އޭދަފުށީގައި އިމިގްރޭޝަންގެ އޮފީހެއް ހުޅުވުން
އޭދަފުށީގައި އިމިގްރޭޝަންގެ އޮފީހެއް ހުޅުވުން
ބ. އަތޮޅުގައި ޕާސްޕޯޓުގެ ޚިދުމަތް އިފްތިތާޙުކުރުމުގެ ގޮތުން އެ އަތޮޅުގެ އޭދަފުށީގައި އިމިގްރޭޝަންގެ އޮފީހެއް މިއަދު ހުޅުވައިފިއެވެ.

މި އޮފީސް ހުޅުވާދެއްވީ، ބ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއެވެ. މި އޮފީހަކީ ބ.އަތޮޅު ކައުންސިލްގެ އަމިއްލަ ޚަރަދުގައި ޢިމާރާތްކޮށްފައިވާ އޮފީހެކެވެ.

އަދި އެއަށްފަހު އޭދަފުށި އިމިގްރޭޝަން އޮފީހުން ވަނީ ފުރަތަމަ ފަހަރަށް ޕާސްޕޯޓު ދޫކުރައްވާފައެވެ. މި ޕާސްޕޯޓަށް އެދި ހުށަހެޅި ފަރާތަށް، އެ ޕާސްޕޯޓު ދޫކުރެއްވީ ދާޚިލީ ވަޒީރު ޢަލީ އިޙުސާންއެވެ.

އޮފީސް ހުޅުވާދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ އެ އޮފީސް ބައްލަވާ ލައްވާފައެވެ.

އިމިގްރޭޝަންގެ އޮފީސް ހުޅުވުމުގެ ގޮތުން އޭދަފުށީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު ޢަލީ އިޙްސާން އާއި ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން، އަޙުމަދު ފަސީޙާއި، ދަޢުލަތުގެ ވަޒީރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

އައިޑީ ކާޑާއި ޕާސްޕޯޓުގެ ހިދުމަތް ރައްޔިތުންނާ ގާތުން އަވަހަށް ފޯރުކޮށްދިނުމަށްޓަކައި އެ ހިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމަކީ މި ސަރުކާރުގެ ސިޔާސަތެކެވެ.

އެގޮތުން، ޕާސްޕޯޓް ހެއްދުމުގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރެއްވުމުގެ މަސައްކަތް 2024 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ 16 ވަނަ ދުވަހު ވަނީ އިފްތިތާޙް ކޮށްފައެވެ.

އަދި އޭދަފުށީގައި މި ފެށުނު ޕާސްޕޯޓުގެ ޚިދުމަތާއެކު މިހާރު ޖުމްލަ 12 އަތޮޅަކަށް މި ޚިދުމަތް ފުޅާކުރެވިފައިވާކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ވަނީ ހާމަކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު