ތުއްތުކުދުން ބަލަހައްޓާ ޔުނޓެއް
ތުއްތުކުދުން ބަލަހައްޓާ ޔުނޓެއް
ރޯމޭނިއާގައި މާބަނޑު މީހުން ވިއްސާ، މެޓަރނިޓީ ޔުނިޓެއްގައި ތިބި 10 ކުއްޖަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

މިކަން މިހާރު ތަހުގީގުކުރަމުންދާއިރު، ހޮސްޕިޓަލުން އެކުދިންގެ ގަޔަށް ވައިރަސް އެރުމަށް މެދުވެރިވި ސަބަބެއްކަމަށް ބޮޑަށް ޝައްކުކުރެވެނީ މެޓަރނިޓީ ޔުނިޓްގައި މަސައްކަތްކުރާ މުވައްޒަފެއްގެ ފަރާތުންކަމަށް ރޯމޭނިއާގެ ހެލްތު މިނިސްޓަރ ނެލޫ ޓަޓާރޫ ވިދާޅުވެއެވެ. މި ކުދިންގެ މައިން ވައިރަހަށް ނެގެޓިވްވެފައިވާތީ މިކުދިންނަށް ބަލި ޖެހުނީ މައިންގެ ފަރާތުން ނޫންކަން ސާބިތުބާކަން ހެލްތު މިނިސްޓަ ވިދާޅުވެފައިވެއެވެ.

މިކުދިންގެ ތެރެއިން އެއް ކުއްޖަކު ފިޔަވާ އެހެން އެއްވެސް ކުއްޖެއްގެ ކިބައިން ބަލީގެ އަލާމާތެއް އަދި ފެނިފައި ނުވާއިރު، މިހާރު ހުރިހާކުދިންވެސް ވަނީ ކަރަންޓީނުވުމަށް ގެއަށް ފޮނުވާލާފައެވެ.

ބަލިޖެހުނު ކުއްޖެއްގެ މަންމައާއި ހަވާލާދީ އޭއެފްޕީގައި ލިޔެފައިވަނީ ހޮސްޕިޓަލުން މީހަކު ވައިރަހަށް ޕޮޒިޓިވްވުމުން އެމީހުން ހޮސްޕިޓަލުގައި ތިއްބާ އެތަން ޑިސްއިންފެކްޓް ކޮށްފައިވާކަމަށާއި، އެތަނުގެ ނަރުހުން އުޅުނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އަޅަން ޖެހޭ މާސްކުވެސް ނާޅާކަމަށެވެ.

މިނިސްޓަރ ޓަޓާރޫ ވިދާޅުވީ މި ހާދިސާއިން ހޮސްޕިޓަލުގެ މެޓަރނިޓީގައި މަސައްކަތްކުރާ ނަރުހުންނާއި، މުވައްޒަފުންނާއި އެ ސަރަހައްދުގެ ޕަބްލިކް ހެލްތް ޑިރެކްޓޮރޭޓް (ޑީއެސްޕީ)ގެ ފަރުވާކުޑަކަން ހާމަވެފައިވާކަމަށާއި، މިފަދަ ހާލަތްތަކުގައި ހަރުކަށި ފިޔަވަޅު އެޅުމަށް ފަސްޖެހި ވަޑައިނުގަންނަވާނެކަމަށެވެ. މި މައްސަލައާއި ގުޅިގެން ޑީއެސްޕީ ޗީފް މިހާރުވަނީ މަގާމުން ވަކިކޮށްފައެވެ.

ރޯމޭނިއާގައި ވައިރަހަށް ޕޮޒިޓިވްވި މީހުންގެ އަދަދު 4,417 އަށް އަރާފއިވާއިރު، މަރުވިމީހުންގެ އަދަދުވަނީ 197 އަށް އަރާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން