ޞާދިރު ޢަލީދީދީ   21 ސެޕްޓެމްބަރު 2020 - 14:30
ދިޔަރެސް
ދިޔަރެސް
އެޕިސޯޑް 04

...............

[ކޮބާ...މަލުން ވެދުންކޮށްގެން ކާމިޔާބެއް ލިބިއްޖެތަ؟] ޢުބޭދު އެހިއެވެ.

[އުންމީދު ކުރަނީ ކާމިޔާބަށް.] މުޢާޒު އުންމީދު ފާޅުކުރިއެވެ.

[އަދި ޖަވާބެއް ނުލިބޭތަ؟] އަނެއްކާވެސް ޢުބޭދު އެއްސެވެ.

[މިއަދު ހަވީރުން ގުޅާނަން. ކޮބާ...ކުޑަމަންޖެ. މުޢާޒަށް ޔޫހާގެ މަތިން ހަނދާންވީ ކުއްލިއަކަށެވެ.

[ނަޒްމާ އެމަންޖެއަށް ބުއްފުޅިދޭން ކޮޓަރިއަށް ވަދެ ވީ.] ޢުބޭދު ބުންޏެވެ.

އެދުވަހު މުޢާޒު ގެޔަށް އައިއިރު ކޮޓަރި މޭޒުމަތީގައި ސިޓީއެއް އޮތެވެ. އެސިޓީ ފެނުމާއެކު އޭނާ ހީކުރިއެވެ. ޔަޤީނެވެ. އެއީ ފިރާޝާ ފޮނުވާނެ ސިޓީއެކެވެ. ވީވެސް އޭނާ ހީކުރިގޮތަށެވެ.

މުޢާޒު އަވަސް އަވަހަށް އެތެރެއިން ކޮޓަރި ތަންޑު އަޅުވާލައިފިއެވެ. މިހާރު އޭނާ ހީވަނީ މޮޔަވެދާނެހެނެވެ. އެނދުމައްޗަށް ވެއްޓިގެންފިއެވެ. އެއަށްފަހު އެ ސިޓީ ކަނޑައިގެން ކިޔަން ފެށިއެވެ.

[އާއެކެވެ. އަހަންނަށްވެސް މެއެވެ. ލޯބިވެވިއްޖެއެވެ. ކަލާގެ ހުށަހެޅުން ލިބުމުގެ މާކުރިންނެވެ. ޢިބާރާތް ކުރާކަށްވެސް ނޭނގެއެވެ. ކަލާދެކެ ލޯބިވާ މިންވަރެވެ. ކިހާ ދުވަހެއްވާނެ ހެއްޔެވެ؟ ކަލާގެ ލޯބީގެ ދާނުގައެވެ. އުންމީދު ކުރަމެވެ. ތި ދާނަކީ ދާއިމީ ލޯބީގެ ދާނަކަށްވުމެވެ. ފުރިހަމަކޮށްދޭށެވެ. އަހަރެންގެ މި ފޮނި އުންމީދުތަކެވެ. ލޯބިވާއެވެ. އަހަންނަށް ރޮވުނެވެ. ކަލާގެ ހުށަހެޅުން ލިބުމުންނެވެ. އެކަމަކު ލޮލުން ފޭބީ އުފާވެރި ކަރުނައެވެ.

އެރޭ އަހަރެން ކަލާ ދުށީމެވެ. ނުހަނު ގާތުންނެވެ. ކަލާގެ މަސްތީ އެތައް ބީހުންތަކެއްވެސް އިޙްސާސް ކުރެވުނެވެ. އެތައް ޙަރަކާތްތަކެއް ހިންގުނެވެ. ބޭއިޚްތިޔާރުގައެވެ. ނަމަވެސް ހޭލެވުމުން ދެރަވިއެވެ. ވަރަށް އަސަރުކުރިވެސް މެއެވެ. ކަލާގެ ބީހުންތައް އިޙްސާސްވީ ހުވަފެނުގައިކަން އެނގުނީމައެވެ.] މިއީ އެ ސިޓީގައި ފިރާޝާ އިނގިރޭސި ބަހުން ލިޔެފައިވާ ޢިބާރާތްކޮޅެވެ. މުޢާޒު ތަފާތު އެތައްފަހަރަކު އެ ޢިބާރާތްކޮޅު ކިޔެވެ.

ލޯބިވެރިންގެ ލިސްޓަށް މުޢާޒާއި ފިރާޝާގެ ނަން އިތުރުވެ، އެދެލޯބިވެރިން ލޯބީގެ ދުވަސްތައް ގުނަން ފެށީ އެއަށްފަހުގައެވެ.

މުޢާޒު ފިރާޝާއާ ބައްދަލުކުރަން ފިރާޝާގެ ގެޔަށް ނުދިޔަ ކަމުގައިވިޔަސް، ފިރާޝާ މުޢާޒު ބުނާ ކޮންމެ ތަނަކަށް ދެއެވެ. ތަފާތު ރެސްޓޯރެންޓްތަކުންނާއި ފިނި މައިޒާންތަކުންނެވެ.

[މުޢާޒު....ކީއްވެތަ؟ ފިރާޝާއާ ބައްދަލުކުރަން ފިރާޝާގެ ގެޔަށް ނުދަނީ؟] ޢުބޭދު ވާހަކަ ދެއްކީ މުޢާޒާއެވެ. އެދެމީހުން ވާހަކަ ދައްކަން ތިބީ ސައިހޮޓަލެއްގެ ތެރޭގައެވެ. ވެއިޓަރު އައިސް އޯޑަރު ނެގީ އެވަގުތުއެވެ.

[އަހަންނަށް ކުލަގަދަ ކަޅެއް...ޢުބޭދަށޯ؟] މުޢާޒު އޯޑަރު ދިނެވެ.

[އެކައްޗެއް ގެނޭ. ދެތިން ވައްތަރެއްގެ ހެދިކާއެއްވެސް ރަނގަޅުވާނެ.] ވެއިޓަރު ހިނގައިގަތެވެ. ޢުބޭދު ކުރި ސުވާލަށް މުޢާޒު ޖަވާބުދިނީ ދެނެވެ.

[އަދި އަހަރެން ދާން ބޭނުންނުވަނީ...އެކަމަކު ފިރާޝާ މިހާރު އެބަ ކިޔާ އެގެއަށް އަންނާށޭ.] މުޢާޒު ބުންޏެވެ.

[ދެން މެރީ ކުރާނީ؟] ޢުބޭދު އެއްސެވެ. ވެއިޓަރު އެއްޗެތިތައް މޭޒުމަތީގައި ބެހެއްޓިއެވެ.

[ކުރަންވީ...އަހަރެން ޤަޞްދުކުރަނީ އަންނަ މަހު އެކެއްހާ ތާނގައި ކުރަން...ރަނގަޅުވާނެދޯ.] ޢުބޭދަށް ޖަވާބުދެމުން މުޢާޒު ޢުބޭދުގެ ލަފާވެސް ހޯދިއެވެ.

[އާނ....އަދިވެސް ލަހީ.] ޢުބޭދު ޚިޔާލުފާޅުކުރިއެވެ.

[މިރޭ ފިރާގެ މައިންބަފައިންނާވެސް ބައްދަލުކުރަން ދާންވީދޯ؟] މުޢާޒު އެއްސެވެ.

[އާނ...ގޮސް ކުރީބައިގައި ޖެހޭނެ ޢާއިލީ މެންބަރުން ދަސްކުރަންވެސް.] ޢުބޭދު ބުންޏެވެ.

އެރޭ މުޢާޒު ސީދާ ފިރާޝާގެ ގެޔަށް ދިޔައެވެ. އޭރު ފިރާޝާ މުޢާޒާ ބައްދަލުވުމަށް ތައްޔާރުވަނީއެވެ. މުޢާޒު ގޮސްވަނީ ސީދާ ފިރާޝާގެ ކޮޓަރިއަށެވެ.

[ހުވަފެނެއް ފެނުނީތަ؟] ފިރާޝާ ހުރީ އުފާވެފައެވެ.

[އުނހު...އަބަދަކު އެއްގޮތަކަށް ނޫޅެވޭނެއެއްނު. ފިރާ....އަހަރެން މިހާރު ޤަޞްދުކޮށްފިން، ކައިވެނި އަވަސް ކުރަން.] މުޢާޒު އެނދުގައި އިށީނެވެ. ފިރާޝާވެސް އައިސް މުޢާޒުގެ ގާތުގައި އިށީނދެއްޖެއެވެ.

[ވިސްނުނީދޯ؟ އަހަރެން ކިތައްފަހަރު އެދެފިން....އަވަސްކުރާށޭ.] ފިރާޝާ މުޢާޒުގެ މޭގައި ބޯއަޅާލިއެވެ.

[ކުރިއަށް މިއޮތް ނޮވެމްބަރު އެކެއް ރަނގަޅުތަ؟] މުޢާޒުގެ ދެއަތް ފިރާޝާ ވަށާލިއެވެ. ފިރާޝާ އާއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ.

ދުވަސްތައް އާދައިގެ މަތިން ފާއިތުވަމުން ގޮސް މުޢާޒާއި ފިރާޝާގެ ކައިވެނީގެ ދުވަސްވެސް ކައިރިވަމުން ދެއެވެ. އެކަން ފިރާޝާގެ ކުރީގެ ލޯބިވެރިޔާ ޒިއާމަށް އެނގުނީ ކައިވެނި ކުރަން ހަމަޖެހިފައި އޮތް ދުވަހުގެ ކުރީ ދުވަހުއެވެ. ޚަބަރު ލިބުމާއެކު، އޭނާ ބޭނުންވީ ފިރާޝާއާ ބައްދަލުކޮށް މަރުޙަބާ ކިޔާށެވެ.

ފިރާޝާ އޮތީ ކޮޓަރީގައެވެ. ކައިވެނީގެ ރެޔަށްޓަކައި ތައްޔާރު ކުރެވިފައިވާ [ވެޑިންގ ޑްރެސް] އަށް ބަލަހައްޓައިގެންނެވެ. އެވަގުތު ކޮޓަރި ދޮރުގައި މީހަކު ޓަކިޖަހާލުމުން ފިރާޝާ ސިހުނެވެ.

[ކާކު؟] ބޭރުން ޖަވާބު ނުލިބެނީސް ފިރާޝާ ދޮރު ހުޅުވާލިއެވެ. ކުރިމަތީގައި ހިނިއައިސްފައި ހުރީ ޒިއާމެވެ.

[ކީއްކުރަން؟] ފިރާޝާ އުޅުނީ ދޮރު ލައްޕާލާށެވެ. ނަމަވެސް، ޒިއާމް މާ ހުޝިޔާރެވެ. އޭނާ އެއަށްވުރެން ކުރިން ކޮޓަރިއަށް ވަނެވެ.

[ހާދަވަރަކަށް ރުޅިއައިސްފައި.] ޒިއާމް މަޑުމަޑުން ފިރާޝާގެ އަތުގައި ހިފާލިއެވެ. ފިރާޝާ ތެޅިގެންފައި ދުރަށް ޖެހިލިއެވެ.

[މުޢާޒް އަތުވެދާނެ....މިތަނުންދޭ. ޒިއާމް ބޭނުންވަނީ އަހަރެން މާލެތެރެއަށް ގިނަކުރަންތަ؟] ފިރާޝާ ފެންކަޅިވިއެވެ.

[އަހަރެން އަބަދުވެސް ފިރާޝާދެކެ ލޯބިވޭ. އަހަރެން ބޭނުމެއް ނޫން، ފިރާޝާ މާލެތެރެއަށް ގިނަކުރާކަށް.] ޒިއާމް ކޮޓަރި އެތެރެއަށް ތަޅުލިއެވެ.

[ދެން ކީއްކުރަން މިގެއަށް އައީ. މުޢާޒު އަންނާނީ ބުނެފައެއް ނޫން.] ފިރާޝާ ކަންބޮޑުވަނީ އޭނާގެ ވާންއުޅޭ ފިރިމީހާއަށް ފެނިދާނެތީއެވެ.

[ކަންބޮޑުނުވެބަލަ. އާދެބަލަ އަހަންނާއެކު މިތާނގައި އިށީންނަން.] ޒިއާމް ފިރާޝާގެ އަތުގައި ހިފައިގެން ގޮސް އެނދުގައި ބޭންދިއެވެ. އެވަގުތު ފިރާޝާގެ ޚިޔާލީ ސްކްރީނަށް އެރީ މާޟީގެ ދުވަސްތަކެއްގެ ހަނދާންތަކެކެވެ. ހަމައެއާއެކު، ބޭއިޚްތިޔާރުގައި ފިރާޝާއަށް އޭނާގެ މޭގައި ބޯއަޅާލެވިއްޖެއެވެ.

[މިތަނުން...އަޅެ ޕްލީޒް....] ފިރާޝާގެ ދެލޯ ކަރުނައިން ތެމުނެވެ.

[ފިރާ....އަހަރެން މިވަގުތު ފޮނުވަން ނޫޅޭ.] ޒިއާމް ކުރިއަށްވުރެންވެސް ފިރާޝާ އޭނާއާ ގާތްކޮށްލިއެވެ. އެވަގުތު ކުއްލިއަކަށް ދުނިޔެމައްޗަށް ވިއްސާރައިގެ އަސަރު ވެރިވެގަތެވެ. އިސާހިތު ބޯކޮށް ވާރޭވެހިގެންފިއެވެ. ވާރެޔާ ތެމިގެން މުޢާޒުވެސް ލޯބިވެރިޔާއާ ބައްދަލުކުރުމަށްޓަކައި ގެއިން ނުކުތީ އެވަގުތުއެވެ. އޭނާއަށް ފިރާޝާމެން ގެޔަށް ވަދެވުނުއިރު ހުރީ ތެމިފޯވެފައެވެ.

މުޢާޒު ފިރާޝާގެ ކޮޓަރީގެ ދޮރުގައި ޓަކިޖަހާލިއެވެ. އޭރުވެސް ތުނިތުނިކޮށް ވާރޭވެހެމުންދެއެވެ. އޭނާ ފިރާޝާއަށް ގޮވީ ދެތިންފަހަރު ޓަކިޖެހުމަށްފަހުގައެވެ.

[ފިރާ....ނިދަނީތަ؟ ދޮރު ހުޅުވަބަލަ.] މުޢާޒު ތަޅުގައި ހިފާލިއެވެ. ދެންވެސް އެތެރެއިން ޚަބަރެއް ނުވެއެވެ.

[ފިރާ....ފިރާ...އަހަންނޭ...މުޢާޒޭ.....] މުޢާޒު އަނެއްކާވެސް ޓަކިޖަހާލިއެވެ. ފިރާޝާ އާފުރެމުން އައިސް ދޮރު ހުޅުވީ އެއަށްފަހުގައެވެ. އާފުރުނަސް އެވަގުތު އޭނާގެ މޫނުމަތިން ހާސްވުމާއި ކަންބޮޑުވުމުގެ އަސަރު ފެންނަން ހުއްޓެވެ.

[ކީއްކުރަނީ!؟ މިތާހުރެ ވަރުބަލިވެއްޖެ.] މުޢާޒު އެތެރެއަށް ވަދެ ކޮޓަރީގެ ވަށައިގެން ނަޒަރު ހިންގާލިއެވެ.

[ކަމެއް ނުކުރަން...ނިދުނީ.] ފިރާޝާ ފުރަތަމަފަހަރަށް ދޮގު ހެދިއެވެ. ފިރާޝާ ތުވާލި ގެނެސް މުޢާޒުގެ އަތަށްދިނެވެ. މުޢާޒު ތެތް ޓީޝާޓް ބޭލިއެވެ. ފިރާޝާ ޓީޝާޓް ފެލާލުމަށްފަހު ކޮނޑުގައި އެޅުވިއެވެ.

[ތި ލެވޭނީ ހިކުނީމަ. ހިކެންދެން މިތާ އޮންނާނީ.] މުޢާޒު ލައިގެންހުރި ފަޓްލޫނު ގޮނޑުގައި އެޅުވުމަށްފަހު ތުވާލި އަނދެގެން އައިސް އެނދުގައި އިށީނެވެ. އޭރުވެސް ފިރާޝާގެ މޫނުމަތިން ފެންނަމުން ދަނީ ހާސްވުމުގެ އަސަރުތަކެވެ. އެކަން މުޢާޒަށް ފާހަގަކުރެވުނުވެސް މެއެވެ.

[ފިރާ...ކޮންމެވެސް ކަމަކާ ހާސްވެފައި ހުރި ވައްތަރު ޖަހާ. އަހަރެން މިވަގުތު އައިމަ ހިތްހަމަނުޖެހުނީތަ؟] މުޢާޒު ފިރާޝާގެ އަތުގައި ހިފައިގެން އައިސް އެނދުގައި ބޭންދިއެވެ.

އެނދުގެ ކޮޅުގައި އަޅުވާފައި އޮތް ފިރިހެން ގަމީހެއް މުޢާޒުގެ ލޮލުގައި އަޅައިގަތީ އެވަގުތުއެވެ.

[ކާކުގެ ގަމީހެއް؟] މުޢާޒު އެ ގަމީހަށް އިރުކޮޅެއް ވަންދެން ބަލަން ހުރެފައި އެއްސެވެ. މުޢާޒުގެ މިސުވާލާއެކު ފިރާޝާ ދިޔައީ ސިއްސައިގެންނެވެ.

[އެއީ.....ބައްޕަގެ ގަމީހެއް. މަންމަ އިސްތިރި ކޮށްދޭށޭ ކިޔާފައި ދިން ގޮތަށް އޮތީ.] ފިރާޝާގެ ޖަވާބު ވަރަށް ސާދާއެވެ. ނަމަވެސް ފަހަތުގައިވަނީ މަކަރާއި ހީލަތެވެ.

[އެހެން....ތަ.] މުޢާޒު ފިރާޝާ އޭނާގެ ގާތަށް ދަމާލިއެވެ.

[މުޢާޒު......] ފިރާޝާ މަސްތުވީ ގޮތަކަށް މުޢާޒަށް ގޮވާލިއެވެ. މުޢާޒު ކުރިއަށް ވުރެންވެސް ގާތްވެލިއެވެ. ފިރާޝާއަށްވުރެން ބޮޑަށެވެ.

އެރޭ މުޢާޒު އެގެއިން ނުކުތީ ފަތިސް ނަމާދަށް ގޮވިފަހުންނެވެ. ކޮޓަރީގައި ބަންދުވެފައި އިން ޒިއާމް ނުކުތީ އެއަށްފަހުގައެވެ.

އާދައިގެ މަތިން ދުވަސްތައް ފާއިތުވަމުން ގޮސް ކުޑަވަރެއްގެ ޙަފްލާއަކަށްފަހު ފިރާޝާއާއި މުޢާޒުގެ ކައިވެނިވެސް ކުރެވުނެވެ.

ކައިވެންޏަށްފަހު ފިރާޝާގެ ދިރިއުޅުން ފިރިމީހާ މުޢާޒުގެ ގެޔަށް ބަދަލުކުރެވުނެވެ. ފިރާޝާ އެގެޔަށް ބަދަލުވުމުން މުޢާޒުގެ މަންމައާއި ބައްޕަމެން ފިރާޝާއަށް ނިކަން ހޫނު މަރްޙަބާއެއް ކިޔެވެ.

[މަންމަގެ ޙަޔާތަށް އައި އެންމެ އުފާވެރި ދުވަސް މިއަދަކީ.] މުޢާޒުގެ މަންމަހުރީ ވަރަށް ބޮޑަށް އުފާވެފައެވެ. ފިރާޝާ އިނީ ވަރަށް ބީރައްޓެހިކޮށެވެ.

[ތިގޮތަށް ބީރައްޓެހިވެގެން ނުހުންނައްޗޭ....މިތިބީ ހަމަ ދަރިފުޅުގެ މަންމައާއި ބައްޕައޭ....] ޙަފީޒާ ފިރާޝާގެ ބޮލުގައި އަތް ކާއްތާލިއެވެ. ފިރާޝާ ހިނިތުންވެލިއެވެ. މަންމައާއި ބައްޕަގެ ޙަރަކާތްތައް ބަލަންހުރި މުޢާޒު ހުރީ ހިނިއައިސްފައެވެ. ޙަޤީޤަތުގައި އޭނާވެސް މިހާރު ޙިއްޞާ ކުރަމުން ދަނީ އިންތިހާ ދަރަޖައިގެ އުފާވެރިކަމެވެ.

[އަހަރެން ވަރަށް އުފާވެއްޖެ. އަހަރެންގެ ފޮނި ހުވަފެންތައް ސީދާވެއްޖެ. މިހާރު އަހަންނަށް އިޙްސާސް ކުރެވެނީ ދުނިޔޭގެ ހުރިހާ އުފަލެއް ލިބުމުންވާފަދަ އުފަލެއް.] މުޢާޒާއި ޢުބޭދު ވާހަކަ ދައްކަން ތިބީ ޢުބޭދުގެ ގޭގެ ސިޓިންގރޫމްގައެވެ.

[ތިހެން އެންމެންވެސް ބުނޭ...އެކަމަކު ފަހުން ފޫހިކޮށްލާނެ.] އެވަގުތު އެތަނަށް އައިސް ހުއްޓުނު ޢުބޭދުގެ އަންހެނުން ނަޒްމާ ވާހަކަ ދެއްކީ މުޢާޒު ދެއްކި ވާހަކަ އަޑުއަހަން ހުރެފައެވެ.

[ތި ދިމާކުރީ ޢުބޭދާދޯ؟ ހަމަގައިމުވެސް އެހެން ފިރިހެނުންހެނެއް އަހަރެން ނުވާނެ.] މުޢާޒު ހީގަތެވެ.

[ޢުބޭދު ނުލާހިކު ރަނގަޅުވާނެ. ޢުބޭދު ކަހަލަ ވަރަށްމަދު ބަޔަކު އުޅޭނީ.] ނަޒްމާ ޢުބޭދަށް ތަޢުރީފް ކުރިއެވެ.

[ނަޒޫ...އަހަންނަށް އިތުބާރު ކުރާނެދޯ؟] ޢުބޭދު ނަޒްމާއާ އެއްބައިވެލިއެވެ.

[މުޢާޒް ތިބުނީ ދުނިޔޭގައިވާ ހުރިހާ އުފަލެއް މިލްކުވީޔޭ. ހަމަ އެވަރަށް ފިރާޝާދެކެ ލޯބިވޭތަ؟] ނަޒްމާ ޢުބޭދުމެނާ ޖެހިގެންހުރި ގޮނޑީގައި އިށީނެވެ.

[އާނ....ވަރަށް ބޮޑަށް. ބަޔާންކުރަންވެސް ދަތި.] މުޢާޒު ބުންޏެވެ.

[މުޢާޒް ތިވަރަށް ފިރާދެކެ ލޯބިވަންޏާ، މުޢާޒް ތީ ފިރާޝާގެ ނަޞީބު. އެންމެ ރަނގަޅު. މުޢާޒު ފިރާދެކެ ލޯބިވާވަރަށް ފިރާ މުޢާޒުދެކެ ލޯބިވާ ކަމަށް ފާހަގަކުރެވޭތަ؟] ނަޒްމާއަކީ މަޢުލޫމާތު މުއްސަނދި އަންހެނެކެވެ. އެކަން އޭނާގެ ވާހަކަތަކުން ހާމަވެއެވެ.

[އަހަންނަށްވުރެން ބޮޑަށް އޭނަ އަހަރެންދެކެ ލޯބިވޭ.] މުޢާޒު ފަޚްރުވެރިވިއެވެ.

[ތިހެން ވެއްޖެއްޔާ އިރާދަކުރެއްވިއްޔާ، ބާއްޖަވެރި ޙަޔާތެއް ވެއަތުކުރެވިދާނެ. އަހަރެން އަންނާނަން ކޮފީ ގިރައިގެން.] ނަޒްމާ ބަދިގެޔާ ދިމާއަށް ހިނގައިގަތެވެ.

[ޢުބޭދު ފަޚްރުވެރިވާންޖެހޭވަރުގެ ތޫނުފިލި އަންބެއް ޢުބޭދަށް ލިބިފައި ތިހުރީ.] މުޢާޒު ޢުބޭދަށް ތަޢުރީފު ކުރިއެވެ.

[އަޞްލު އަހަރެން ނަޒްމާއާމެދު ފަޚްރުވެރިވަމޭ.] އެވަގުތު ނަޒްމާ ދެތަށިކޮފީ ހިފައިގެން އައިސް ހުއްޓުނެވެ.

މުޢާޒުގެ މޯބައިލަށް ފޯނެއް އައީ އެވަގުތުއެވެ.

[ހަލޯ....މިއިނީ ޢުބޭދުމެން ގޭގައި. ކިހިނެއްވީ؟ ފޫހިވަނީތަ؟] މުޢާޒު ވާހަކަ ދެއްކީ ފިރާޝާކަން އެނގިހުރެއެވެ.

[އުނހު ފޫހިވަނީކީ ނޫން. އަހަރެން މަންމަމެން ގެޔަށް ދާން ކަމަށް...މަންމަ ދެންމެ ފޯނުކޮށްފައި ބުނީ ކޮއްކޮ ބަލިވެ އުޅޭ ވާހަކަ.] ފިރާޝާ ހުއްދައަށް އެދުނެވެ. އެއީ ރަނގަޅު އަންބެއްގެ ހުންނަންޖެލޭ ލާމަސީލު ސިފައެކެވެ.

[އާނ....ދޭ ފިރާ...އަހަރެންވެސް އިރުކޮޅަކުން ދާނަން...] މުޢާޒު ފޯނު ކަނޑާލިއެވެ.

ފިރާޝާ ދެކޮލުގައި ފުށްޖަހާ ރީތިވެލިއެވެ. އެއަށްފަހު އަތްދަބަސް ކޮނޑުގައި އަޅުވާލުމަށްފަހު ކޮޓަރިން ނުކުތެވެ. އޭރު މެދުގޭތެރޭގައި މުޢާޒުގެ މަންމައާއި ބައްޕަ ކޮންމެވެސް އޮލަ ވާހަކައެއްގައި ތިއްބެވެ.

[ދަރިފުޅާ ކޮންތާކަށް؟] ކޮޓަރިން ނިކުތް ފިރާޝާއާ ޙަފީޒާ މުޚާޠަބު ކުރިއެވެ.

[ކޮއްކޮ ކުޑަކޮށް ބަލިވެ އުޅޭ ޚަބަރު ލިބިގެން ގެޔަށް ދާން މިދަނީ.] ފިރާޝާ ހުއްޓުނެވެ.

[ދަރިފުޅު އެކަނި؟ މުޢާޒަށް ގުޅާފައި ބުނަންވީނު، ދަރިފުޅު ގޮވައިގެން ދާން އަންނާށޭ.] މިފަހަރު ވާހަކަ ދެއްކީ ބައްޕައެވެ.

[ގުޅިން...މުޢާޒު ބުނީ ދާށޯ. އިރުކޮޅަކުން ބަލައިދާނަމޯ.] ފިރާޝާ ގަޑިއަށް ބަލައިލިއެވެ.

[އެހެންވީރި ދޭ އަވަހަށް.] ޙަފީޒާ މިހެން ބުނުމުން ފިރާޝާ ނުކުތެވެ. މުޢާޒާ އިންފަހުން ކުރީގެ ލޯބިވެރިޔާ ޒިއާމާ ފިރާޝާ ދިމާވީ އެދުވަހުއެވެ.

[ފިރާޝާ.....] ޒިއާމް ފިރާޝާއަށް ގޮވީ ފިރާޝާ ގެޔާ އަރާހަމަވަނިކޮށެވެ. ފިރާޝާ ހުއްޓުނެވެ.

[އުފާވެރި ކައިވެންޏަކަށް އެދެން. އެކަމަކު ކައިވެނި ކިތަންމެ އުފާވެރިޔަސް، އަހަރެންގެ މަތިން ހަނދާން ނައްތާލައިގެން ނުވާނެ.] ޒިއާމް ފިރާޝާއާ އަރާހަމަކުރިއެވެ.

[އަހަރެން ބޭނުމެއް ނޫން...ދެން ޒިއާމްގެ މަތިން ހަނދާންކުރާކަށް. އަހަރެންގެ ފިރިމީހާ އަހަރެންދެކެ ނުލާހިކު ލޯބިވޭ.] ފިރާޝާ ހިނގައިގަތެވެ.

[ފިރާޝާ ކިތަންމެ ހަނދާން ނައްތާލަން އުޅުނަސް، އަހަރެންގެ މަތިން ހަނދާންނައްތައެއް ނުލެވޭނެ. ގަދަ ދައްކަންޏާ ފިރާޝާގެ ފިރިމީހާއަށް ހުރިހާ ވާހަކައެއް ކިޔައިދީފާނަން....އެއިރުންނޯ؟] ޒިއާމް އިންޒާރު ދިނެވެ. ފިރާޝާ ހުއްޓުނެވެ. ދެންވެސް ވާހަކަ ދެއްކީ ޒިއާމެވެ.

[ބުނެބަލަ ފިރާޝާ އަދިވެސް އަހަރެންދެކެ ލޯބިވެއެއްނު.] ފިރާޝާ އޭނާދެކެ ލޯބިވާ މިންވަރު ތަޞައްވަރު ކުރެވޭތީ ޒިއާމް ފަޚްރުވެރިވާ ކަހަލައެވެ.

[ކިތަންމެ ލޯބިވިޔަސް....] ފިރާޝާ އިސްޖަހާލިއެވެ. ޒިޔާމް ފިރާޝާގެ ގާތަށް ޖެހިލިއެވެ.

[ފިރާ...އަހަރެންވެސް އުޅެނީ މީހަކާ އިނދެގެން. ފިރާ މީހަކާ އިނަސް މައްސަލައެއް ނޫނެއްނު. ފިރާ ވަރަށް ހާސްވެއްޖެދޯ ފިރިމީހާއަށް ކިޔައިދޭނަމޭ ބުނީމަ...އެނގެއެއްނު އަހަރެން ފިރާއަށް ދެރައެއް ނުދޭނެކަން.] ޒިއާމް ފިރާޝާގެ އަތުގައި ހިފަހައްޓާލިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން