އެމްޑީޕީގެ ދެން އުފެދޭ ސަރުކާރެއްގައި ކައުންސިލްތަކަށް މިހާރު ދޫކުރާ ބްލޮކް ގުރާންޓް ބޮޑުކޮށްދެއްވާނެ ކަމަށް އެޕާޓީގެ އެޑްވައިޒަރު އަދި ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސާލިޙް މިއަދު ވިދާޅުވެއްޖެއެެވެ.

ރައީސް ސާލިޙް މިހެން ވިދާޅުވީ، މިއަދު ހަވީރު އއ. ބޮޑުފުޅަދޫއަށް ވަޑައިގެން، އެރަށުގައި ތިބި އެމްޑީޕީގެ މެންބަރުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ސާލިޙް ވިދާޅުވީ 2028 ވަނަ އަހަރު އުފެދޭ ސަރުކާރަކީ އެމްޑީޕީގެ ސަރުކާރަކަށް ވެގެންދާނެކަމަށް އުންމީދު ކުރައްވާ ކަމަށާއި އެ ސަރުކާރުގައި ރައްޔިތުން ބޭނުންވާ ގޮތަށް ރަށްރަށުގެ ތަރައްޤީގެ ކަންކަން އަނެއްކާވެސް ކުރެވިގެންދާނެކަމަށެވެ. އަދި އެ މަނިކުފާނުގެ ވެރިކަމުގެ ފަސް އަހަރު ދުވަހުގެ ތެރޭގައި އެންމެ ގިނައިން ބައްދަލުކުރެއްވީ ކައުންސިލަރުންނާކަން ފާހަގަކުރައްވައި، ރަށްރަށުގެ ކައުންސިލަރުންނާއެކު އެމަނިކުފާނުގެ މީޓިންތައް ގިނައިން ހުންނާނީ ބަނދަރުގައި ކަމަށް ރައީސް ސާލިޙް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ބާރުތައް ދޫކޮށްލީ ރައްޔިތުންނާ ކައިރިން އެ އަޑުއަހާނެ ބަޔަކު ރަށްރަށުގައި ބޭތިއްބުމަށް ޓަކައި. އެ އަޑުތައް އަހައިގެން ރައްޔިތުން ބޭނުންވާ ކަންތައްތައް ހިފައިގެން އަޅުގަނޑު ކައިރިއަށް ކައުންސިލަރުން ވަޑައިގަންނަވާ، ވަޒީރުންނާ ބައްދަލުކުރުމުގެ ފުރުޞަތު އޭރު އޮންނާނެ. އޭގެ އަލީގައި ރަށްރަށުގެ ތަރައްޤީގެ މަޝްރޫޢުތައް އަޅުގަނޑުމެން ކުރިއަށް ގެންދިޔައީ،" ރައީސް ސާލިޙް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ސާލިޙް ވިދާޅުވީ މިހާރުގެ ސަރުކާރުން ލާމަރުކަޒީ ނިޒާމް އަނެއްފުށަށް ޖަހަމުންދާކަމަށެވެ. އެގޮތުން ކައުންސިލްތަކުގެ ބާރުތައް ހަނިކުރަމުންދާކަމަށް ރައީސް ސާލިޙް ވިދާޅުވިއެވެ. ރައީސް ސާލިޙް ވިދާޅުވީ އެއީ ރާއްޖެ ތަރައްޤީ ކުރެވޭނެ ގޮތެއް ނޫން ކަމަށާއި އެމްޑީޕީ އަބަދުވެސް ދެކެނީ ރާއްޖެ ތަރައްޤީ ކުރެވޭނީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކަމަށެވެ.

ރައީސް ސާލިޙް ވިދާޅުވީ، 2028 ވަނަ އަހަރު އުފެދޭ އެމްޑީޕީގެ ސަރުކާރުގައި އަނެއްކާވެސް ކައުންސިލްތަކަށް ބާރުތައް ދޫކޮށްލާނެ ކަމަށާއި، އަދި ބަޖެޓުން އެދޭ ގްރާންޓް އެއިޑް އެއަށްވުރެ ބޮޑުވެސް ކުރާނެކަމަށެވެ. ލާމަރުކަޒީ ނިޒާމުގެ ތެރެއިން ދޫކޮށްލި ބާރުތަކާ އެކީގައި މާލީ ބާރުތަކާ އެކީގައި އެކި ރަށްރަށަށް އައިސްފައި ހުރި ތަރައްޤީގެ ބޮޑެތި ބަދަލުތައް ފާހަގަކުރައްވައި، އއ. ބޮޑުފުޅަދޫ ކައުންސިލަކީ އޭގެ ލާމަސީލު މިސާލެއްކަން ރައީސް ސާލިޙް ވަނީ ފާހަގަކުރައްވާފައެވެ.

އއ. ބޮޑުފޮޅުދޫ ކައުންސިލުން އެރުވޭ ޚިދުމަތުގެ އެންމެ މަތީ ޝަރަފުގެ އައްޑަނަ ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހަށް މިއަދު ވަނީ އަރުވާފައެވެ.

ބޮޑުފޮޅުދޫ ކައުންސިލުން އެރަށު ބަނދަރު ސަރަހައްދުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މިއައްޑަނަ ރައީސް ޞާލިހަށް އެރުވީ އެރަށު ކައުންސިލްގެ ރައީސް ޝުޖާއު އާދަމް އެވެ. މި އައްޑަނަ ރައީސް ޞާލިހަށް އެރުވީ އެމަނިކުފާނުގެ ވެރިކަމުގައި ބޮޑުފޮޅުދޫގެ ތަރައްޤީއަށް ކުރިމަގަށްޓަކައި ކޮށްދެއްވާފައިވާ އަގުހުރި މަސައްކަތުގެ އަގުވަޒަން ކުރުމުގެ ގޮތުންނެވެ.

ކައުންސިލްތަކަށް މިހާރު ބްލޮކް ގްރާންޓްގެ ގޮތުގައި ދޫކުރަނީ ދައުލަތުގެ ބަޖެޓްގެ 5 ޕަސެންޓެވެ. މި އަދަދު ދެގުނަ ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ނިންމަވާފައެވެ.

ރައީސް ސާލިޙް މިއަދު ހަވީރު ބޮޑުފޮޅުދޫ އަށް ވަޑައިގަތުމުން އެރަށުގެ ކުދި ބޮޑު ގިނަ ބަޔަކު ނިކުމެ އެމަނިކުފާނަށް ވަރަށް ހޫނު މަރުހަބާ އެއް ވަނީ ދަންނަވާފައެވެ.



ކިޔުންތެރިންގެ ހިޔާލު