ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރު
ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރު
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ނަމުގައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލަކީ، ރާއްޖޭގެ މީޑިއާ ބާރުވެރިކުރުމުގެ މަޤްޞަދުގައި ހުށަހެޅި ބިލެއް ކަމަށް ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރު ވިދާޅުވެއްޖެއެވެ.

މިނިވަން މެންބަރެއްގެ ގޮތުގައި މަޖިލީހަށް އިންތިޚާބުވެ ވަޑައިގެންފައިވާ ހަންނާން މިއަދު ވިދާޅުވީ، ބްރޯޑްކާސްޓް ކޮމިޝަންގައި މިހާރު ތިއްބަވަނީ ރައީސުލްޖުމްހޫރިއްޔާ ނަން ފޮނުއްވައިގެން ރައްޔިތުންގެ މަޖިލީހުން ރުހުންދޭ މެންބަރުން ކަމަށެވެ.

ނަމަވެސް މިހާރު ހުށަހަޅާފައިވާ ބިލުގައި މީޑިއާ ރެގިއުލޭޓް ކުރާ ކޮމިޝަންގެ މެޖޯރިޓީ އޮންނާނީ މީޑިއާތަކުން އިންތިޚާބުވާ ނޫސްވެރީންނަށް ކަމަށް ހަންނާން ވިދާޅުވެފައިވެއެވެ. އެގޮތުން ކޮމިޝަނުގައި ތިއްބަވާ 7 މެންބަރުންގެ ތެރެއިން 4 މެންބަރުންނަކީ މިޑިއާތަކުން އިންތިހާބު ކުރާ މެންބަރުންނެެވެ.

ހަމައެއާއެކު ހަންނާން ވިދާޅުވީ މި ބިލުގަައި މީޑިއާތަކަށް ފުރިހަމަ ބާރާއި އިމްތިޔާޒުތަކާއި ހައްގުތައް ލިބިދީފައިވާނެ ކަމަށެވެ. އަދި ތެދު ޚަބަރު ފަތުރަން މަގުފަހިކޮށްދީފައި ވާނެ ކަމަށާއި، ދައުލަތުގެ ހަތަރު ވަނަ ބާރުގެ ގޮތުގައި މީޑިއާއަށް ހަރުދަނާކަމާއެކު ހަރަކާތްތެރިވާން ޖާގަ ހޯދައިދީފައިވާނެ ކަމަށް ވެސް ހަންނާން ވިދާޅުވިއެވެ.

“އިސްލާމް ދީން ގަބޫލު ކުރާ ގޮތުގައި ފާޅު ކުރާ ކޮންމެ ހިޔާލެއް ނުވަތަ ހަބަރެއް ވާންޖެހޭނީ ތެދު ހަބަރަކަށް. އެއީ އޭގެ ސަބަބުން ހިތްދަތިވެ މާޔޫސްވާންޖެހޭ ފަދަ ކަމެއް ހިނގައިފާނެތީ.” ބިލް ހުށައަޅުއްވަމުން ހަންނާނު ވިދާޅުވިއެވެ.

އޭގެ އިތުރުން މީޑިއާ ރެގިއުލޭޓް ކުރަން ދައުލަތުން ހިނގާ ހަރަދު ކުޑަކޮށް، މީޑިއާގެ ބަސްވިކޭ ބާރުހުރި މުއައްސަސާއެއް އުފެއްދޭނެ މަގު މިބިލުން ފަހިކޮށްދީފައިވާނެ ކަމަށް ހަންނާން ވިދާޅުވެފައިވެއެވެ.

އެ ބިލުގައި ބުނެފައި ވަނީ ބިލަށް އަމަލު ކުރަން ފެށުމާއެކު މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގެ ނަމުގައި ކޮމިޝަނެއް އުފައްދަންޖެހޭނެ ކަމަށެވެ. އެ ކޮމިޝަން އުފެދުމުން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނާއި މޯލްޑިވްސް މީޑިއާ ކައުންސިލް އުވޭނެއެވެ.

ހަމައެހެންމެ، 100،000 ރުފިޔާއާ ހަމައަށް މީޑިއާތައް ޖޫރިމަނާ ކުރުމާއި މައްސަލައެއް ބަލައި ނުނިމެނީސް ވަގުތީ ގޮތުން ރަޖިސްޓްރީ ބާތިލު ކުރުމާއި، ފަހުން ކޯޓަށް ގޮސްގެން ވެސް ނޫހެއްގެ ރަޖިސްޓްރީ ބާތިލު ކުރެވިދާނެ ކަމަށް ބިލުގައި ބުނެފައިވެއެވެ. އޭގެ އިތުރުން، ކޮމިޝަނުން މައްސަލައެއް ބަލަމުން ދަނިކޮށް، ނޫސް ވެބްސައިޓެއް ބްލޮކް ކުރުން ނުވަތަ ޓީވީގެ ބްރޯޑްކާސްޓު ހުއްޓުވަން އެންގުމުގެ ބާރުވެސް ކޮމިޝަނަށް ލިބޭނެއެވެ.

މީޑިއާ ބިލްގެ ދިފާޢުގައި ހަންނާން ވާހަކަފުޅު ދައްކަވާފައިވާއިރު، އެމްއެމްސީން މިއަދު ވަނީ އެ ބިލާމެދު ކަންބޮޑުވުން ފާޅުކޮށް ބަޔާނެއް ނެރެފައެވެ. އެގޮތުން އެބިލަކީ ގާނޫނުއަސާސީގެ ރޫހާ ހިލާފަށް އޮތް ބިލެއް ކަމަށާއި، މިނިވަން ނޫސްވެރިކަމަށް އޮތް ވަރަށް ބޮޑު ނުރައްކަލެއް ކަމަށް އެމްއެމްސީން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް