ޞާދިރު ޢަލީދީދީ   20 ސެޕްޓެމްބަރު 2020 - 14:46
ދިޔަރެސް
ދިޔަރެސް
އެޕިސޯޑް 03

...............

[އެންމެން ނިދައިފިތަ؟] ޒިއާމްގެ ވާހަކައިގެ ރާގު ބަދަލުވިއެވެ.

[އާނ...އެންމެންވެސް ނިދައިފި.] ފިރާޝާގެ ރާގުވެސް ތަފާތެވެ.

[ހިނގާ އެތެރެއަށް ވަންނަމާ.] ޒިއާމް ފިރާޝާގެ އަތުގައި ހިފައިގެން ގެޔަށް ވަންނަން ހިނގައިގަތެވެ.

[އިހަށް މަޑުކޮށްބަލަ...ކޮންދުވަހަކުންތަ ޒިއާ....އަހަންނާ މެރީ ކުރާނީ.] ފިރާޝާ ހުއްޓުނެވެ.

[އަހަރެން މިއަދުވެސް ތިކަމާ އަންހެނުންނާ މަޝްވަރާ ކުރިން. އޭނަ އެއްބަހެއްނުވޭ، ދެއަންބަށް އިންނާކަށް. އޭނަ ބުނީ ދަރިފުޅުވެސް ނުބަލާނަމޯ.]

[ދެން ތި ނޫން ވަރެއް ނުވިއެއްނު. މިގޮތަށް މުޅި ދިރިއުޅުން ވޭތުކުރާކަށް އަހަރެން ބޭނުމެއް ނޫން.] ފިރާޝާ ރުޅިއައެވެ. ދެރަވެސްވިއެވެ. އެކަން ޒިއާމަށްވެސް އެނގުނެވެ.

[ދެރަނުވެބަލަ...އަހަރެން ފިރާއާ އިންނާނަމޭ.] ޒިއާމް ފިރާޝާގެ ބޮލުގައި އަތް ކާއްތާލިއެވެ.

[މިހާރު ތިހެން ކިޔާތާ ކޮންދުވަހެއް؟ އަހަރެން ނޫޅެން ވާހަކަ ދައްކާކަށްވެސް. މިހާރު އަހަރެން ހުރި ޙާލެއްވެސް އަހަންނަކަށް ނޭނގެ.] ފިރާޝާއަށް ރޮވުނެވެ. އޭނާ ރޮމުން ޒިއާމްގެ އަތުން ވީއްލިގަނެގެން ގޮސް ކޮޓަރިއަށް ވަނެވެ. ޒިއާމް ފަހަތުން ދިޔަވެސްމެއެވެ. ނަމަވެސް ފިރާޝާ އޭނާއަކަށް ކޮޓަރިއަށް ވަންނާކަށް ފުރްޞަތެއް ނުދިނެވެ. އޭނާ ކޮޓަރި ތަޅުލިއެވެ. ޒިއާމް މާޔޫސްވިއެވެ. މަޑުމަޑުން ދެތިންފަހަރު ދޮރުގެ ތަޅުގައި ހިފާލުމަށްފަހު، އޭނާ ފިރާޝާއަށް ގޮވިވެސްމެއެވެ. އޭރު ފިރާޝާ ކޮޓަރީގެ އެނދުމައްޗަށް ވެއްޓިގެން އޮވެ ރޮނީއެވެ. އެ އަޑު ޒިއާމަށްވެސް އިވެއެވެ.

[ފިރާ ހުޅުވަބަލަ...އާދޭސްކޮށްފައި ބުނަން ހުޅުވަބަލަ.] ކުޑައިރުކޮޅަކަށް އަހަރެން ވައްދަބަލަ.] ޒިއާމް އާދޭސްކުރަން ފެށިއެވެ.

[ނޫޅެން ހުޅުވާކަށް. އަހަރެން ދެން ދުވަހަކުވެސް ޒިއާމަކަށް އިތުބާރެއް ނުކުރާނަން.] ގިސްލުމުގެ އަޑާއެކު ފިރާޝާގެ އަޑު ނުކުތެވެ.

އެރޭ ޒިއާމް އެނބުރި ގެޔަށް ދިޔައީ އާދޭސްކޮށްކޮށްވެސް ފިރާޝާ ދޮރު ނުހުޅުވީމައެވެ. އެކަމަކު އޭނާގެ މޫނުމައްޗަކުން ކަންބޮޑުވުމުގެ އަސަރެއް ނުފެނެއެވެ. ހީވާކަހަލައެވެ. އޭނާ މިހާރު މަޤްޞަދު ޙާޞިލްކޮށްފިއެވެ. އޭނާ ދެން މިޞްރާބު ޖަހާނީ އެހެން މަލެއްގެ ފޮނިކޮޅު ބޯލާށެވެ. އެއީ ބައެއް ފިރިހެނުންގެ ޠަބީޢީ ސިފައެއްކަން ކޮންމެ އަންހެން ކުއްޖަކުވެސް ދަންނަން ޖެހޭނެއެވެ. އެކަމަކު މިހާރުގެ ގިނަ އަންހެން ކުދިން އެކަމެއް ނުދަނެއެވެ. އެބައިމީހުނަށް ވިސްނެނީ މާފަހުންނެވެ. އޭރު އޮންނަނީ މާބުރަށް ފޮނި ބުއިމުގެ ފުރްޞަތު ދީފައެވެ.

ފިރާޝާއަށްވެސްވީ އެވަރެވެ. މިހާރު އޭނާ ރޮއި ހިތާމަ ކުރަނީއެވެ.

މުޢާޒު މާލެ އައިސް އަނެއްކާވެސް ކުރީގައި އުޅުނު އޮފީހުގެ ވަޒީފާއަށް ނުކުންނަން ފަށައިފިއެވެ. އޭނާ ރާއްޖެއިން ބޭރުގައި ހުރެފައި، މާލެ އައިފަހުން ފިރާޝާ ފެނުނީ އެދުވަހުއެވެ. އެދުވަހު އޭނާ ވަރަށް ކެރިގެން ފިރާޝާއާ ކުރިމަތިލިއެވެ.

[ފިރާޝާ....] މުޢާޒު ފިރާޝާއަށް ގޮވައި ފިރާޝާ ހުއްޓުވިއެވެ.

[ކާކުތީ!؟] ފިރާޝާ މުޢާޒުގެ މޫނަށް ޙައިރާންކަމާއެކު ބަލަން ހުއްޓެވެ.

[ޢުބޭދު ނުބުނޭތަ؟] ތަޢާރަފްވުމުގެ ކުރިން މުޢާޒު އެއްސެވެ.

[ކޮން ޢުބޭދެއް...ނުދަންނަން...ކާކުތީ؟] ފިރާޝާ ބޭނުންވީ ތަޢާރަފެވެ.

[ޢުބޭދު ކިޔާ މީހަކު ނުދަންނަންދޯ....އަޅާނުލާ. އަހަންނަށް ކިޔަނީ މުޢާޒު. ރާއްޖެއިން ބޭރުގައި އުޅެފައި މާލެ އައިތާ އަދި މާގިނަ ދުވަހެއްނުވޭ.] މުޢާޒު ތަޢާރަފްވިއެވެ.

[އާނ...މިހާރު ތި ބުނި ޢުބޭދު ހަނދާންވެއްޖެ.] ފިރާޝާ އިރުކޮޅަކު ވިސްނަން ހުރެފައި ބުންޏެވެ.

[ޢުބޭދު ބުނިދޯ...އަހަރެންގެ ވާހަކަ.] މުޢާޒު ހިނިތުންވެލިއެވެ.

[ކޮންމެވެސްވަރަކަށް ދެއްކި. އެކަމަކު ތަފްޞީލަކަށް ނުދޭ.] ފިރާޝާގެ ހިތް މުޢާޒަށް ޝައުޤުވެރިވިއެވެ.

[އަހަރެން ފިރާޝާއާ ވާހަކައެއް ދައްކާލަންވެފައި އެބައޮތް. ހިނގައިދާނަންތަ އަހަންނާއެކު ފިނި އެއްޗެއް ބޯން.] މުޢާޒުގެ ހިތްވަނީ އަވަސްވެފައެވެ.

[މިހާރު މިދަނީ ސައިބޮއިގެން....އެހެން ފަހަރަކުންދޯ.] އަތުކުރީގައި އޮތް ގަޑިއަށް ފިރާޝާ ބަލައިލިއެވެ.

[ގުޅޭނެ ނަންބަރެއް ދީފާނަންތަ؟ ކުރީ ފަހަރެއްގައިވެސް އޮތީ ލަނޑެއް ލިބިފައި. އަހަރެން ފިރާޝާގެ ގެ ކަމަށް ގުޅީ އެހެން ގެއަކަށް. ފިރާޝާ ކަމަށް ހީކޮށް މުޅިން އެހެން މީހަކާ ވާހަކަ ދެއްކުނީވެސް.] މުޢާޒު ކިޔައިދިނެވެ.

[ކޮން ގެއަކަށް ގުޅި ވާހަކަތަ ތިބުނީ؟] ފިރާޝާގެ ގާތަށް ހިނިއައެވެ.

[މާފަންނު ކޯހެރެއަށް. އެގެއަށް ގުޅަން ޖެހުނީ، އެއްދުވަހު ފިރާޝާ އެގެޔަށް ވަންނަނިކޮށް ފެނުނީމަ.] މުޢާޒު ގާތަށްވެސް ހިނިއައެވެ.

[އެއީ އަހަރެންގެ ގެއެއް ނޫން. އެގެޔަށް އަހަރެން މަދުމަދުން ގޮސް އުޅެން.] އެއީވެސް އެކަމަކު އަޞްލު އެގޭ މީހުން އުޅޭ ބަޔަކަށް ނޫން. އަހަރެން ދަނީ އެގޭ ކޮޓަރިއެއް ކުއްޔަށް ހިފައިގެން އުޅޭ ރައްޓެއްސެއްގެ ގާތަށް.] ފިރާޝާ ހިނިއައިސްފައި ހުރެ އޮޅުންފިލުވައިދިނެވެ.

އެއަށްފަހު ފިރާޝާ އޭނާގެ ކޮޓަރީގެ ނަންބަރާއި އޮފީސް ނަންބަރުވެސް މުޢާޒަށް ދިނެވެ.

[ނަންބަރުވެސް ހޯދައިފިން.] މުޢާޒު ފަޚްރުވެރިވެފައި ވާހަކަ ދެއްކީ ޢުބޭދާއެވެ. އޭރު ހަވީރުވެއްޖެއެވެ. މުޢާޒު ފިރާޝާއާ ވަކިވަމުން، ގުޅާނަމޭ ބުނި ވަގުތު އައިސް ޖެހިއްޖެއެވެ. މުޢާޒު ގަޑިއަށް ބަލައިލިއެވެ.

[އަހަރެން ފިރާ ގާތު ގުޅާނަމޭ ބުނި ވަގުތު ޖެހިއްޖެ. އަހަރެން ގުޅަން ބޭނުމީ ކޮޓަރީގައި ވަރަށް ހަމަޖެހިގެންހުރެ.] މުޢާޒު ދަނީއޭ ބުނެފައި ނުކުތެވެ.

މިހާރު ފިރާޝާ އިންތިޒާރު ކުރަނީއެވެ. އެ ފޯންކޯލް އަންނާނެ ވަގުތަކަށެވެ. އޭނާ ދޭތެރެ ދޭތެރެއިން ގަޑިއަށްވެސް ބަލައިލައެވެ. ފޯނު ރިންގްވާން ފެށީ އޭނާ އެގޮތަށް އިންތިޒާރުގައި ހުންނަތާ އިރުކޮޅެއް ފަހުންނެވެ. އޭނާ އަވަސް އަވަހަށް ފޯނު ނެގިއެވެ.

[ހަލޯ...ގ. ރިހި ހަނދުވަރު.] އެކޮޅުން ވާހަކަ ދެއްކުމުގެ ކުރިން ފިރާޝާ ތަޢާރަފްދިނެވެ.

[އުނހު...ރިހި ހަނދުވަރެއް ނޫން ތިއީ. ސާދަވިލޭރޭގެ ހަނދު.] މުޢާޒު ފިރާޝާކަން އެނގިހުރެ ވާހަކަ ފެށިއެވެ.

[މުޢާޒުދޯ.] ފިރާޝާގެ ހިތަށް ވެރިވެފައިވަނީ އިންތިހާ ދަރަޖައިގެ އުފާވެރިކަމެވެ.

[މަލާމާތް ކުރަންވެސް ދަންނަންދޯ.] ތަޢުރީފުގެ އަޑު ތަކުރާރު ކުރުމަށް ފިރާޝާ ބޭނުންވާ ކަހަލައެވެ.

[މަލާމާތެއް ނޫނޭ. ޙަޤީޤަތުގައިވެސް ސާދަވިލޭރޭގެ ހަނދުހާ ރީތި.] މުޢާޒު ސީރިއަސްވިއެވެ.

[ތިވަރަށް ތަޢުރީފް ނުކޮށްބަލަ....އަހަރެން ލަދުގަނެޔޭ.] ޙަޤީޤަތުގައިވެސް ފިރާޝާ ލަދުގެންފިއެވެ.

[އަންހެން ކުއްޖަކާ ވާހަކަ ދައްކަންޏާ އަހަންނަށް ކުރެވޭނީ ތަޢުރީފް. އަޞްލު މި ގުޅީވެސް ތަޢުރީފް ކުރަންވެގެންނޭ. ފިރާ ތީ މީގެކުރިން ދުވަހަކުވެސް އަހަރެން ދެކެފައި ނުވާފަދަ މޮޅު ޖާދޫގަރެއް. އަދި ކޮންމެވެސްވަރަކަށް ސިއްރު ކަންތައްވެސް ކުރާ ކުއްޖެއް.] މުޢާޒު މަޥްޟޫޢަށް ދާން މަގުކޮށިއެވެ.

[އޭނ....ތި ބުނީ ކޮން ސިއްރު ކަންތަކެއްގެ ވާހަކައެއްތަ؟ އަހަންނަކަށް ނުވިސްނުނު.] ފިރާޝާއަކަށް ނުވިސްނުނެވެ.

[ފިރާއަކީ މޮޅު ޖާދޫގަރެއްކަން އަހަންނަށް އެނގުނީ އަހަރެންގެ ސިކުނޑީގައިވާ ހުރިހާ ޚިޔާލުތަކެއް އެއްފަރާތްކޮށް، ފިރާގެ ޚިޔާލުތަކުން އަހަރެންގެ ސިކުނޑި މުއްސަނދި ކުރުން. އަހަންނަށް އެނގިގެން ފިރާކުރި ސިއްރުކަމަކީ އަހަރެންގެ ހިތް އަހަންނަށް ސިއްރުން ނެގުން.] މުޢާޒު ފިރާޝާއަށް ވިސްނޭވަރަށް ތަފްޞީލުކޮށްދިނެވެ.

[އަހަރެން އެކަންޏަކު ނޫން ސިއްރު ކަންތައް ކުރަނީ. މުޢާޒުވެސް ތިހުރީ ކޮށްފައެއްނު. އެންމެ ރަނގަޅު...ކީއްވެތަ، އަހަންނަށް މުޢާޒުގެ ފޯންކޯލަށް އިންތިޒާރު ކުރެވުނީ. ގައިމު މިއަށް ނަމެއް ދޭންވާނެއެއްނު.] ފިރާޝާވެސް ޖަޒްބާތުގެ އޮއިވަރުގައި ޖެހިއްޖެއެވެ.

[އަހަރެން ނަމެއް ދީފާނަން. އެކަމަކު އެ ނަން ފިރާއަށް ކަމުދާނެބާ؟] މުޢާޒު އެއްސެވެ.

[އާނ...މިހާރު މި އިންނަނީ މުޢާޒު ދޭނެ ނަމަކަށް އިންތިޒާރު ކޮށްގެން.] ފިރާގެ ހިތް އަވަސްވިއެވެ.

[ލޯބި. މިނަމުގެ ކުރިއަށް ބޭވަފާ ނާންނަންޏާ. މިއީ ވަރަށް ފުރިހަމަ ނަމެއް. ކޮންމެފަދަ ދިރިއުޅުމަކަށްވެސް މިނަމުގެ މުހިންމުކަން ބޮޑުވާނެ. ކަމުދޭތަ މި ނަން؟] މުޢާޒު އިޝާރާތްތަކުން އޭނާގެ ހިތް ބަންޑުންކޮށްލިއެވެ.

[އާނ......] ފިރާޝާގެ ޖަވާބު ކުރެވެ. އެހެން ނަމަވެސް، އެއީ މުޢާޒު ބޭނުންވި ޖަވާބެވެ.

[ޙަޤީޤަތުގައިވެސްތަ؟] މުޢާޒު އިތުރަށް ޔަޤީންކޮށްލަން ބޭނުންވިއެވެ.

[ޔަޤީން ނުވަނީތަ؟] ފިރާޝާ ހިނިތުންވެލިއެވެ.

[އާނ...ފިރާ އަނެއްކާ އަހަރެން ހައްދަނީތަ؟] މުޢާޒު އެއްސެވެ.

[ތިހެން ނުބުނޭ...އަހަރެން މުޢާ.] ފިރާޝާއަށް ޖުމްލަ ފުރިހަމަ ނުކުރެވެނީސް ކޮޓަރި ދޮރުގައި މީހަކު ޓަކިދިން އަޑަށް ފިރާޝާ ޖުމްލަ މެދުކަނޑާލިއެވެ.

[ފިރާ...ނިކަން އަވަހަށް މަންމައާއެކު ފިހާރައަކަށް ދާން ނުކުމެބަލަ.] ދެން އިވުނީ މަންމަ ޢާރިފާގެ އަޑަށެވެ.

[މުޢާޒު...މަންމަ އެބަގޮވާ...އިހަށް ބާއްވަނީ.] ފިރާޝާ ފޯނު ބޭއްވިއެވެ.

ފިރާޝާ ފޯނު ބާއްވާފައި ނުކުތްއިރު، އޭނާގެ މަންމަ ޢާރިފާ ބޮޑުކޮޓަރީގައި އިންތިޒާރުގައި އިނެވެ.

[މަންމާ....ކޯއްޗެއް ގަންނަންތަ ބާޒާރަށް ދާން ތިއުޅެނީ؟] ފިރާޝާ މަންމައާ އަރާހަމަކުރަމުން އަހާލިއެވެ.

[ތަރުކާރީކޮޅަކާއި މިރުސްކޮޅެއް ގަންނަން ދާން. މަންމަގެ ޝޭމްޕޫ ފުޅިވެސް ހުރީ ހުސްވެފައި. އެވެސް ގަންނާށާއެކުއޭ ދާން މިއުޅެނީ...ހިނގާ ދާން.] ޢާރިފާ ހިނގައިގަތެވެ.

[ކޮންތާކަށް؟] ޢުބޭދުގެ އަންހެނުން ނަޒްމާ ވާހަކަ ދެއްކީ ޢުބޭދާއެވެ. އޭރު ޢުބޭދު ހުރީ އެދެމަފިރިންގެ ދަރިފުޅު އުރާލައިގެންނެވެ.

[ތަނަކަށް ނުދަން. ދަރިފުޅަށް މަގުމަތި ދައްކާލަން ދޮރާށިދޮށަށް.] ޢުބޭދު ހިނގައިގަތެވެ. ޢުބޭދުގެ ފަހަތުން ދޮރާށި ކައިރިއަށް ނަޒްމާވެސް ނުކުތެވެ. އެއީ މުޢާޒު އައިސް އެގެޔާ އަރާ ހަމަވި ވަގުތެވެ.

[ޢުބޭ ހިނގާބަލަ އަހަރެންނާއެކު ޝޮޕަކަށް ޖައްސާލަން.] ޢުބޭދުމެނާ އަރާހަމަކޮށް މުޢާޒު އެދުނެވެ.

ޢުބޭދު އޭނާ އުރައިގެން އިން ކުޑަމަންޖެ ނަޒްމާގެ އަތަށްދިނެވެ. ނަޒްމާ ދަރިފުޅު އުރާލައިގެން އެތެރެއަށް ވަނެވެ. ޢުބޭދާއި މުޢާޒު ހިނގައިގަތެވެ.

[ހީވަނީ ވަރަށް ކާމިޔާބުހެން. އެކަމަކު އަދި ކަނޑައެޅިގެން ސީދަލަކަށް ނުއެއް ބުނަން. މިހާރު މިއުޅެނީ ބުނަން ކަމަށް.] މުޢާޒު ހުރީ ވަރަށް ހިތްހަމަޖެހިފައެވެ.

[މުޢާޒު އަދި ކިރިޔާއޭ ފިރިހެނަކަށްވީ. އެކަމަކު ބުނަން...ފިރިހެނެއްގެ ސަފުން ބޭރުނުވާތި. މިބުނީ ކާމިޔާބުނުވިޔަސް، ކަރުނަ އަޅާ ނުރޯށޭ....އިރާދަކުރެއްވިއްޔާ، ކާމިޔާބުވާނެ.] ޢުބޭދަކީ ޢާންމު ފިރިހެނުންނާ ތަފާތު ވިސްނުމެއްގެ ވެރިއެކެވެ. އޭނާއަކީ ކަންކަމުގައި އިސްނަގަން ކެރޭ މީހެކެވެ. އެކަމާ ބައެއްފަހަރަށް އޭނާ ފަޚްރުގެރިވެސްވެއެވެ.

ފިރާޝާ މަންމައާއެކު ބާޒާރުކޮށްގެން ގެޔަށް އައިސް ވަނީ ރޭގަނޑު ނުވަގަޑި ސާޅީސް އެހާކަންހާއިރުއެވެ. އޭނާ ގެޔަށް ވަނުމާއެކު، ކޮއްކޮ ނާދިޔާ ދުވެފައި ކަހަލަ ގޮތަކަށް އައިސް ފިރާޝާގެ އަތުގައި ހިފެހެއްޓިއެވެ.

[ދައްތާ...މީހަކު ފޮނުވި ޕާރުސަލެއް، ކޮއްކޮގެ އަތުގައި އެބައޮތް. އެކަމަކު އައިސްކްރީމް ދޭން އެއްބަސްވީމަ ނޫނީ ނުދޭނަން.] ނާދިޔާ ހީވީ ފިރާޝާ ނުފެނިފައި ހުރިހެނެވެ.

[ކޮބާ...އަވަހަށްދީ.] ފިރާޝާ ތެޅިގަތެވެ.

[އައިސްކްރީމް...؟] ނާދިޔާ ގަދަކޮށްލިއެވެ.

[ދޭނަމޭ އައިސްކްރީމް...ދެންވެސް އަވަހަށް ދައްކަބަލަ.] ފިރާޝާގެ ހިތް އަވަސްވަމުން ދިޔައެވެ.

[ދައްތަގެ ކޮޓަރި އެނދުމަތީގައި އޮންނާނެޔޯ.] ނާދިޔާ ހެމުން ހެމުން ބަދިގެޔާ ދިމާއަށް ދުއްވައިގަތެވެ.

ފިރާޝާ އަވަސް އަވަހަށް ގޮސް ކޮޓަރި ދޮރު ހުޅުވާލިއެވެ. ހަމައެއާއެކު، އެނދުގެ ބާލީސްމަތީގައި ބާއްވާފައި އޮތް ޕާރުސަލް އޭނާއަށް ފެނިއްޖެއެވެ. އޭނާ ކޮޓަރި ތަޅުލުމަށްފަހު ޕާރުސަލް ނަގައިފިއެވެ. އޭނާވަނީ އޭގެތެރޭގައިވަނީ ކޯއްޗެއްތޯއާއި، ކާކު ފޮނުވާފައި އޮތް އެއްޗެއްތޯ ބެލުމަށް ހިތް އަވަސްވެފައެވެ. އޭނާ ފުރަތަމަ ބެލީ، އެއީ ކާކު ފޮނުވާފައި އޮތް އެއްޗެއްތޯއެވެ. އެއަށްފަހު، އޭނާ އަވަސްވެފައިވާ ހިތަކާއެކު އެ ޕާރުސަލް ކަނޑާލިއެވެ. ފުރަތަމަ ފެނުނީ ރަތް ފިނިފެންމަލެކެވެ. ދެން އޮތީ ބޭރުގައި މަޚުމާ ފޮތި ޖަހާފައިވާ ކުޑަވަރެއްގެ ފޮށްޓެކެވެ. ފިރާޝާގެ ތުންފަތުގައި ކުޅެލީ ލުއި ހިނިތުންވުމެކެވެ. އޭނާ އެ ފޮށި ހުޅުވީ ފިނިފެންމަލަށް އިރުކޮޅެއް ވަންދެން ބަލަން ހުރުމަށްފަހުގައެވެ.

[އައި ލަވް ޔޫ.] ފޮށި ހުޅުވާލުމާއެކު އެއިން އިވުނު ޖުމްލައިގެ އަޑުން ފިރާޝާގެ މޫނު ދިޔައީ އުޖާލާވެގެންނެވެ. ހީވާކަހަލައެވެ. އޭނާ ކުރަމުން އައި ފޮނި އިންތިޒާރެއްގެ ނިމުން އައީއެވެ. އޭނާއަށް ބޭއިޚްތިޔާރުގައި އެ މާ ނަގާ މޭގައި ޖައްސާލެވުނެވެ.

[ދައްތާ...އާދޭ ކޮއްކޮއާއެކު ބަތްކާން.....] ކޮޓަރި ބޭރުން ނާދިޔާ ގޮވިއަޑު އިވުނެވެ. ފިރާޝާ އެ އެއްޗެތި އަލަމާރިއަށް ލުމަށްފަހު ކޮޓަރިން ނުކުމެއްޖެއެވެ.

ނުކުތްއިރު ނާދިޔާ ދޮރުކައިރީގައި ހުއްޓެވެ.

[ކޮއްކޮ މަންމައާއެކު ކޭނަމަ...ހިނގާ....] ފިރާޝާ ނާދިޔާގެ ކޮލުގައި ހިފާލިއެވެ.

[އައިސްކްރީމް!] ކުޑަކުޑަ ނާދިޔާ ހަނދާންކޮށްލަދިނެވެ.

[ދެން މިރެއަކު ނުގަނެވޭނެއެއްނު. މާދަމާ ދައްތަ އޮފީހުން އަންނައިރު އައިސްކްރީމް ގެނެސްދޭނަން.] ފިރާޝާ ނާދިޔާގެ އަތުގައި ހިފައިގެން ހިނގައިގަތެވެ.

[ޕްރޮމިސްތަ؟] ނާދިޔާ އެހިއެވެ.

[އާނ....ދައްތަ ދުވަހަކުވެސް ކޮއްކޮ ގާތުގައި ދޮގެއް ނަހަދަމެއްނު.] ފިރާޝާ އަނެއްކާވެސް ކޮއްކޮގެ ކޮލުގައި ހިފާލިއެވެ.

[ދަރިފުޅާ...ކުޑަކުދިންގެ ކޮލުގައި ހިފާކަށް ނުވާނެ.] ޢުބޭދުގެ މަންމަ ވާހަކަ ދެއްކީ ޢުބޭދާއެވެ. އޭރު ޢުބޭދުގެ އުނގުގައި އޭނާގެ އެއްއަހަރަށްދާ ދަރިފުޅު ޔޫހާ އިނެވެ. އެއީ ޢުބޭދުގެ މަންމަ ޒުހުރާ އަބަދުވެސް ބުނާ ވާހަކައެކެވެ.

އޭނާއަށް ފެންނަތާ ޔޫހާގެ ކޮލުގައި ހިފައިފިއްޔާ އޭނާ އަބަދުވެސް އެހެން ބުނެއެވެ.

[އަހަރެން އެހާ ބޮޑަކަށް ނުހިފަމޭ މަންމާ...ދޯ ދަރިފުޅާ.] ޢުބޭދު ދަރިފުޅާ ލޯބިކޮށްލިއެވެ. އެވަގުތު ނަޒްމާ އެތަނަށް އައިސް ހުއްޓުނެވެ.

[އަދި ތި މަންޖެއަށް ބުއްފުޅިވެސް ނުދެވޭ. އަންނާނަން ބުއްފުޅިދީގެން.] ނަޒްމާ ދަރިފުޅު އުރާލައިގެން ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ. ޒުހުރާވެސް ބަދިގެޔާ ދިމާއަށް ހިނގައިގަތެވެ.

އެއީ މުޢާޒު އެގެޔަށް އައިސް ވަން ވަގުތެވެ.

[މުޢާޒު...އާދޭ އާދޭ އިށީންނަން.] ޢުބޭދު އޭނާ އިށީނދެ އިން ސޯފާއިން މުޢާޒު އިށީންނަން ތަން ދެއްކިއެވެ. މުޢާޒު އައިސް އިށީނދެއްޖެއެވެ.

[ކޮބާ...މަލުން ވެދުންކޮށްގެން ކާމިޔާބެއް ލިބިއްޖެތަ؟] ޢުބޭދު އެހިއެވެ.

[އުންމީދު ކުރަނީ ކާމިޔާބަށް.] މުޢާޒު އުންމީދު ފާޅުކުރިއެވެ.

[އަދި ޖަވާބެއް ނުލިބޭތަ؟] އަނެއްކާވެސް ޢުބޭދު އެއްސެވެ.

[މިއަދު ހަވީރުން ގުޅާނަން. ކޮބާ...ކުޑަމަންޖެ. މުޢާޒަށް ޔޫހާގެ މަތިން ހަނދާންވީ ކުއްލިއަކަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން