ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު
ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު
މީޑީއާ ކޮންޓްރޯލްކުރާ ބިލުން ނިކުންނާނެ ނަތީޖާއަކީ ކުރުސީީ ގިނަވުން ކަމަށް ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު ވިދާޅުވެއްޖެއެވެ.

ޒިޔާދު މި ބީދައިން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާނު އަބޫބަކުރު ހުށައަޅާފައިވާ “މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލު“ގެ ބަހުސްގައެވެ.

އެގޮތުން މިއަދުގެ ޖަލްސާގައި ޒިޔާދު ވިދާޅުވީ މީޑިއާ ރެގިއުލޭޓް ކުރުމުގެ ނަމުގައި ހުށަހަޅާފައި އޮތީ ވަރަށް ހީލަތްތެރި ބިލެއް ކަމަށެވެ. އަދި މިނިވަން ނޫސްވެރިކަން މަރާލެވޭނެ ހުރިހާ ކަމެއް މަޖިލީހަށް ހުށައަޅާފައިވާ ބިލުން ތަންފީޒު ކުރުމަށް ފުރުސަތު ލިބޭކަމަށް ޒިޔާދު ވިދާޅުވިއެވެ.

އެހެންކަމުން މިއީ މަޖިލީހުން ބޭރު ކުރަންޖެހޭ ބިލެއް ކަމަށާއި، ބިލަށް އިސްލާހެއް ހުށަހަޅައިގެން ކުރިއަށް ދެވޭނޭ ކަމަށް ނުދެކޭ ކަމަށްވެސް ޒިޔާދު ވިދާޅުވެފައިވެއެވެ. އަދި މި ބިލުން ނިކުންނާނެ ނަތީޖާއަކީ ދުންފަތް މަނާކުރުމުން ނިކުތް ނަތީޖާކަން ޒިޔާދު ފާހަގަ ކުރެއްވިއެވެ.

“މި ބިލުން ނިކުންނާނެ ނަތީޖާއަކީ ކުރުސީީ ގިނަވާނީ. ވަގު އެކައުންޓްތައް ގިނަވާނީ.” ޒިޔާދު ވިދާޅުވިއެވެ.

މެންބަރު ޒިޔާދު މިހެން ވިދާޅުވެފައިވާއިރު، މިބިލު މަޖިލީހަށް ބަލައިނުގަނެ ބޭރުކޮށްލަން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ވަނީ ގޮވާލައިފައެވެ. އަދި ބިލު ބޭރުކޮށްލަން ގޮވާލައި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން އިސްނަގައިގެން ޕެޓިޝަނެއްގައި ސޮއިކުރަމުންދާއިރު، ނޫސްވެރިން މިއަދު ވަނީ މަޖިލީސް ބޭރުގައި ބިލާއި ދެކޮޅަށް އިޙްތިޖާޖުވެސް ކޮށްފައެވެ.

މީޑިއާ ކޮންޓްރޯލްކުރުމަށް ސަރުކާރަށް ލިބޭގޮތަށް މަޖިލީހަށް މިހާރު ހުށައަޅާފައިވާ ބިލާމެދު މަޝްވަރާ ކުރަންޖެހޭ ކަމެއް ނެތް ކަމަށާއި އެބިލް ޖެހޭނީ އަނބުރާ ގެންދަން ކަމަށް ރާއްޖޭގެ ތަޖުރިބާކާރު ބައެއް ނޫސްވެރިންވެސް ވިދާޅުވެފައިވެއެވެ.

އެ ބިލުގައި ބުނެފައި ވަނީ ބިލަށް އަމަލު ކުރަން ފެށުމާއެކު މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގެ ނަމުގައި ކޮމިޝަނެއް އުފައްދަންޖެހޭނެ ކަމަށެވެ. އެ ކޮމިޝަން އުފެދުމުން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނާއި މޯލްޑިވްސް މީޑިއާ ކައުންސިލް އުވޭނެއެވެ. ހަމައެހެންމެ، މީޑިއާ ބިލު ފާސްވެއްޖެނަމަ، ވަކިވަކި ނޫސްވެރިން 5،000 ރުފިޔާއިން ފެށިގެން 25،000 ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭނެއެވެ. އަދި މީޑިއާ ވަސީލަތްތަކަށް 100،000 ރުފިޔާގެ ޖޫރިމަނާއެއް ކުރެވޭނެއެވެ.

އޭގެއިތުރުން، މައްސަލައެއް ބަލައި ނުނިމެނީސް ވަގުތީ ގޮތުން ރަޖިސްޓްރީ ބާތިލު ކުރުމާއި، ފަހުން ކޯޓަށް ގޮސްގެން ވެސް ނޫހެއްގެ ރަޖިސްޓްރީ ބާތިލު ކުރެވިދާނެ ކަމަށް ބިލުގައި ބުނެފައިވެއެވެ. އޭގެ އިތުރުން، ކޮމިޝަނުން މައްސަލައެއް ބަލަމުން ދަނިކޮށް، ނޫސް ވެބްސައިޓެއް ބްލޮކް ކުރުން ނުވަތަ ޓީވީގެ ބްރޯޑްކާސްޓު ހުއްޓުވަން އެންގުމުގެ ބާރުވެސް ކޮމިޝަނަށް ލިބޭނެއެވެ.



ކިޔުންތެރިންގެ ހިޔާލު