ރައީސް މުޢިއްޒާއި އެމްޕީ ޝުޖާ ޖަލްސާ އެއްގައި ބައިވެރިވެވަޑައިގަންނަވަނީ
ރައީސް މުޢިއްޒާއި އެމްޕީ ޝުޖާ ޖަލްސާ އެއްގައި ބައިވެރިވެވަޑައިގަންނަވަނީ
ސޯޝަލް މީޑިއާ ބްލޮކްކޮށް ނުވަތަ ރެގިއުލޭޓް ކުރުމުގެ އެއްވެސް ވިސްނުންފުޅެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ނުގެންގުޅުއްވާކަމަށް ޕީއެންސީގެ ޕާލިމެންޓްރީ ގުރޫޕްގެ ޑެޕިއުޓީ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ސުޖާއު (ޝުޖާ) މިއަދު ވިދާޅުވެއްޖެއެވެ.

ސުޖާއު މިފަދައިން ވިދާޅުވީ މަޖިލީހުގެ ކޮމެޓީގައި މިހާރު އޮތް މީޑިއާ ބިލުން ސޯޝަލް މީޑިއާ ރެގިއުލޭޓްކޮށް، ފޭސްބުކް، ޓިކްޓޮކް އަދި ޓްވިޓަރ ފަދަ އެކައުންޓްތަކަށް ހިނގާނެ ކަމަށް ބުނެ ދެކެވެމުންދާ ވާހަކަތަކާއި ގުޅިގެން އެކްސް (ކުރީގެ ޓްވިޓަރ) މެދުވެރިކޮށް ކުރެއްވި ޕޯސްޓެއްގައެވެ.

ޝުޖާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއްގައި މިހާރު އޮތް މީޑިއާ ބިލަކީ ސޯޝަލް މީޑިއާ ރެގިއުލޭޓް ކުރެވޭ ގޮތަށް އޮތް ބިލެއް ކަމަށް ބުނެ ދެކެވޭ ވާހަކަތަކަކީ ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި މި ބިލަށް ބަންޑާރަ ނައިބު ހުށައެޅުއްވި އިސްލާހުތަކާއެކު މީޑިއާތަކުގެ ކަންބޮޑުވުންތައް ފިލާގޮސްފައިވާކަން އެނގިވަޑައިގަންނަވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި މީޑިޔާ ބިލާއި ގުޅޭގޮތުން މިހާރު މި ދެކެވޭ ވާހަކަތަކަކީ އިދިކޮޅު އެމްޑީޕީ އަޑީގައި އޮވެގެން ޤައުމު ހަލަބޮލި ކުރެވޭނެ ގޮތެއް ހޯދުމަށް ކުރަމުންދާ މަސައްކަތެއް ކަމަށް ސުޖާއު ސިފަކުރެއްވިއެވެ. އަދި މިފަދަ ކަންކަމަށް އެއްވެސް ފަރާތަކުން ޖާގަ ދީގެން ނުވާނެކަމަށް ޝުޖާ ވިދާޅުވިއެވެ.

ދިވެހި ޒުވާނުންނަކީ މިކަހަލަ ދޮގު މައުލޫމާތުތަކަށް ހެއްލޭނެ ބަޔެއް ނޫންކަން ފާހަގަކުރައްވަމުން ސުޖާއު ވިދާޅުވީ، ދިވެހި ޒުވާނުންނަކީ ތިޔަ ދެކޭހާ ވިސްނުން ކޮށިބައެއް ނޫން ކަމަށެވެ. އެ ޒުވާނުން ދިވެހި ޤައުމާ މެދު މާޒިންމާދާރު ކަމާއެކު ވިސްނާނެ ކަމަށާއި، ރައީސް ޑރ. މުޢިއްޒު ސޯޝަލް މީޑިއާ ބްލޮކްކޮށް، މީޑިއާ ރެގިއުލޭޓް ކުރުމުގެ ވިސްނުންފުޅެއް ނުގެންގުޅުއްވާނެކަން އެ ޒުވާނުންނަށް މާ ސާފުކޮށް އެނގޭނެ ކަމަށް ޝުޖާ ވިދާޅުވިއެވެ.

ޝުޖާ މިހެން ވިދާޅުވެފައިވާއިރު މީޑިޔާ ބިލުން ރައްޔިތުން ބޭނުންކުރާ ޝޯޝަލް މީޑިޔާ އެކައުންޓް ތަކަށް ނުހިނގާނެ ކަމަށް ބަންޑާރަ ނައިބު ވެސް ވަނީ ވިދާޅުވެފައެވެ.

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފައިވާ މީޑިއާ ކޮންޓްރޯލް ބިލާ މެދު ކޮންމެ މީހަކަށް ވެސް ޚިޔާލު ފާޅުކުރެވޭ ގޮތަށް އޯޕެން ފޯރަމެއް ބާއްވަން ނޫސްވެރިން ތަކެއް ވަނީ ނިންމާފައެވެ.



ކިޔުންތެރިންގެ ހިޔާލު