ޚާރިޖީ ވަޒީރު ޑރ. ޢަބްދުالله ޚަލީލް
ޚާރިޖީ ވަޒީރު ޑރ. ޢަބްދުالله ޚަލީލް
ޚާރިޖީ ވަޒީރު ޑރ. ޢަބްދުالله ޚަލީލް އިތުރުފުޅު ހެއްދެވިކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އިމްތިޔާޒުގެ މައްސަލަ މަޖިލީހުން ބޭރުކޮށްލައިފިއެވެ.

މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލް ނަސީމްއެވެ.

މީކާއިލް ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވަނީ، މި މަހުގެ 13 ވަނަ ދުވަހު ބޭއްވި މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 25 ވަނަ ޖަލްސާއަށް ވަޑައިގެން ސުވާލުތަކަށް ޖަވާބު ދެއްވުމުގައި ހަލީލު އިތުރުފުޅު ހައްދަވާފައިވާ ކަމަށެވެ.

އެ ދުވަހުގެ ޖަލްސާގައި، ކުރީ ސަރުކާރުގެ ދުވަސްވަރު ހަލީލް އިންޑިއާ އައުޓް ލިޔެފައިވާ ޓީޝާޓެއް ތުރުކުރެއްވިތޯ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން، “ތިއިން އެއްވެސް ބޭފުޅަކަށް ފެނިވަޑައިނުގަންނަވާނެ އިންޑިއާއައުޓް ޓީޝާޓު އަޅުގަނޑު ލައިގެން ހުއްޓައެއް. އެކަމަކު ރާއްޖޭގެ މިނިވަންކަމާ އިސްތިގުލާލާ ގުޅުންހުރި ޓީޝާޓެއް ލައިގެން ހުއްޓާ ފެނިވަޑައިގެންފައި އޮވެދާނެ.” ކަމަށް ވިދާޅުވިއެވެ.

ޑރ. ޚަލީލްގެ އެވާހަކަފުޅާ ގުޅިގެން މީކާއިލް ހުށަހެޅުއްވި މައްސަލާގައި ވަނީ “އިންޑިއާ އައުޓް” ޓީޝާޓް ތުރުކުރައްވައިގެން ހުއްޓާ ނުފެންނާނެ ކަމަށް ވިދާޅުވެ ހަލީލު ހެއްދެވީ އިތުރުފުޅެއް ކަމަށާއި އެކަމުގެ ހެކިތައް މުޅި ސޯޝަލް މީޑިއާ އިން ފެންނަމުންދާ ކަމަށެވެ. އަދި މީކާއީލް ވަނީ “އިންޑިއާ އައުޓް” ޖަހާފައިވާ ޓީޝާޓެއް ތުރުކުރައްވައިގެން ހަލީލް ހުންނެވި ފޮޓޯއެއްވެސް މައްސަލައާއެކު ހުށަހަޅުއްވާފައެވެ.

މިއަދުގެ ޖަލްސާގައި އެ މައްސަލަ ތަޅުމުން ބޭރުކޮށްލީ ވެރިކަންކުރާ ޕީއެންސީގެ މެންބަރުން އެ މައްސަލަ ބަލައިގަތުމާ ދެކޮޅަށް ވޯޓު ދެއްވައިގެންނެވެ. އެގޮތުން ވޯޓުގައި ބައިވެރިވި 45 މެންބަރުންގެ ތެރެއިން މައްސަލައަށް ބަހުސްކުރަން ފެންނަ ކަމަށް އަށް މެންބަރަކު ވޯޓު ދެއްވިއިރު، ނުފެންނަ ކަމަށް 37 މެންބަރުން ވޯޓު ދެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް