ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު އައްބާސް
ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު އައްބާސް
ގައުމަށް ވަންނަ ފައިސާއިން ދައުލަތުގެ ދަރަނި ދެއްކެން ނެތުމަކީ ހިތާމަހުރި ކަމެއްކަމަށް ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު އައްބާސް ވިދާޅުވެއްޖެއެވެ.

އައްބާސް ވިދާޅުވީ ގައުމަށް ވަންނަހާ ފައިސާއެއް ވަކި ބޭފުޅެއްގެ ސިޔާސީ ފައިދާ އަށް ހަރަދުކޮށް ދައުލަތުގެ ދަރަނި ދެއްކޭނެ ގޮތެއް ނެތިގޮސްފައިވާކަމަށާއި، އަދި މިކަން މިހެން ވެގެން ދިއުމަކީ ހިތާމަހުރިކަމެއް ކަމުގައެވެ.

އައްބާސް މިހެން ވިދާޅުވެފައިވަނީ ދައުލަތުގެ ބަޖެޓުން މި އަހަރުގެ މިހާތަނަށް މުސާރައާއި އިނާޔަތްތަކަށް އަދި ޕެންޝަނަށް ކުރި ހަރަދު އެތައް ސަތޭކަ މިލިއަނުން އިތުރުވެފައިވާކަން ފިނޭންސް މިނިސްޓްރީން ހާމަކުރުމާއެކުއެވެ. ފިނޭންސް މިނިސްޓްރީން މިއަދު އާންމުކުރި މާލީ ހިސާބުތަކުން ދައްކާގޮތުގައި މިހިނގާ ސެޕްޓެމްބަރު 4 އާއި ހަމައަށް ސަރުކާރުން ވަނީ ޖުމްލަ 9.5 ބިލިއަން ރުފިޔާ، މުސާރައާއި އިނާޔަތްތަކަށް އަދި ޕެންޝަނަށް ހަރަދު ކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 575.4 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.

މުސާރައާއި އިނާޔަތްތަކަށް އަދި ޕެންޝަނަށް ކުރި ހަރަދު އެތައް ސަތޭކަ މިލިއަނުން އިތުރުވެފައިވާކަން ފާހަގަކުރައްވައި އައްބާސް ވިދާޅުވީ ދައުލަތަށް ވަންނަހާ ފައިސާއިން ރައީސް ޑރ. މުއިއްޒު ބޭނުންފުޅުވާ ސިޔާސީ ބޭފުޅުންނަށް މުސާރަ ދިނުން ނޫންކަމެއް ނުކުރައްވާކަމަށެވެ. އަދި ދައުލަތުގެ ދަރަނި ބޮޑުވެ ތަކެތީގެ އަގު މަތިވެ ރައްޔިތުންގެ އަތްމަތި ދަތިވެ ގޮތްހުސްވާ ހިސާބަށް ގައުމުގެ ހާލަތު ގޮސްފައިވާކަމަށްވެސް އައްބާސް ވިދާޅުވިއެވެ.



ފިނޭންސް މިނިސްޓްރީން މިއަދު އާންމުކުރި މާލީ ހިސާބުތަކުން ދައްކާގޮތުގައި މިހިނގާ ސެޕްޓެމްބަރު 4 އާއި ހަމައަށް ދައުލަތުގެ ބަޖެޓުން މިއަހަރު ޖުމްލަ 25.4 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ. މިއީ ނިމިގެންދިޔަ އަހަރު މި މުއްދަތުގެ ތެރޭގައި ކޮށްފައިވާ ޚަރަދާ އަޅައިބަލާއިރު 15.5 އިންސައްތަ ދަށް އަދަދެކެވެ. އެއާއެކު، ދައުލަތުގެ ބަޖެޓުގެ އޯވަރއޯލް 868.7 މިލިއަން ރުފިޔާގެ ސަރޕްލަސެއްގައި ދެމެހެއްޓިފައިވާ ކަމަށް ރިޕޯޓްގައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު