ޞާދިރު ޢަލީދީދީ   19 ސެޕްޓެމްބަރު 2020 - 14:31
ދިޔަރެސް
ދިޔަރެސް
އެޕިސޯޑް 02

...............

[އާނ....ކީއްކުރާނީ...ދެންވެސް އެކަހަލަ ފެނިލުމަކަށް އިންތިޒާރު ކުރާނީ.] މުޢާޒު އުންމީދު ގެއްލުވައެއް ނުލައެވެ.

[ދިގު އިންތިޒާރުތަކަކަށްފަހު ލިބޭ ކާމިޔާބުގެ މަތީގައި ފައިތިލަ ސާބިތުކޮށްގެން ގިނަދުވަހު ދެމިހުރެވޭނެ. ފަސޭހައިން ލިބޭ އެއްޗެއް ވެއްޖެއްޔާ އަތުން ބީވާލެއްވެސް އަވަސްވާނެ.] ޢުބޭދު މުޢާޒުގެ އުންމީދުތައް އާކުރުމަށް ބާރުދިނެވެ.

[ތިބުނީ އަހަރެންވެސް ޤަބޫލުކުރާ ޙަޤީޤަތެއް. އަހަރެން ފިރާޝާގެ ލޯބި ޙާޞިލް ކުރުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރާނަން.] މުޢާޒު ބުންޏެވެ.

އެދުވަހު ދެވަނަފަހަރަށް މުޢާޒަށް ފިރާޝާ ފެނުނީ، އޮފީސް ނިންމާފައި ހަވީރު ގެޔަށްދިޔަ މަގުމަތިންނެވެ. އޭނާ ވަގުތުން ސައިކަލް މަޑުކުރިއެވެ. އޭރު ފިރާޝާ އެތާ ކައިރީ ހުރި ގެޔަކަށް ވަންނަނީއެވެ. އެހާ ހިސާބުން އެއީ ފިރާޝާގެ އަމިއްލަ ގެ ނޫނީ ފިރާޝާ އުޅޭ ގެ ކަމަށް މުޢާޒު ޔަޤީން ކުރިއެވެ. އޭނާ ސައިކަލް ދުއްވާފައި ގޮސް، އެގޭ ދޮރާށިދޮށަށް މަޑުކޮށް، އެގޭގެ އެޑްރެސް ބަލައިލިއެވެ.

[މ. ކޯހެރެ] މުޢާޒު ވަގުތުން އޭނާ ގެންގުޅޭ ފޯން ޑައިރެކްޓްރީގައި އެޑްރެސް ނޯޓްކުރިއެވެ. ހަމަ އެވަގުތު ޖީބުގައި އޮތް ފޯނު ނަގައި، ސަތޭކަ ދިހަޔަކަށް ގުޅައިގެން، މ. ކޯހެރެ ނަމްބަރުވެސް ހޯދައި، އެ ނޯޓްފޮތުގައި ލިޔުނެވެ.

އޭނާ އެ ނަމްބަރަށް ގުޅީ، ގެޔަށް އައިސް ކޮޓަރީގައި ހަމަޖެހިލައިގެން އޮވެއެވެ.

[ހަލޯ ފިރާ....އަށް ގުޅިދާނެތޯ؟] އެކޮޅުން ފޯނު ނެގުމާއެކު، މުޢާޒު އެހިއެވެ.

[ފިރާ....އޭ....ކޮން ގެޔަކަށްތޯ ތި ގުޅުއްވީ؟] އެކޮޅުން ވާހަކަ ދެއްކީ މުސްކުޅިފުރައިގެ ފިރިހެނެކެވެ.

[މި ގުޅީ މާފަންނު ކޯހެރެއަށް.] މުޢާޒު ޖަވާބު ދިނެވެ.

[ދަރިފުޅާ އަސްމާ....ފިރާ ކިޔާ ކުއްޖަކު މިގޭގައި އުޅޭތަ؟] މުޢާޒުގެ ޖަވާބު ލިބުމުން، އެ މުސްކުޅިމީހާ ސުވާލުކުރީ އޭނާގެ ދަރިފުޅާއެވެ.

ދެން އެކޮޅުން މުޢާޒާ މުޚާޠަބުކުރީ އަސްމާއެވެ.

[ކާކު ހޯދަން؟] އަސްމާ އިތުރަށް އޮޅުންފިލުވަން ބޭނުންވިއެވެ.

[ފިރާ....ދީފާނަންތަ ފިރާ...އާ ގުޅޭ ނަމްބަރެއް...] މިފަހަރު މުޢާޒު ވާހަކަ ދެއްކީ، އެއީ ފިރާޝާގެ ރަޙްމަތްތެރިޔާ ކަމަށް ޔަޤީންކޮށްގެނެވެ.

[އަށެއް އެކެއް ސުމެއް ފަހެއް. ކުރިއަށް ތިނެއް ތިނެއް.] އަސްމާ ނަމްބަރު ދިނެވެ. މުޢާޒު ޝުކުރިއްޔާއޭ ބުނެފައި ފޯނު ބޭއްވިއެވެ.

ދެން އޭނާ ގުޅީ އެ ނަމްބަރަށެވެ. އެ ނަމްބަރުންވެސް ފޯނުނެގީ ފިރިހެނެކެވެ.

[ފިރާއަށް ގޮވާލަދެއްވަފާނަންތޯ؟] މުޢާޒު ވާހަކަ ދެއްކީ، އެކޮޅުން ވާހަކަ ދެއްކި މީހާއަށް އިޙްތިރާމްކުރާފަދަ ގޮތަކަށެވެ.

[ފިރާ ފޯނެއް.] އެމީހާ ފިރާއަށް ގޮވިއަޑު އިވުނެވެ. ދެން ވާހަކަ ދެއްކީ ސީދާ ފިރާއެވެ.

[ހަލޯ ވާހަކަ ދައްކަނީ ފިރާ....ކާކުތީ؟] މުޢާޒުގެ ތަޢާރަފަށް ފިރާ އެދުނެވެ.

[ފަހަރެއްގައި ފިރާއަށް އަހަރެން ނޭނގިދާނެ. އެކަމަކު އަހަރެން ވަރަށް ރަނގަޅަށް ފިރާ ދަންނަން. އަނެއްކާ ގުޅުން މިއީ މައްސަލައެއްތަ؟] މުޢާޒުގެ ހިތްވަނީ އަވަސްވެފައެވެ.

[އާނ...ކާކުކަން ނޭނގޭ މީހަކު ގުޅުންތީ މައްސަލައެއް. އެހެން ނޫނަސް ހިލޭ ފިރިހެނުންނާ ގުޅުން ބޭއްވުން އެއީ އަހަރެން ވަރަށް ހިތްހަމަނުޖެހޭ ކަމެއް.] ފިރާ ވާހަކަ ދެއްކީ ފަރުވާކުޑަ ރާގަކަށެވެ.

[ފިރާ....އަށް އަހަރެން އެނގޭނެ. މިއަދު ހެނދުނު ސައިބޯން [އައިސް ބޮކްސް] އަށް ވަނީމެއްނު. އެތާނގެ ދެވަނަ މޭޒުގައި ސައިބޯން ތިބެގެން، ކޮންމެވެސްވަރަކަށް ފިރާމެން ދިމާކުރީމެއްނު.] މުޢާޒު ހަނދާންކޮށްލަދިނެވެ. ފިރާ ގާތަށް ހިނިއައެވެ.

[ތިބުނަނީ ކޮން ދުވަހެއްގެ ވާހަކައެއްތަ؟] މިއަދު އަދި އަހަރެން ގެއިންވެސް ނުނިކުންނަން. ތި ދައްކަނީ މުޅިން އެހެން މީހެއްގެ ވާހަކައެއް. ދެން ބާއްވަނީ. އެ އިވެނީ އަހަރެންގެ ކުޑަމަންޖެ ރޯއަޑު.] ފިރާ ފޯނު ބޭއްވިއެވެ.

ފޯނު ބޭއްވި ވަގުތު ފިރާޝާގެ ފަހު ޖުމްލައިން މުޢާޒުގެ ސިކުނޑީގައި ހީވީ ހޫނު އެތިފަހަރެއް ޖެހިހެނެވެ. މުޢާޒަށް ފޯނު ބާއްވަން ނޭނގިފައި ގަބުވެފައި ކަހަލަ ގޮތަކަށް ހުރެވުނެވެ. އެވަގުތު އޭނާގެ ހިތަށް އަރަމުންދިޔައެވެ.

[އަނެއްކާ މި ގުޅުނީ ރަނގަޅު ފިރާޝާއާބާވައެވެ؟ ޔަޤީނެވެ. އެއީ އަހަރެންގެ ލޯބިވާ ފިރާޝާއެއް ނޫނެވެ. ގައިމެވެ. ފިރާޝާއަކީ މީހެއްގެ އަންބަކަށް ނުވާނެއެވެ.] މުޢާޒު ސިއްސައިގެން ދިޔައީ ކޮޓަރި ދޮރުގައި މީހަކު ޓަކިޖެހި އަޑަށެވެ. އޭނާ ތެޅިގެންފައި ފޯނު ކަނޑާލިއެވެ.

[ދަރިފުޅާ އާދޭ ކާން...] އިވުނީ މަންމަގެ އަޑެވެ. މުޢާޒު އަވަސް އަވަހަށް ކޮޓަރިން ނުކުތެވެ. އޭރު މަންމަ ޙާފިޒާ ކާންހަދާފައި ހުއްޓެވެ.

[މަންމައަށް އެބަ ހީވޭ، މިހާރަކަށް އައިސް ދަރިފުޅު ކޮންމެވެސް ކަމަކާ ވިސްނާހެން. އޮފީހުގައި މަސައްކަތް ބުރައީތަ؟] ޙާފިޒާ އޯގާވެރިކަމާއެކު ދަރިފުޅުގެ ބޮލުގައި ފިރުމާލިއެވެ.

[އޮފީހުގެ މަސައްކަތް ވަކި ބުރައެއް ނޫން. ކުރިއެކޭ އެއްގޮތް މަންމާ....ޢުމުރާ އެއްކޮށް މީހާވެސް ބަދަލުވާނެއެއްނު.] މުޢާޒު ހީލަމުން، މަންމައާއެކު ގޮސް ކާގެޔަށް ވަނެވެ. ކާހިތްނުވިޔަސް މެއެވެ.

އޭނާ ކައި ނިމުނުތަނާހެން ޢުބޭދު އެގެއަށް އައެވެ. ޢުބޭދު ވަނުމާއެކު، މުޢާޒު ޢުބޭދު ގޮވައިގެން ދިޔައީ ކޮޓަރިއަށެވެ. އެރޭ ފިރާޝާއަށް ގުޅަން އުޅެގެން ދިމާވިގޮތް ޢުބޭދަށް ކިޔައިދިނީ އޭގެފަހުންނެވެ. މުޢާޒު އެވާހަކަ ކިޔައިދީ ނިމުމާއެކު ޢުބޭދު ހީގަތެވެ.

[މީހުންގެ އަނބިންގެ ފަހަތުން ދުވުން މިހާރު މުޢާޒުގެ އާދައަކަށްވީއޭދޯ؟] ޢުބޭދު ދިމާކުރިއެވެ.

[ފެންނައިރަކަށް ނޭނގޭނެއެއްނު. އަހަންނަށް ހީވަނީ ހަމަ އަހަންނަށް ގުޅިގެން މިއުޅެވެނީ ރަނގަޅު ތަނަކަށް ނޫންހެން.] އަދިވެސް މުޢާޒަށް ޝައްކުވަނީއެވެ.

[މާދަމާ ވާނެ ޔަޤީންކުރަން. މައްސަލައެއް ނެތް، ކުރީގައި ތި ގުޅި ނަންބަރަށް ގުޅާފައި އަހަރެންގެ އަތަށްދީބަލަ.] ޢުބޭދު އިރުކޮޅަކު ވިސްނަން ހުރެފައި ބުންޏެވެ. މުޢާޒު ސައިޑްކަބަޑްމަތީގައި ހުރި ފޯނުގެ އަތްގަނޑު ނަގައި، ކުރީގައިވެސް ގުޅި ނަމްބަރަށް [ރީޑައިލް] ކޮށްލިއެވެ. ފޯނު ނެގީ ކުރީގައިވެސް ވާހަކަ ދެއްކި އަޑެވެ.

[އަން ވާހަކަ ދައްކަބަލަ.] މުޢާޒު އަތްގަނޑު ޢުބޭދުގެ އަތަށް ދިނެވެ.

[ފިރާ އުޅޭތަ؟] ޢުބޭދު ވާހަކަ ފަށައިގަންނާނެ ގޮތެއް ނޭނގިގެން ހުރެފައި، ކުއްލިއަކަށް ވާހަކަ ފެށިއެވެ. މުޢާޒު ނޭވާ ހިފަހައްޓައިގެން އިނެވެ.

ވާހަކަ ދައްކަނީ ފިރާ. ބުނެދީފާނަންތަ، އަޞްލު ތި ގުޅާ ބޭނުމެއް.] ފިރާ ވާހަކަ ދެއްކިގޮތުން އޭނާ ހިތްހަމަނުޖެހިފައިވާކަން އެނގެއެވެ.

[ވާހަކަ ދައްކާލާހިތުންނޭ ބުނެފިއްޔާ ގޯހަކަށް ވެދާނެތަ؟] ޖަވާބާއެކު ޢުބޭދު ކުރީ ސުވާލެކެވެ.

[ކުރީފަހަރު ގުޅީމަވެސް އަހަރެން ބުނީމޭ، ތި ގުޅަން އުޅެނީ އެހެން ފިރާއަކަށޭ.] ފިރާގެ އަޑު އަދިވެސް ނުލާހިކު މައިތިރިއެވެ.

[އެންމެ ރަނގަޅު. ފިރާޝާ އުޅެނީ ކޮން އޮފީހެއްގައިތަ؟] ޢުބޭދުގެ ހިތުގައިވެސް ޝައްކު އުފެދުނެވެ.

[ފިރާޝާއޭ!؟ ކޮން ފިރާޝާއެއްގެ ވާހަކަތަ ތި ދައްކަނީ؟] ފިރާ ޙައިރާންވިކަން އަޑުން އެނގެއެވެ.

[ތިއެއްނު ފިރާޝާއަކީ.] ޢުބޭދު ކުރިއަށްވުރެން ސީރިއަސްވިއެވެ.

[ދަރިޔާ......އަހަންނަކީ ތި ހީކުރި ފިރާއެއް ނޫން. އަހަންނަށް ކިޔަނީ ސާފިރާ. އެނގޭތަ ފިރާޝާ ކިޔާ މީހުންނަށް އެކަންޏެއް ނޫނޭ ފިރާ ކިޔޭނީ. ފުރަތަމަވެސް އަހަރެން ބުނީމެއްނު، އޮޅިގެނޭ ތިއުޅެނީ. ދެންވެސް ރަނގަޅަށް ނަންބަރު ޗެކްކޮށްފައި ފިރާޝާއަކަށް ގުޅާ.] ސާފިރާ ފޯނު ބޭއްވިއެވެ. މުޢާޒާއި އުބޭދު ވަރަށް ރަކިވިއެވެ.

ނަޞީބު ދިމާކުރިގޮތުން، ޖެހިގެން އައި ދުވަހު މުޢާޒު ދަތުރުކުރަންދާން އުޅޭ އެޖެންސީއިން މުޢާޒަށް ގުޅިއެވެ.

އޭގެ އެއްހަފްތާ ފަހުން މުޢާޒު ދަތުރުކުރަން ދިޔައީ ފިރާޝާ ކާމިޔާބު ކުރުމުގެ މަސައްކަތް ޢުބޭދާ ޙަވާލުކުރުމަށްފަހުގައެވެ.

މުޢާޒު ރަށުގައި ނެތަސްވެސް ޢުބޭދު ފިރާޝާގެ މަޢުލޫމާތު ހޯދަމުން ދިޔައެވެ. އޭނާ ހޯދި މަޢުލޫމާތުން ފިރާޝާއަކީ އަދި ހުސްހަށިބައި ކުއްޖެއްކަމާއި، އަދި ފިރިހެނުންނާ ވަރަށް ރައްޓެހިކަން ބާއްވާ ކުއްޖެއްކަން އެނގުނެވެ. އެކަމާ ޢުބޭދު މާބޮޑަކަށް ނުވިސްނައެވެ. އޭނާ މަސައްކަތް ކުރީ ރަޙްމަތްތެރިޔާ އެދުނު ކަންތައް ފުރިހަމަކޮށްދެވޭތޯއެވެ. އެކަމަކު އޭނާ ފިރާޝާގެ އުނި ކަންތަކެއް ފާހަގަކޮށެއް ނުދެއެވެ. އެއީ އޭނާއަށް ނުވިސްނުނު ކަމެކެވެ. އެހެން ނޫންނަމަ، ރަޙްމަތްތެރިޔާއަށް ލިބިދާނެ ދެރައަކަށްޓަކައި ފިރާޝާގެ އުނި ކަންތައްތައް އޭނާ ފާހަގަކުރާނެކަން ގައިމެވެ.

[ކީއްކުރަން ތިހާވަރަށް އަހަރެންގެ މަޢުލޫމާތު ހޯދަން ތިއުޅެނީ؟] ފިރާޝާ ޢުބޭދާ ވާހަކަ ދެއްކިއެވެ. އޭރު އެދެމީހުން ވާހަކަ ދައްކަން ތިބީ ޖަސްޓިސް ބިލްޑިންގ ކައިރީ މަގުމަތީގައެވެ.

[މާބޮޑު ބޭނުމެއް ނެތަސް މަޢުލޫމާތު އޮޅުންފިލުވިދާނެއެއްނު.] ޢުބޭދު ހީގެންފައި ބުންޏެވެ.

[ވަރަށް ހީނުވޭ.] ފިރާޝާ ހިނގައިގަތެވެ.

[އޭތް އޭތް އަދި މަޑުކޮށްބަލަ. ދީފާނަންތަ ގުޅޭނެ ނަންބަރެއް.] ފިރާޝާ ހުއްޓުނެވެ.

[ފެންނަހާ މީހަކަށް އަހަރެންގެ ނަންބަރެއް ނުބަހަމޭ.] ފިރާޝާ ސަމާސާކޮށްލިއެވެ.

[އަޞްލު ގިނަ އަންހެނުން ހާދަ ފޮންޏޭދޯ؟ މިބުނީ ފިރާޝާގެ ވާހަކައެއް ނޫން.] ޢުބޭދު ބުންޏެވެ.

[ހެވޭ ފޮންޏޭ ބުންޏަސް. މޮޅިއްޔާ ނަންބަރު ހޯދަބަލަ.] ފިރާޝާ ހިނގައިގަތެވެ. ޢުބޭދުވެސް ފަހަތުން ހިނގައިގަތެވެ.

[މަސައްކަތެއްދޯ ތި ޖެއްސީ. އެނގޭތަ އަޞްލު ފިރާޝާގެ މަޢުލޫމާތާއި ނަންބަރު ހޯދަން އުޅެނީ އަހަންނެއް ނޫން.] ޢުބޭދު ފިރާޝާއާ ހަމަހަމަކޮށް ހިނގަމުންދިޔައެވެ.

[ތިބުނީ ކާކުގެ ވާހަކައެއް؟] ފިރާޝާ ޝައުޤުވެރިވިއެވެ.

[ނަންބަރު ދިނީމަ ނޫނީ ނުބުނާނަން. އޭނާއާބެހޭ ކޮންމެވެސް ވަރެއްގެ މަޢުލޫމާތެއް ދީފާނަން. އޭނަ މިވަގުތު ރާއްޖެއަކު ނެތް.] ޢުބޭދު ބޭނުންވީ ތަފާތު ގޮތްގޮތަށް ވާހަކަ ދައްކައިގެން ފިރާޝާއަށް ގުޅޭނެ ނަންބަރު ހޯދާށެވެ. ޢުބޭދުގެ ވާހަކަ މިހާ ހިސާބަށް ދިޔަތަނާހެން އެދިމާއަށް ރަތްކުލައިގެ ވޭވް ސައިކަލެއްގައި އަންނަ ފިރިހެނަކަށް ފިރާޝާގެ ސަމާލުކަން ގެއްލުނެވެ. ފިރާޝާ ޢުބޭދާ ދިމާއަށް އެނބުރި، ދަނީއޭ ބުނެފައި ސައިކަލަށް އެރިއެވެ. އެރުމާއެކު އޭގައި އިން ޒުވާނާ ސައިކަލް ދުއްވާލިއެވެ. ޢުބޭދު ބުނާނެ އެއްޗެއް ނޭނގިފައި ހުރީއެވެ.

ސައިކަލް ދުއްވަން ފެށުމާއެކު ފިރާޝާ ވާހަކަ ފެށިއެވެ.

[ޒިއާމް ކީއްވެތަ މިއަދު މާލަހުން ތިއައީ؟] ފިރާޝާ ޝަކުވާ ކުރިއެވެ.

[ފުރަތަމަ އަހަރެން ކުރަންތަ ސުވާލެއް؟ ދެންމެ ފިރާއާ ވާހަކަ ދައްކަން ހުރީ ކާކުތަ؟] ޒިއާމް ސުވާލު ކުރިއެވެ.

[ނޭނގެ ނަމެއް. އޭނަ ހޯދަން އުޅުނީ އަހަރެންގެ ފޯން ނަންބަރު.] ފިރާޝާ ޖަވާބު ދިނެވެ. ޒިއާމް ބޯޖަހާލަމުން، އެހެންދޯއޭ ބުނެފައި ސައިކަލްގެ ސްޕީޑް ބާރުކޮށްލިއެވެ.

ޢުބޭދު ގެޔަށް އައިސް ވަރަށް ވިސްނިއެވެ. ތަފާތު އެތައް ގޮތަކަށް ވިސްނުމަށްފަހު، އެންމެފަހުން ޢުބޭދު ނިންމީ ފިރާޝާ ގޮވައިގެން ދިޔައީ އޭނާގެ ބޭބެއެއް ކަމަށެވެ. އެއީ އޭނާއަށް ވިސްނުނު ގޮތެވެ.

އެދުވަހު ހަވީރު އޭނާ މުޢާޒުގެ ގެޔަށް ދިޔައެވެ. މުޢާޒުގެ މަންމައާ ބައްދަލުކުރުމުން އެނގުނީ މުޢާޒު ވަރަށް އަވަހަށް މާލެ އަންނަކަމެވެ.

[އަހަރެން ޢުބޭދު ހޯދަން ވަރަށް ގިނައިން ތިގެޔަށް ގުޅައިފިން.] ޢުބޭދު ފެނުމާއެކު، މުޢާޒުގެ މަންމަ ޙާފިޒާ ބުންޏެވެ.

[ކީއްކުރަން ގުޅީ؟ މޯބައިލަށް ގުޅިނަމަ ދިމާވީހެއްނު.] ޢުބޭދު އެތެރެއަށް ވަދެ އިށީނެވެ.

[މޯބައިލް އޮފްކޮށްފައެއްނު އޮތީ. މިއަދު މުޢާޒު ގުޅި. ބުނީ ބޯޓުގެ ފަލްކާމަތިން ވެއްޓުނިއްޔޯ. މާދަމާ ނޫން އަނެއް ދުވަހު ރާއްޖެ އެބަ އަންނަމޯ.] ޙާފިޒާ ބުންޏެވެ.

[އަނިޔާވިތަ؟] ޢުބޭދު ހާސްވިއެވެ.

[އަނިޔާއެއް ނުވެޔޯ ބުނީ. އަނިޔާ ނުވާނަމަ އެހާ އަވަހަކަށް ނާންނާނެއެއްނު. ޔަޤީނޭ އަހަރެން ދެރަވެދާނެތީ ދޮގުހެދީ ކަމަށްވާނީ.] ޙާފިޒާގެ ހީކުރުންތައް ކިތަންމެހާވެސް ރަނގަޅެވެ.

ފަލްކާ މަތިން ވެއްޓި މުޢާޒަށް އަނިޔާވިވެސް މެއެވެ. އޭރު ބޯޓު އޮތީ ޖަޕާނުގެ ބަނދަރެއްގައެވެ. އެތާނގެ ރަނގަޅު ފެންވަރެއްގެ ހޮސްޕިޓަލަކުން އޭނާ އޮޕަރޭޝަން ކުރަންވެސް އުޅުނެވެ. ނަމަވެސް އޭނާ ޑޮކްޓަރާ މަޝްވަރާ ކޮށްގެން، ފަހުން އޮޕަރޭޝަން ކުރަން ހަމަޖެއްސިއެވެ.

ޑޮކްޓަރ އޭނާއަށް ލަފާދިނީ މާ ލަސްނުކޮށް އޮޕަރޭޝަން ކުރުމަށެވެ. އޭނާ އޮޕަރޭޝަން ފަސްކުރިޔަސް ހަށިގަނޑުގައި ދިލަ ރިހުމެއް ހުއްޓެވެ. އޭނާ ވީހާވެސް އަވަހަކަށް އެނބުރި ރާއްޖެ އަންނަން ނިންމީ މައިންބަފައިންގެ ގާތަށް އައިސް ދިވެހި ބޭސްކުރުމުގެ ނިޔަތުގައެވެ.

ސިންގަޕޯރ އެއަރލައިންސް މާލޭ ބައިނަލްއަޤްވާމީ ވައިގެ ބަނދަރުގައި ޖެއްސުމާއެކު، ދަތުރުވެރިންތައް މަންޒިލަށް ފޭބުމަށް އަވަސްވެގެންފިއެވެ. މީހުންތަކުގެ ތެރެއިން މުޢާޒުވެސް އަތްދަބަސް ހިފައިގެން ބޯޓުން ފޭބިއެވެ. ބޯޓުން ފައިބައިގެން މުޢާޒު ނަޒަރު ހިންގާލީ އަރާގިމަތައިގެ ބޭރުން ނަމަވެސް، އޭނާގެ މަންމައާއި ބައްޕަ ފެނޭތޯއެވެ. އެވަގުތު ދޮރުމަތީގައި ޢުބޭދު ދެކޮޅަށް ކުރުކާލިކަނޑަކަނޑާ ހުއްޓާ ފެނުމުން މުޢާޒު ގާތަށް ހިނިވެސް އައެވެ.

މަންމަ ޙާފިޒާއާއި ބައްޕަ ޒަކީ ފެނުނީ، ޓަރމިނަލް ތެރެއިން ނުކުތްފަހުންނެވެ.

[މަންމާ...ބައްޕާ...] މުޢާޒު ބައްޕައާއި މަންމައާ ސަލާމް ކުރުމަށްފަހު ހިނގައިގަތެވެ. ޢުބޭދުވެސް ޓްރޮފީ ދަމަމުން މުޢާޒުމެންގެ ފަހަތުން ދިޔައެވެ.

ފިރާޝާ ދޮރާށިދޮށަށް ނުކުމެލިއެވެ. ގަޑިއަށްވެސް ބަލައިލިއެވެ. ހީވެއެވެ. އޭނާ ކޮންމެވެސް މީހަކަށް އިންތިޒާރު ކުރަނީއެވެ. ނޫންނަމަ މިހާ ދަންވަރު އޭނާ އެތާނގައި ހުރުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟ ޔަޤީނެވެ. އޭނާ އެބަ އިންތިޒާރު ކުރެއެވެ. ކޮންމެވެސް މީހަކަށް ނޫނީ ކަމަކަށެވެ.

އޭނާ އެހެން ހުންނަތާ ބައިގަޑިއެއްހާއިރު ފަހުން ސައިކަލެއްގެ އަލި އޭނާގެ ގަޔަށް އެޅުމުން، އޭނާގެ މޫނުމަތި އުޖާލާވެގެންދިޔަކަން ފާހަގަކުރެވުނެވެ. އެ ސައިކަލް އަންނަނީ ސީދާ ފިރާޝާއާ ދިމާއަށެވެ. އިތުރަށް އޭނާގެ މޫނުމަތި އުޖާލާވެގެން ދިޔަކަން ފާހަގަކުރެވުނެވެ. ސައިކަލް އައިސް ފިރާޝާއާ ދާދިގާތަށް މަޑުކޮށްލިއެވެ. އެއީ ޒިއާމެވެ. ޒިއާމް ފުރަތަމަ އެދުނީ މަޢާފަށެވެ.

[ވަރަށް ލަސްވެއްޖެދޯ...މަޢާފްކުރޭ.] ޒިއާމް ސައިކަލުން ފައިބައިގެން އައިސް ފިރާޝާއާ ދާދި ގާތަށް ހުއްޓިއްޖެއެވެ.

[ސޮރީއެއް ބޭނުމެއް ނޫން. ދެން މިރޭވެސް ބުނޭ، އަންހެނުންނާ ހެދިޔޭ. ނޫނީ ދަރިފުޅާ ހެދިޔޭ ލަސްވީ.] ފިރާޝާ ޝަކުވާ ކުރިއެވެ.

[ކަމަނާ ހާދަ ރުޅިއައިސްފައި.] ޒިއާމް ފިރާޝާގެ އަތުގައި ހިފެހެއްޓިއެވެ.

[މިރޭ ތިހެނެއް ނުބުނާނަން. މިރޭ ރައްޓެއްސަކު އިންވައިޓްކޮށްގެން އޭނައާއެކު ދިޔައީ. އެއްފަހަރެއް ކަމަށް މަޢާފްކުރޭ.] ޒިއާމް އަނެއްކާވެސް މަޢާފަށް އެދުނެވެ. ފިރާޝާ ބޯޖަހާލުމަށްފަހު ޒިއާމްގެ މޭގައި ބޯއަޅާލިއެވެ.

[އެންމެން ނިދައިފިތަ؟] ޒިއާމްގެ ވާހަކައިގެ ރާގު ބަދަލުވިއެވެ.

[އާނ...އެންމެންވެސް ނިދައިފި.] ފިރާޝާގެ ރާގުވެސް ތަފާތެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން