މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން
މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން
އޮންލައިންކޮށް މަޖިލީހަށް ޕެޓިޝަން ހުށަހެޅޭ ގޮތަށް ހެދުމަށް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދަށް އިސްލާޙެއް ހުށަހަޅައިފިއެވެ.

މި އިސްލާޙަކީ މަޖިލީހުގެ ޤަވާއިދުގެ 51 ވަނަ ބާބަށް ގެނެވޭ އިސްލާޙެއް ކަމަށްވާއިރު، މި އިސްލާޙު ދިރާސާކުރުމަށް މިހާރު ވަނީ އާންމު ކޮމިޓީއަށް ފޮނުވާފައެވެ.

މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ މި އިސްލާހަކީ މަޖިލީހަށް އިލެކްޓްރޯނިކް ޕެޓިޝަން ތަޢާރަފްކުރުމަށްޓަކައި ޤަވާއިދުގައި ޕެޓިޝަނާ ގުޅޭގޮތުން ހުރި މާއްދާތަކަށް ގެނެވޭ އިސްލާޙެއް ކަމަށެވެ.

މަޖިލީހުގެ އިދާރާއާއި ޔޫއެންޑީޕީ ގުޅިގެން އީ-ޕެޓިޝަން ޕޯޓަލެއް ތައްޔާރުކުރުމުގެ މަސައްކަތް ކުރަމުންދާކަން ފާހަގަކުރައްވަމުން މަޖިލީހުގެ ރައީސް ވިދާޅުވީ އޮގަސްޓް މަހުގެ ފަހުކޮޅު ޕޯޓަލް އިފްތިތާހުކުރުމަށް ތައްޔާރުވަމުންދާ ކަމަށެވެ.

އެހެންކަމުން މިއިސްލާހު މިދައުރު ނިމުމުގެ ކުރިން ފާސްކުރުން މުހިންމު ކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

އަލަށް ހުށަހަޅާފައިވާ އިސްލާޙުގައި ދެ ބާވަތެއްގެ ޕެޓިޝަން ހުށަހެޅޭނެ ގޮތަށް ވަނީ ހަމަޖައްސާފައެވެ. އެއީ ކަރުދާސް ޕެޓިޝަނާއި އިލެކްޓްރޯނިކް ޕެޓިޝަން (އީ-ޕެޓިޝަން) އެވެ.

ކަރުދާސް ޕެޓިޝަން ހުށަހަޅަންޖެހޭނީ މަޖިލީހުގެ އިދާރާއަށް ކަމަށާއި، އީ-ޕެޓިޝަން ހުށަހަޅަންޖެހޭނީ އިލެކްޓްރޯނިކް ޕެޓިޝަން ޕޯޓަލް މެދުވެރިކޮށް ކަމަށް އިސްލާޙުގައި ބަޔާންކޮށްފައިވެއެވެ.

މި އިސްލާޙުގައި ޕެޓިޝަނެއްގައި ހުންނަންޖެހޭ ޝަރުތުތައްވެސް ވަނީ ކަނޑައަޅާފައެވެ. އެގޮތުން އެކަށީގެންވާ ރިވެތި އިބާރާތުން ދިވެހިބަހުގެ އަދަބުތަކާ އެއްގޮތްވާ ގޮތުގެ މަތިން މަޖިލީހަށް މުޚާތަބުކޮށް އިބާރާތްކޮށްފައި އޮންނަންވާނެއެވެ. އަދި ކަރުދާސް ޕެޓިޝަނެއްގައި އެއް ގަނޑަށްވުރެ ގިނަ ގަނޑު ހިމެނޭނަމަ، ޕެޓިޝަން ހުށަހަޅާ ފަރާތުން ކޮންމެ ގަނޑެއްގައިވެސް ސޮއިކުރަންޖެހޭނެއެވެ.

ޕެޓިޝަނެއް ބަލައިގަތުމަށް އެންމެ މުހިންމު އެއް ޝަރުތެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ޕެޓިޝަން ހުށަހަޅާ ފަރާތުގެ އިތުރުން މަދުވެގެން 500 މީހުންގެ ސޮއި އޮތުމެވެ.

މި ޝަރުތުތަކުގެ ތެރެއިން އެއްވެސް ޝަރުތެއް ފުރިހަމަނުވާ ޕެޓިޝަންތައް ބަލައިނުގަންނާނެ ކަމަށްވެސް އިސްލާޙުގައި ބަޔާންކޮށްފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު