އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު
އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު
ރާއްޖެއާއި ޗައިނާގެ އިޤްތިޞާދީ ގުޅުން ދަނީ އިތުރަށް ބަދަހިވަމުން ކަމަށް އިޤްތިޞާދީ ތަރައްޤީއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

މީސްމީޑިއާގައި މިއަދު ޙިއްސާކުރެއްވި މެސެޖެއްގައި ވަޒީރު ސަޢީދު ވިދާޅުވީ، ދިވެހިރާއްޖެއާއި ޗައިނާގެ އިޤުތިޞާދީ ގުޅުމަކީ ޒަމާނުއްސުރެ ހީނަރުކަމެއް ނައިސް ބަދަހިވަމުންދާ ގުޅުމެއް ކަމަށެވެ.

އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޗައިނާއަށް މިހާރު ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގައި ޗައިނާގެ ރައީސް ޝީ ޖިންޕިން އާއެކު ބޭއްވެވި ބައްދަލުވުމަކީ، ބަދަލުވަމުންދާ އިޤުތިޞާދީ މަސްރަހުގައި، ރާއްޖެއާއި ޗައިނާއިން ދެމެހެއްޓެނިވި ތަރައްޤީއާއި، އެކުގައި ކުރިއަރައިގެން ދިއުމުގެ ފުރުޞަތުތައް ފަހިކުރުމަށް ކުރައްވާ މަސައްކަތުގެ ޔަޤީންކަން އާކޮށްދޭ ކަމެއް ކަމަށް ވަޒީރު ވިދާޅުވެފައިވެއެވެ.



ވަޒީރު ސަޢީދުގެ އިތުރުން މާލީ ވަޒީރު މޫސާ ޒަމީރުވެސް ވިދާޅުވެފައިވަނީ، ރައީސް ޑރ. މުޢިއްޒު ޗައިނާއަށް މިހާރު ކުރަށްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ސަބަބުން ދިވެހިރާއްޖެ އާއި ޗައިނާގެ ގުޅުން އިތުރަށް ބަދަހިވެ، ދެޤައުމުގެ ރައްޔިތުންނަށްވެސް އޭގެ ފައިދާ ކުރާނެ ކަމަށެވެ.

އަދި ރައީސްގެ މިދަތުރުފުޅުގައި 2024 އިން 2028 އަށް ދިވެހިރާއްޖެއާއި ޗައިނާގެ މެދުގައި ޤާއިމު ކޮށްފައިވާ “ކޮމްޕްރިހެންސިވް ސްޓްރެޓީޖިކް ކޯޕަރޭޓިވް ޕާޓްނަރޝިޕް” އިތުރަށް ހަރުދަނާ ކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރަށްވައިފައިވާކަމަށް ޒަމީރު ވިދާޅުވިއެވެ. އަދި ދިވެހިރާއްޖެއާއި ޗައިނާގެ ގުޅުމަކީ ރަޙުމަތްތެރިކަމާއި ތަރައްޤީގެ މައްޗަށް ބިނާވެފައިވާ ގުޅުމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ރައީސްގެ ޗައިނާ ދަތުރުފުޅު ކާމިޔާބު ކަމަށް މާލީ ވަޒީރާއި އިޤްތިޞާދީ ވަޒީރު ވިދާޅުވެފައިވާއިރު، ރާއްޖެއާއި ޗައިނާގެ އޮތް ގުޅުމަކީ ހެޔޮކަމުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު