އެފްއެސްއެމްގެ ތެޔޮ ބާޖެއް
އެފްއެސްއެމްގެ ތެޔޮ ބާޖެއް
ފިއުލް ސަޕްލައި މޯލްޑިވްސް، އެފްއެސްއެމް އިން ޤާނޫނާ ޚިލާފަށް ވަކިކުރި ދެ މުވައްޒަފަކަށް ބޮޑު ބަދަލެއްދޭން ޖެހިއްޖެއެވެ.

އެގޮތުން ވަޒީފާއާބެހޭ ޓްރައިބިއުނަލުން އަމުރު ކޮށްފައިވަނީ، ގާނޫނާ ހިލާފަށް އެފްއެސްއެމް އިން ވަކިކުރި ފ. މަގޫދޫ، ނޫހިރި، މުހައްމަދު އަމްޖަދާއި ސ. ފޭދޫ، އަސަރީގެ، ހުސައިން ޝިރާޒު މޫސާ އަށް އަލުން އަނބުރާ ވަޒީފާދިނުމާއެކު އެކަށީގެންވާ ބަދަލު ދިނުމަށެވެ.

ވަކިވަކިން ކުރިއަށް ގެންދިޔަ މި ދެ މައްސަލާގައި ޓްރައިބިއުނަލުން އަމުރުކޮށްފައިވަނީ، ހުސައިން ޝިރާޒު މޫސާ ވަޒީފާއިން ވަކިކޮށްފައިވަނީ މައުޟޫއީ އަދުލުވެރިކަމާއި އިޖުރާއީ އަދުލުވެރިކަން ގާއިމު ކުރުމެއް ނެތި ކަމަށެވެ. އެގޮތުން ޝިރާޒު އެއްވެސް ހާލެއްގައި ވަޒީފާއިން ވަކިވެފައިވާ މުވައްޒަފެއް ކަމަށް ނުބަލައި، އޭނާ އަދާކުރަމުންދިޔަ މަގާމަށް އަނބުރާ ރުޖޫއަކޮށްދިނުމުގެ އިތުރުން ބަދަލުގެ ގޮތުގައި ހަ މަސް ދުވަހުގެ އުޖޫރައަށްވާ 116،150 ރުފިޔާ ދިނުމަށް ހުކުމްގައިވަނީ އަމުރުކޮށްފަ އެވެ.

އަދި ގާނޫނީ އެހީތެރިކަން ހޯދުމަށް އޭނާ ހަރަދުކޮށްފައިވާ 20،000 ރުފިޔާއަކީވެސް އެފްއެސްއެމް އިން ދައްކަން ޖެހޭ ފައިސާ ކަމަށް ވެސް ހުކުމްގައި ވަނީ ކަނޑައަޅާފަ އެވެ.

އޭގެއިތުރުން މުހައްމަދު އަމްޖަދުވެސް ވަޒީފާއިން ވަކިކުރީ މައުޟޫއީ އަދުލުވެރިކަމާއި އިޖުރާއީ އަދުލުވެރިކަން ގާއިމު ކުރުމެއް ނެތި ކަމަށާއި، އޭނާ ވަޒީފާއިން ވަކިވެފައިވާ ކަމަށް ނުބަލައި، އަނބުރާ ވަޒީފާއަށް ރުޖޫއަކޮށްދިނުމުގެ އިތުރުން ގެއްލުމުގެ ބަދަލުގެ ގޮތުގައި 132،450 ރުފިޔާ އެފްއެސްއެމްއިން އޭނާއަށް ދިނުމަށް ވަނީ އަންގާފަ އެވެ. އަދި އަމްޖަދު ވެސް ގާނޫނީ އެހީތެރިކަން ހޯދުމަށް ހަރަދުކުރި 20،000 ރުފިޔާއަކީވެސް އެފްއެސްއެމް އިން ދޭން ޖެހޭ ފައިސާ ކަމަށް ވެސް ހުކުމުގައި ވަނީ ކަނޑައަޅާފަ އެވެ.

ހަމައެއާއެކު މި ދެ ހުކުމްވެސް 60 ދުވަހުގެ ތެރޭގައި ތަންފީޒު ކުރުމަށާއި، އެކަން ހަމަޖެހޭތާ ރަސްމީ ބަންދުނޫން ތިން ދުވަހުގެތެރޭ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިޔުމުން އެކަން އެންގުމަށްވެސް އަމުރު ކޮށްފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު