ނޫސްވެރިން މިއަދު މަޖިލީހުގައި އިޙްތިޖާޖުގައި
ނޫސްވެރިން މިއަދު މަޖިލީހުގައި އިޙްތިޖާޖުގައި
މީޑިއާ ރެގިއުލޭޓް ކުރުމުގެ ބިލުގެ މައްސަލާގައި ނޫސްވެރިން މަޖިލީހުގައި އިޙުތިޖާޖު ކުރަމުން ދަނިކޮށް ބިލާއިމެދު ގޮތެއް ނިންމުމެއްނެތި މަޖިލީހުގެ މިދައުރު ނިންމާލައިފިއެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާ ނިންމަވާ ލައްވަމުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، މީޑިއާ ރެގިއުލޭޓް ކުރުމަށް ހުށައަޅާފައިވާ ބިލު އިތުރަށް ދިރާސާ ކުރަން ބޭނުންވާތީ ބިލުގެ ބަހުސް މިއަދަށް ނިންމާލީ ކަމަށެވެ.

“ބައެއް ބޭފުޅުންގެ ވާހަކަތަކުން މި ބިލު އިތުރަށް ދިރާސާ ކުރަން ބޭނުންވާ ކަމަށްވެސް އަޅުގަނޑަށް އެބަ ވިސްނޭ. އެހެންވީމާ އަޅުގަނޑު ގަސްދު ކުރަނީ މި ބިލުގެ ބަހުސް މިއަދަށް ނިންމާލަން.” މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله ވިދާޅުވިއެވެ.

އަދި މިއީ މަޖިލީހުގެ މިދައުރުގެ ފަހު ޖަލްސާ ކަމަށް އިއުލާނު ކުރެއްވުމަށްފަހު ޖަލްސާ ވަނީ ނިންމަވާ ލައްވާފައެވެ. ނަމަވެސް މީގެ ހަފްތާއެއް ކުރިން މިދިޔަ އަންގާރަ ދުވަހު ބޭއްވި ޖަލްސާގައި މަޖިލީހުން ފާސްކުރީ އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ދައުރު ދަންމާލުމަށެވެ.

ބިލު އިތުރަށް ދިރާސާ ކުރަން ބޭނުންވާކަމަށް މަޖިލީހުގެ ރައީސް އަބްދުއްރަޙީމް ވިދާޅުވެފައިވާއިރު، މިއަދު ގިނަ ޢަދަދެއްގެ ނޫސްވެރިން ވަނީ، މަޖިލީހުގެ ގެލެރީގައި ބިލާއި ދެކޮޅަށް ހިމޭން އިޙްތިޖާޖެއް ކޮށްފައެވެ.



އަދި އެއަށްފަހު ނޫސްވެރިންވަނީ ބިލުގެ މައްސަލާގައި ރައީސް ޑރ. މުޢިއްޒުގެ އެޕޮއިންޓްމަންޓަކަށް އެދި ރައީސް އޮފީހަށް ގޮސްފައެވެ.

ނޫސްވެރިން މިއަދު މަޖިލީހުގައި ބިލާއި ދެކޮޅަށް އިޙްތިޖާޖު ކޮށްފައިވާއިރު ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާނު އަބޫބަކުރު ހުށައަޅާފައިވާ “މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލު” މަޖިލީހަށް ބަލައިނުގަނެ ބޭރުކޮށްލަން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ވަނީ ގޮވާލައިފައެވެ.



ކިޔުންތެރިންގެ ހިޔާލު