މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ފުލުހުންގެ އެންގުމަށް ނުކިޔަމަންތެރިވެ، ފޮޓޯ ނެގުމުގެ ތުހުމަތުގައި ރޭ ހައްޔަރު ކުރި، އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ހުސައިން ހަސަން ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

ފުލުހުން ރޭ ބުނީ، ހަސަން ހައްޔަރުކުރީ މަސްތުވާތަކެތީގެ އޮޕަރޭޝަނެއް ކުރިއަށް ދިޔަ ސީނެއްގެ ތެރެއަށް ވަދެ، ފޮޓޯ ނަގަން ފެށުމުން ފުލުހުންގެ އަމަލުތަކަށް ދަތިނުވާނެ ގޮތަށް އަމަލުތައް ބެހެއްޓުމަށް ނަސޭހަތްތެރިވުމަށްފަހު ކަމަށެވެ. އެގޮތުން ނަސޭހަތްތެރިވުމުން އޭނާ އެކަމަށް ޖަދަލުކޮށް، ފުލުހުންގެ އެންގުމާ ޚިލާފަށް އޮޕަރޭޝަންގެ ތެރެއަށް ވަދެ ހެކީގެ ފޮޓޯނަގަން މަސައްކަތް ކުރި ކަމަށް ފުލުހުން ބުނެއެވެ. އެހެންވެ، އޭނާ ހައްޔަރުކުރީ އަމުރަށް ނުކިޔަމަންތެރިވެ، ވާޖިބަށް ހުރަސް އަޅާފައިވާ ކަމުގެ ތުހުމަތުގައި ކަމަށް ފުލުހުން ބުންޏެވެ.

ހުސައިންގެ ބަންދާއި މެދު ގޮތެއް ނިންމަން ފުލުހުން މިއަދު ވަނީ އޭނާ ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފައެވެ. ކޯޓުން ވަނީ ހުސައިން ފުލުހުންގެ ތަހުގީގަށް އެއްބާރުލުން ދިނުމަށް ޝަރުތުކޮށް އޭނާ މިނިވަންކުރަން ފުލުހުންގެ މައްޗަށް އަމުރުކޮށްފައެވެ.

ހުސައިން ހައްޔަރުކުރުމާއި ގުޅިގެން ކުރީގެ ރައީސް ސާލިޙާއި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު ވެސް ވަނީ އޭނާ ދޫކޮށްލުމަށް ގޮވާލައްވާފައެވެ.ހުސައިން އަކީ އެމްޑީޕީގެ ގައުމީ މަޖިލީހުގައި ވިލިނގިލި ދާއިރާ ތަމްސީލް ކުރަށްވާ މެމްބަރެވެ.



ކިޔުންތެރިންގެ ހިޔާލު