ ސަބަބުން ވިސާ ބާޠިލުވުން ފަދަ ނޭދެވޭ ނަތީޖާއެއް ކުރިމަތިވެދާނެތީ، މިކަމަށް ސަމާލުވުމަށް ސްރީލަންކާ ސަރުކާރުން އިލްތިމާސް ކޮށްފައިވާކަމަށް ވެސް ވަނީ ބުނެފައެވެ.

ދިވެހިރާއްޖެއަކީ ސްރީ ލަންކާގެ ސަލާމަތަށް ނުރައްކާތެރި ގައުމެއްގެ ގޮތުގައި ލިސްޓު ކޮށްފައި އޮތުމުން ދިވެހިންނަށް ރެސިޑެންސް ވިސާއާއި މެޑިކަލް ވިސާ ދިނުމުގައި ހަރުކަށި ގޮތްތަކެއް ގެންގުޅޭކަން ވަނީ ފާހަގަ ކުރެވިފައެވެ. ލަންކާގައި ހިނގާދިޔަ އީސްޓަރ ބޮމުގެ ހާދިސާއަށްފަހު ދިވެހިންނަށް ކުރެވުނު ތުހުމަތު ތަކާއެކު ލަންކާ ސަރުކާރުން ދިވެހިންނަށް ވިސާ ދިނުމުގައި ހަރުކަށި އުސޫލުތައް ގެންގުޅޭތީ އެގައުމުގައި ދިރިއުޅެމުން ދިޔަ ގިނަ އަދަދެއްގެ ދިވެހިން ވަނީ އެހެނިހެން ގައުމުތަކަށް ދިރިއުޅުން ބަދަލުކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް