ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީގެ މެންބަރުންނާ މެދު އެ ޕާޓީގެ ޕީޖީ ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހް އަމަލުކުރައްވަނީ ވަރަށް ނިކަމެތިކޮށްކަމަށް ވިދާޅުވެ، ޕީއެންސީ މަޖިލިސް މެންބަރުންގެ ވާހަކަތަކެއް ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު އައްބާސް ވިދާޅުވެއްޖެއެވެ.

މިފަހުން ސަރުކާރުގެ ފަރާތުން ހުށަހެޅި މީޑިއާތަކާ ގުޅޭ ބިލް ފާސްކުރުމަށް ފަލާހް ޕީއެންސީ މެންބަރުންނަށް ބިރު ދައްކަމުންދާކަމަށް ބުނާ ހަބަރެއް ހިއްސާ ކުރައްވަމުން އެކްސްގައި އައްބާސް ވިދާޅުވީ، އެއީ ތެދެއްކަމަށާއި މެންބަރުންނާ މެދު ފަލާހް ކަންތައް ކުރައްވަނީ ވަރަށް ނިކަމެތިކޮށްކަމަށެވެ.

އަދި އޭގެ ޝަކުވާ ވަކިވަކި މެންބަރުން އޭނާއާ ހިއްސާ ކޮށްފައިވެސް ވާކަމަށާއި އެގޮތުން، ބައެއް ބިލްތަކަށް އޭނާ އެދޭގޮތަށް ބަހުސްކޮށްފިނަމަ ދާއިރާގެ ރަށަކުން 5 ވަޒީފާ އުފައްދައިދޭނެ ކަމަށް ވިދާޅުވި ކަމަށް އައްބާސްގެ ޕޯސްޓްގައިވެއެވެ.

އަދި ވަކި ބިލަަކަށް އޭނާ ބުނާގޮތަށް ވޯޓު ނުލައިފިނަމަ ވަރަށް ގޯސްވާނެކަމަށް ބުނެ “ބިރުދައްކާފައި” ވާކަމަށް ވަނީ ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ، ޕީއެންސީގެ މަޖިލިސް މެންބަރުންނަށް ފައިސާ ހުށަހަޅާ ކަމަށާއި އެ ފަައިސާ އެކި މެންބަރުންނަށް އެކިވަރަށް ދޭތީ އެކަމުގެ ޝަކުވާ ވެސް އައްބާސްގާތުގައި ކުރާކަމަށެވެ.

އަދި މަޖިލިސް އިންތިހާބުގެ ކެމްޕޭންގައި ޕީއެންސީގެ މެންބަރުން ކުރި ހަރަދުގެ ދަރަނިތައް އަދިވެސް ނުދެއްކި ހުރި މެންބަރުން ތިބިއިރު އެ މެންބަރުން ރައީސް ޑރ. މުޙައްމަދު މުޢިއްޒުއާ ބައްދަލުކުރަން އެދުމުން، އެ ފުރުސަތު ނުދޭކަމަށް އައްބާސް ވިދާޅުވިއެވެ.

ނަމަވެސް އެހެން އެކަންއޮއްވާ، މަޖިލީހުގައި އޮތް ވަކިބިލަކަށް ވަކިގޮތަކަށް ވޯޓު ހޯދަން ފަލާހް މެދުވެރިކޮށް ޕީއެންސީގެ މެންބަރުންނާ ރައީސްއާ އެކު ބައްދަލުވުމެއް ބޭއްވިނަމަވެސް، ރައީސް ވިދާޅުވާ ވާހަކަފުޅެއް ވިދާޅުވެފައި ބައްދަލުވުން ނިންމަވާލެއްވީކަމަށް އައްބާސް ވިދާޅުވިއެވެ.

އައްބާސްގެ ޕޯސްޓްގައިވަނީ އޭނާއަށް ފަލާހް ރިޝްވަތު ހުށަހެޅިކަމުގެ ތުހުމަތު ވެސް ކުރައްވާފައެވެ.

މިފަދަ ވާހަކަތަކެއް ފެންމަތިވެފައިވާއިރު ޕީއެންސީގެ މެންބަރުންގެ މެދުގައި ދެބަސްވުންތަކެއް އުފެދި އޭގެތެރެއިން ބައެއް މެންބަރުން ކައިރި މުސްތަގުބަލެއްގައި އެ ޕާޓީން ވަކިވާނެކަމަށް ވެސް ބައެއް މަޖިލިސް މެންބަރުން މީގެ ކުރިންވަނީ ވިދާޅުވެފައެވެ. ނަމަވެސް ފަލާހްވަނީ އެ ވާހަކަތައް ދޮގުކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް