އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް
އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް
ހައްޖަށް މީހުން ގެންދިއުމުގައި ވަކި އާއިލާއަކަށް ނުބައްލަވާ ކަމަށާއި، މިއަހަރުވެސް ޙައްޖު ކިއުއިން 850 މީހުންނަށް ޖާގަދެއްވާފައި ވާނެކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ.

ވަޒީރު ޑރ. ޝަހީމް މިހެން ވިދާޅުވީ، މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު، މި އަހަރު ހައްޖަށް ދިއުމަށް ފައިސާ ދައްކާފައިވާ މީހުންގެ ލިސްޓުގެ ތަރުތީބުން ހައްޖަށް ގެންދިޔަ މީހުންގެ ޢަދަދު ސާފުކުރެއްވުމަށް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

އެގޮތުން ވަޒީރު ވިދާޅުވީ، ރާއްޖެއަށް މި އަހަރު ލިބުނު 1،000 ހައްޖު ކޯޓާގެ ތެރެއިން ހައްޖު ކޯޕަރޭޝަންގެ ކިޔުއިން 850 މީހުންނަށް ފުރުސަތު ދެއްވި ކަމަށެވެ. އަދި 50 ޖާގަ ދެއްވީ ރައީސް ޑރ. މުއިއްޒު ވައުދުގެ ދަށުން ފަގީރުންގެ ތެރެއިން ސަރުކާރުގެ ހަރަދުގައި ހައްޖަށް ގެންދިޔަ މީހުންނަށްކަން ވަޒީރު ފާހަގަ ކުރެއްވިއެވެ.

ހަމައެހެންމެ ބާކީ 100 ޖާގަ ދޫކޮށްފައިވަނީ ބަލިމީހުންގެ އެހީތެރިންނާއި ހައްޖަށް ދިއުމަށް ފައިސާ ދައްކާފައިވާ ބޮޑެތި ބަލިތައް ތަހައްމަލް ކުރަމުންދާ އަދި އަވަސް ފުރުސަތެއްގައި ޖާގަ ނުލިބިއްޖެނަމަ އެ މީހުންގެ އުމުރުގައި ހައްޖުގެ އަޅުކަން އަދާކުރުމުގެ އުންމީދު ކުޑަވުމުގެ ސަބަބުން ފުރުސަތު އަވަސްކޮށްދިނުމަށް އެދިފައިވާ ފަރާތްތަކަށް ކަމަށް ވަޒީރު ވިދާޅުވެފައިވެއެވެ. އޭގެ އިތުރުން ޑޮކްޓަރުންނާއި ކައްކާއިންފަދަ ޚިދުމަތްތެރިންނަށް ޖާގަދެއްވި ކަމަށް ވަޒީރު ވިދާޅުވިއެވެ.

ހަމައެއާއެކު ވަޒީރު ވިދާޅުވީ، ހައްޖު ކޯޓާ ފޯރުކޮށްދިނުމުގައި ވަކި އާއިލާއަކަށް ވަކި މީހަކަށް ނުބަލާ ކަމަށާއި، ޙައްޖު ކޯޕަރޭޝަންގެ އުސޫލުތައް އެގޮތަށް ތަން ނުދޭ ކަމަށެވެ. އެހެންކަމުން ވަކި ބޭފުޅެއްގެ އާއިލާގެ މީހަކަށްވީތީ އެ މީހަކަށް މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ފުރުސަތު ނުދޭނެ ކަމުގެ ޔަގީންކަން ޑރ. ޝަހީމް ވަނީ މިއަދުގެ ޖަލްސާގައި މަޖިލީހުގެ މެންބަރުންނަށް އަރުވާފައެވެ.



ކިޔުންތެރިންގެ ހިޔާލު