މަޖިލީހުގެ އާންމު ކޮމިޓީގެ ބައްދަލުވުން
މަޖިލީހުގެ އާންމު ކޮމިޓީގެ ބައްދަލުވުން
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މަސްއޫލިއްޔަތުތަކާ އަޅާބަލާއިރު ލިބޭ މުސާރަ މާ ކުޑަކަމަށް ބުނެ މަޖިލީހުގެ ބައެއް މެންބަރުން މިއަދު އާންމު ކޮމިޓީގައި ޝަކުވާ ކުރައްވައިފިއެވެ.

މަޖިލީހުގެ ގަވާއިދު އިސްލާހުކުރުމާއި މެދު މެންބަރުންގެ ޚިޔާލު ހޯދުމަށް މިއަދު ބޭއްވި ބައްދަލުވުމުގައި ގިނަ މެންބަރުން އެންމެ ބޮޑަށް ފާހަގަކުރެއްވީ މުސާރައިގެ ކަންބޮޑުވުމެވެ.

އެ ބައްދަލުވުމުގައި ވާހަކަ ދެއްކެވި އަލިފުށީ ދާއިރާގެ މެންބަރު އަބްދުއްލަތީފް އަބްދުއްރަހުމާން ވިދާޅުވީ އާންމު ރައްޔިތުންނަށް ފެންނަ ގޮތުގައި މަޖިލީހުގެ މެންބަރެއްގެ މުސާރައަކީ 100،000 ނޫނީ 85،000 ރުފިޔާ ކަމަށެވެ. އެހެން ނަމަވެސް، ހަގީގަތުގައި މެންބަރެއްގެ މުސާރައަކީ 42،500 ރުފިޔާ ކަމަށެވެ.

މަޖިލީހަށް ހާޒިރު ނުވާ ދުވަހެއްގައި މުސާރަ ލިބުނަސް ކޮމިޓީ އެލަވަންސެއް ނުލިބޭ ކަމަށާއި، އެހެންވެ، އެކަންކަމަށް ރިއާޔަތްކޮށްދޭން އޭނާ ވަނީ ކޮމިޓީގައި އެދިވަޑައިގެންފައެވެ.

ތިމަރަފުށީ ދާއިރާގެ މެންބަރު އަހުމަދު ރިޔާޒު ފާހަގަކުރެއްވި ގޮތުގައި މެންބަރުންނަށް އެލަވަންސްގެ ގޮތުގައި ލިބެނީ އެންމެ 20,000 ރުފިޔާއެވެ. މާލޭގައި ތިން ކޮޓަރީގެ އެޕާޓްމަންޓެއްގެ ކުލި 24,000 ރުފިޔާއަށް އަރާއިރު، މި އެލަވަންސްއަކީ ވަރަށް ކުޑަ އަދަދެއްކަން ރިޔާޒު ފާހަގަކުރެއްވިއެވެ.

"އާންމު ރައްޔިތުންނަށް ހީވެފައި އޮންނަނީ އަޅުގަނޑުމެން ހާޒިރު ނުވިޔަސް ބަރާބަރަށް މުސާރަ ވެސް ލިބެއޭ. މިއީ ހަމަ ރައްޔިތުންނަށް އޮޅިފައި އޮންނަ ބޮޑު އޮޅުމެއް." ރިޔާޒު ވިދާޅުވިއެވެ.

މީގެ އިތުރުން ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ވިދާޅުވީ މެންބަރުންގެ މުސާރައަކީ މިނިސްޓަރުންގެ މުސާރައަށްވުރެވެސް ކުޑަ އަދަދެއް ކަމަށެވެ.

އިސްދޫ ދާއިރާގެ މެންބަރު އިސްމާއިލް ޝަފީއު ވެސް ވިދާޅުވީ މެމްބަރު ކަމަށް ނުކުމެވަޑައިގަތީ، "ކަނޑަށް ނުކުތީމަ ރާޅު ޖަހާނެ ކަން" ވެސް އެނގިވަޑައިގެން ކަމަށެވެ.

ނަމަވެސް މަޖިލީހުން ނިންމާ ނިންމުންތަކާ ގުޅޭ ގޮތުން މީޑިއާތަކުން ހަބަރު ގެންނަނީ އޮޅޭ ގޮތަށް ކަމަށް އޭނާ ވިދާޅުވިއެެވެ.

އެކަމުގެ ސަބަބުން މަޖިލިސް މެންބަރުންނަށް، ރައްޔިތުންގެ ޕްރެޝަރުތަކާ ކުރިމަތިލާން ޖެހޭތީ، މެންބަރުން ނިންމާ ނިންމުންތަކާ ގުޅޭ ސާފު ހަބަރުތައް މަޖިލީހުން ހާމަކުރަން ޖެހޭ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު