ރައީސް ޑރ. މުހައްމަދު މުއިއްޒު، ފޮޓޯ: ރައީސް އޮފީސް
ރައީސް ޑރ. މުހައްމަދު މުއިއްޒު، ފޮޓޯ: ރައީސް އޮފީސް
އިންޝުއަރެންސްއާއި ބެހޭ ބިލާއި ޤައުމީ ޕޭމަންޓް ސިސްޓަމްގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތަޞްދީޤުކުރައްވައިފިއެވެ.

މި ދެ ބިލަކީ 18 އޮގަސްޓު 2025 ގައި ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 26 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލުތަކެކެވެ.

އިންޝުއަރެންސް ބިލުގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގައި ހަރުދަނާ އަދި ރައްކާތެރި ގޮތެއްގައި އިންޝުއަރެންސް ވިޔަފާރި ހިންގުމަށް ބޭނުންވާ ޤާނޫނީ އޮނިގަނޑު ޤާއިމްކުރުމެވެ.

މި ބިލުގައި އިންޝުއަރެންސް ކުންފުނިތަކާއި އިންޓަރމީޑިއަރީންނަށް ލައިސަންސް ދިނުމާއި، އެފަރާތްތައް ރެގިއުލޭޓްކޮށް ސުޕަވައިޒްކުރުމާގުޅޭ އުސޫލުތައް ހިމެނެއެވެ.

އަދި ވިޔަފާރިކުރުމުގެ ޢާންމު ހަމަތަކާއި، ކުންފުނިތަކުގެ މެނޭޖްމަންޓް އޮންނަންވީ ގޮތުގެ އުސޫލުތަކާއި، ރެކޯޑް ބެލެހެއްޓުމާއި ރިޕޯޓު ހުށަހެޅުމުގެ އުސޫލުތައް މި ބިލުގައި ހިމަނާފައި ވެއެވެ. މީގެ އިތުރުން މާކެޓް ކޮންޑަކްޓް އަދި ޑިސްޕިއުޓް ރިޒޮލިއުޝަންގެ ހަމަތަކާއި، ފިޔަވަޅު އެޅުމުގެ އުސޫލުތައްވެސް ބަޔާންކޮށްފައިވެއެވެ.

ޤައުމީ ޕޭމަންޓް ސިސްޓަމްގެ ޤާނޫނަށް ގެނެވުނު އިޞްލާޙުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ ޕޭމަންޓް އިންފްރާސްޓްރަކްޗަރ ތަރައްޤީކޮށް، މާލީ ނިޒާމު ހަރުދަނާކުރުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަށް ބޭނުންވާ ޤާނޫނީ ބާރުވެރިކަން ހޯދައިދިނުމެވެ. މި އިޞްލާޙުގެ ދަށުން އެމްއެމްއޭއަށް ވަކި ކުންފުންޏެއް ނުވަތަ ޕާޓްނަރޝިޕެއް އުފެއްދުމުގެ ބާރު ލިބިދެއެވެ.

އިޞްލާޙުގައި ޕޭމަންޓް ސިސްޓަމެއް ހިންގޭނީ އެމްއެމްއޭގެ ލައިސަންސް ނުވަތަ ހުއްދައާއެކު ކަމަށް ބަޔާންކޮށް، ހުއްދަނެތި ޕޭމަންޓް ޚިދުމަތް ސޮލިސިޓްކުރުން މަނާކޮށްފައިވެއެވެ. އަދި މި ކަމާ ޚިލާފުވާ ފަރާތްތަކަށް 100,000 ރުފިޔާއިން 10 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށްވެސް ބުނެފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު