މުޅި ގައުމު ނިކަމެތިވެ، ރައްޔިތުން ހަނާވެއްޖެ ކަމަށާއި ސަރުކާރު ހަމަމަގަށް އެޅުވުމަށް ރައްޔިތުން ނިކުންނަންޖެހިއްޖެ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ އެޑްވައިޒަރު އިބްރާހިމް މުޙައްމަދު ސާލިޙް، ރޭ ވިދާޅުވެއްޖެއެވެ.

ރައީސް ސާލިޙް މިހެން ވިދާޅުވީ އެމްޑީޕީން އއ. ބޮޑުފުޅަދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ސާލިޙް ވަނީ، ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ރައްޔިތުންނަށް ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް ވިދާޅުވެފައެވެ.

ރައީސް ސާލިޙް ވިދާޅުވީ، ސަރުކާރުން ދައްކާ ވާހަކަތަކުންނާއި، ދައުލަތަށް ލިބޭ ކަމަށް ބުނާ ފައިސާއިން ރައްޔިތުންނަށް އެއްވެސް ފައިދާއެއް ނެތް ކަމަށެވެ. އެހެންކަމުން ސަރުކާރު ހަމަމަގަށް އަޅުވަން ނިކުންނަންޖެހޭ ކަމަށް ސާލިޙް ވިދާޅުވިއެވެ.

"އަޅުގަނޑުމެން އޮކްޓޫބަރު ތިނެއްގައި މި ނިކުންނަނީ މި ދައްކާ ވާހަކައަކާ މި ލިބޭ ފައިސާއަށް ކުރާ ކަމަކާއި ރައްޔިތުންނަށް ލިބޭ އޭގެން އެއްޗެއް ނެތް،" ރައީސް ސާލިޙް ވިދާޅުވިއެވެ.

މީގެ އިތުރުން ސަރުކާރުން ގާނޫނުތަކަށް ގެންނަމުންދާ ބަދަލުތަކަށް އަލިއަޅުއްވައިލައްވައި ރައީސް ސާލިޙް ވިދާޅުވީ، މިހާރު ފެންނަނީ ދެކޮޅު ނުޖެހޭ ކަންތައްތަކެއް ކަމަށެވެ. ޚާއްޞަކޮށް ޓެކްސްގެ ގާނޫނަށް ގެނެވޭ އިސްލާހަށް އިޝާރާތް ކުރައްވައި، ޓެކްސް ނުދެއްކިއްޔާ ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށް، އެވަރުން ނުފުދިގެން ޖަލަށް ލެވޭނެ ކަމަށް އެ ގާނޫނުގައިވާ ކަމަށް ސާލިޙް ވިދާޅުވިއެވެ. އެހެންނަމަވެސް، ވިޔަފާރިވެރިންނަށް ސަރުކާރުން ދޭންޖެހޭ ފައިސާ މިހާރު 8 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށް ސާލިޙް ވިދާޅުވިއެވެ.

"ޓެކްސް ނުދެއްކީމާ ކުރަންޖެހޭނެ ޖޫރިމަނާ އަދަބުވެސް ދޭންޖެހޭނެ، އެކަމަކު ކޮބައިތޯ ވިޔަފާރިވެރިންނަށް ސަރުކާރުން ދޭން އޮތް ލާރި މިހާރު އަރައިފި އަށް ބިލިއަން ރުފިޔާއަށް، އެ ލާރި ދީފައި ވިދާޅުވެ ޓެކްސް ދައްކާށޭ،" ރައީސް ސާލިޙް ވިދާޅުވިއެވެ.

މިކަމުގެ މިސާލުތަކެއް ދެއްވަމުން ރައީސް ސާލިޙް ވިދާޅުވީ، އެއް ވިޔަފާރިވެރިއަކާ އިއްޔެ ބައްދަލުކުރެއްވިއިރު އޭނާއަށް އެކަނިވެސް ސަރުކާރުން ދޭންޖެހޭ ތިރީސް އަށް މިލިއަން ރުފިޔާ އެބަހުރި ކަމަށާއި، އޭގެ ތެރޭގައި 2024 ވަނަ އަހަރުގެ ބިލުވެސް ހިމެނޭ ކަމަށެވެ. އަދި އެހެން ވިޔަފާރިވެރިއަކަށް އެއް މަސް ދޮޅުމަސް ކުރިން ފަސްދޮޅަސް މިލިއަން ރުފިޔާ ދޭން ހުރި ކަމަށް ވިދާޅުވެ، މިފަދަ ހާލަތެއްގައި ވިޔަފާރި ކުރެވޭނީ ކިހިނެއްތޯ، އެމަނިކުފާނު ސުވާލު ކުރެއްވިއެވެ.

"ދެން މި ބުނަނީ ޓެކްސެއް ނުދެއްކޭ ޓެކްސް ނުދައްކާ ކަމަށް ވަންޏާ ޖަލަށޭ ލާނީ މިއީ ދެކޮޅު ޖެހޭ ކަމެއް ނޫން،" ރައީސް ސާލިޙް ވިދާޅުވިއެވެ.

ރައީސް ސާލިޙް ވިދާޅުވީ ފުރަތަމަ ހަމަމަގަށް އަޅުވަން ޖެހޭނީ ސަރުކާރު ކަމަށާއި، ދައުލަތަށް ދައްކަންޖެހޭ ޓެކްސް ދައްކަން ބުނަންޖެހޭނީ ރައްޔިތުންނަށް ދޭންޖެހޭ ފައިސާ ދިނުމަށްފަހު ކަމަށެވެ. ސަރުކާރުން ދޭންޖެހޭ ފައިސާ ނުދޭތީ ކަންމަތީ ފިހާރަތައް ބަނގުރޫޓުވެ، ހޯލްސޭލް ފިހާރަތައް ބޭންކަށް ދަރާ ނިމިފައިވާ ކަމަށް ވިދާޅުވެ، ކޮންސްޓްރަކްޝަން އިންޑަސްޓްރީ އާއި އެހެނިހެން މަސައްކަތްތެރިންވެސް ހަދާނެ ގޮތް ހުސްވެފައިވާ ކަމަށް ރައީސް ސާލިޙް ވަނީ ފާހަގަކުރައްވާފައެވެ.

"މުޅި ޤައުމު ނިކަމެތިކޮށްލާ ރައްޔިތުން ހަނާވެއްޖެ. އެ ބޭފުޅުން އެ ވިދާޅުވާ ބަހުން އެކަންވެސް އެ ކުރައްވަނީ އެ ބޭފުޅުން. އެހެންވީމާ އަޅުގަނޑުމެން ދެން ފުރުޞަތު ދީގެން ތިބެފިއްޔާ ދެން ވާނެ ގޮތް އަޅުގަނޑު މި ދަންނަވާ ހެން،" ރައީސް ސާލިޙް ވިދާޅުވިއެވެ.

މިކަން ހަމަމަގަށް އެޅުވުމަށްޓަކައި އެންމެން އެކީ އެކައްޗަކަށް ނިކުތުމަށް ރައީސް ސާލިޙް ވަނީ ގޮވާލައްވާފައެވެ. އަދި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަކީ މިކަމުގައި މުހިންމު އިންތިހާބެއް ކަމަށްވެސް ރައީސް ސާލިޙް ވިދާޅުވިއެވެ.

މި ސަރުކާރުން އަމިއްލަ ކުންފުނިތަކަށް ދޭންޖެހޭ ފައިސާ ނުދޭ ކަމަށް ވިދާޅުވެ ރައީސް ޞާލިހު ވާހަކަފުޅު ދެއްކެވިއިރު އެމަނިކުފާނުގެ ވެރިކަމުގައި އަމިއްލަ ކުންފުނިތަކަށް ދޭންޖެހޭ ފައިސާ ނުދީގެން ކުންފުނިތަކުން އިހުތިޖާޖުކޮށް ޝަރީޢަތަށް ވެސް ގޮސްފައިވެއެވެ. އަދި އެފައިސާގެ ބޮޑުބައެއް ދެއްކީ ވެސް މިހާރުގެ ސަރުކާރުން ނެވެ.



ކިޔުންތެރިންގެ ހިޔާލު