ރިޔާސީ ދައުރު ދަންމާލުމަކީ ގޯސްކަމެއް ނޫން ކަމަށާއި އެކަމަށް ތާއިދުކުރަށްވާ ކަމަށް މައްޗަންގޮޅީ އުތުރު ދާއިރާގެ ޕީއެންސީގެ މެންބަރު އިބްރާހިމް މުހައްމަދު (ޖަނާބު) ވިދާޅުވެއްޖެއެވެ.

"މެންދުރު ޓީވީ" ގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން މައްޗަންގޮޅީ އުތުރު ދާއިރާގެ ޕީއެންސީގެ މެންބަރު އިބްރާހިމް މުހައްމަދު (ޖަނާބު) ވިދާޅުވީ، ސަރުކާރުން މިހާރު ކުރިއަށްގެންދާ ގައުމަށް ފައިދާހުރި މަޝްރޫއުތަކާއި، ގައުމީ ސިޔާސަތުތައް ފަހުން އަންނަ ސަރުކާރަކުން ބަދަލުކޮށްލުމުގެ ފުރުސަތު އޮތް ކަމަށެވެ. އެހެންވިޔަ ނުދިނުމަށް ރިޔާސީ ދައުރު ދަންމާލުމަކީ މަައްސަލައެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

ޖަނާބު ވިދާޅުވީ ޤައުމީ މަޞްލަޙަތުތައް ހިމާޔަތްކުރުމަށްޓަކައާއި، ތަރައްޤީގެ މަޝްރޫޢުތައް މެދުނުކެނޑި ކުރިއެރުވުމަށް ދައުރު ދަންމާލުން މުހިންމު ކަމަށެވެ. ޖަނާބު ވިދާޅުވީ ދިވެހިރާއްޖެއަކީ މުސްލިމު ދައުލަތެއް ކަމަށް ވާއިރު، ރާއްޖޭގެ ސްޓެބިލިޓީއާއި އިކޮނޮމީ ހިމާޔަތްކޮށް، ރާއްޖޭގެ އިސްތިޤްލާލު ނެގެހެއްޓުމަކީ ހަގީގަތުގައި އަންނަ ކޮންމެ ސަރުކާރަކުވެސް ލާޒިމު ވާޖިބެއް ކަމަށެވެ. ރާއްޖޭގެ ސިޔާސީ ޓްރެންޑަށް ބަލާއިރު، ވަރަށް ހަރުދަނާ މަސައްކަތްތައް ސަރުކާރަކުން ފެށުމުންވެސް، ދެން އަންނަ ސަރުކާރަކުން ސިޔާސީ ވާދައިގެ ސަބަބުން އެކަން ނުކުރާ ކަމަށް ޖަނާބު ފާހަގަކުރެއްވިއެވެ.

މިކަމުގެ މިސާލެއްގެ ގޮތުން ޖަނާބު ފާހަގަކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މާލޭގެ ރައްޔިތުންނަށް، ނުވަތަ މާލޭ ސަރަހައްދުގައި ދިރިއުޅޭ، މާލޭގައި ފަސްދޮޅަސްހާސް ރައްޔިތުންނަށް ގެދޮރު ހެދުމަށްޓަކައި ބިން ދޫކުރުމަށް ކުރިއަށް ގެންދާ މަޝްރޫޢުއެވެ. މި މަޝްރޫޢުއަކީ ރައްޔިތުންނަށް ދިގު މުއްދަތެއްގައި ފައިދާ ކުރާނެ މަޝްރޫޢުއެއް ކަމުގައި ޖަނާބު ވިދާޅުވިއެވެ.

ނަމަވެސް، އެހެން ބަޔަކު އައިސް އެތަން ހުއްޓާލައި ނުވަތަ އެތަން ފަސްތައް އެހެން ތަނަކަށް އަޅާފައި ބޭރު ބަޔަކަށް ވިއްކާލައިފިނަމަ ގެއްލުންވާނީ ކޮންބަޔަކަށްތޯ އޭނާ ސުވާލުކުރެއްވިއެވެ.

"ފިކުރަކީ ތަފާތު އެއްޗެއް، ވިސްނުމަކީ ތަފާތު އެއްޗެއް، އައިޑިއާއަކީ ތަފާތު އެއްޗެއް،" ޖަނާބު ވިދާޅުވިއެވެ.

ޖަނާބު އިތުރަށް ވިދާޅުވީ ދެން އަންނަ ވެރިކަމެއްގައި އެ ބޭފުޅުންނަށް މިއީ ރައްޔިތުންނަށް ބިން ދޭން ހިއްކާ ތަނެއް ކަމަށް ނުދެކިދާނެކަމަށެވެ. އޭގެ ބަދަލުގައި އަމިއްލަ މަޞްލަޙަތު އޮތް ކޮންމެވެސް ކުންފުންޏަކަށްވެސް އެތަން ދީފާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންކަމުން، "ގްރޭޓާ ގުޑް" ނުވަތަ މުޅި މުޖުތަމަޢުގެ ފައިދާއަށްޓަކައި ރާއްޖޭގެ ރިޔާސީ ދައުރު ދަންމާލުމަކީވެސް ހަމަ ގޯސްކަމެއް ނޫން ކަމަށާއި، އެކަމަކީ މަޝްވަރާ ކުރެވިދާނެ ކަމެއް ކަމަށް ޖަނާބު ވިދާޅުވިއެވެ.

ރިޔާސީ ދައުރު ދަންމާލަން ސަރުކާރުން ވިސްނާތޯ އަދި އެ މަސައްކަތް ފަށަން ޖަނާބު ގަސްދުކުރައްވަންތޯ ޕްރޮގްރާމްގައި ސުވާލު ކުރުމުން އޭނާ އެކަމަށް ސީދާ ޖަވާބެއް ނުދެއްވައެވެ. ނަމަވެސް އެ ސުވާލުގެ ބަދަލުގައި ވިދާޅުވީ ރިޔާސީ ދައުރު ދަންމާލަން އޭނާ ތާއީދު ކުރައްވާ ކަމަށެވެ. އަދި އެކަމަށް ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ބޭނުންވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

" އެކްސްޕާޓް އޮޕީނިއަން ބޭނުންވާނެ، ކެބިނެޓުގެ މަޝްވަރާ ބޭނުންވާނެ، މަޖިލީހުގެ މަޝްވަރާ ބޭނުންވާނެ، "އަޅުގަނޑު ތި ހިޔާލަށް އަނެއްހެން ދަންނަވަންޏާ ތާއީދު ކުރަން، އެނގޭތޯ އަޅުގަނޑު ދެކޮޅެއް ނޫން ތިކަމާ." ޖަނާބު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު